އަރަތެއް: ލިބޭ ޑޮލަރާ ޑޮލަރުން ނަގާ ޓެކްސް އިތުރު: ރިޒާވްދަށް!

ސަރުކާރުން ހިންގާ މާލީ ޖަރީމާތައް ހުއްޓުމެއްނެތި ދަނީ ބާރަށް ކުރިއަށް

އަރަތެއް: ލިބޭ ޑޮލަރާ ޑޮލަރުން ނަގާ ޓެކްސް އިތުރު: ރިޒާވްދަށް!

ބޮއްސުންލާފައިވާ ސަރުކާރުގެ މާލީ ހާލަތު ރަނގަޅު ކުރަން ފައިދާ ކުރަނިވި ރަނގަޅު ސިޔާސަތެއް އަދިވެސް ސަރުކާރަށް ތަންފީޒެއް ނުކުރެވެއެވެ. މުއިއްޒުގެ ނުކުޅެދުންތެރި ސަރުކާރުގެ އަމަލުތައް އަދިވެސް ހުރީ ގޯހުން ގޯހަށެވެ. ކަމަކީ އިންތިހާ ދަރަޖައަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

ސިޔާސީ މުވައްޒަފުން ގިނަ ކުރުމެއް ނުހުއްޓައެވެ. ސަރުކާރު ކުންފުނިތައް އެއްކުރިޔަސް ހާހުން ނަގާފައިވާ ސިޔާސީ ވަޒީފާތަކެއް މަދެއް ނުވެއެވެ. ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާއެވެ. ސަރުކާރުގެ ވުޒާރާތައް މަދެއް ނުކުރެއެވެ. އިސްރާފު ކުޑަ ކުރަނީ އަނގައިންނެވެ.

މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް އިތުބާރު ގެއްލުވާލައިފިއެވެ. ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް (ޕީއެފްއެމް) ހަރުދަނާ ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ. ސަރުކާރުން ރާވައިގެން ހިންގާ މާލީ ޖަރީމާތައް ހުއްޓުމެއްނެތި ދަނީ ބާރަށް ކުރިއަށެވެ.

ވިޔަފާރިތައް އެއްކޮށް އިނދަޖެހެނީއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓިއްޖެއެވެ. އިންފްލޭޝަން މަތިވެގެން ގޮސް ބާޒާރުގައި ހުރި މުދަލަށް އަތެއް ނުފޯރައެވެ. މަސްވެރިންނަށް މަހުގެ ހަމަ އަގު ނުލިބި ދޯނި ފަހަރުގައި މަހަށް ފުރުމަކީ ދެކޮޅު ނުޖެހޭ ކަމަކަށްވެ މަސްވެރިކަން ފުޑިއްޖެއެވެ.

ޓޫރިޒަމުން ލިބޭ އާމްދަނީގެ މިންވަރު ކުރިއަށް ވުރެ މައްޗެވެ. އެހެނަސް ޑޮލަރު ކަޅުބާޒާރުގައި ހުރީ ވިހީގެ މަތީގައެވެ. އެހެން ދިމާވަނީ މާލީ ޑިސިޕްލިން ގާއިމު ކުރުމުގައި ނުކުޅެދުންތެރި ކަމުންނެވެ. އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަށް މުއައްސަސާތައް ވަރުގަދަ ކުރުމަށް އަވަސް ފިޔަވަޅު ތަކެއް ނާޅާތީއެވެ. ދައްކަނީ ހުސް ވާހަކައެވެ. ކުޅެނީ ސިޔާސީ ޗަރުކޭހެވެ. 

އެންމެ ފަހުން ރާއްޖޭގެ މާލީ ހާލަތަށް ރިއާޔަތްކޮށް ރޭޓިން ދަށްކުރީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީއެއް ކަމުގައިވާ މޫޑީސް އިންނެވެ. މޫޑީސް އިން ރާއްޖެ ސީއޭއޭ2 އަށް އޮތީ ދަށްކޮށްފައެވެ. މޫޑީސްއިން ހަމަ އެކަނި ރޭޓިންގ ދަށްކުރީއެއް ނޫނެވެ. އިތުރަށް ޑައުންގްރޭޑް ކުރުމަށް ރިވިއުގެ ހާލަތަށް ވެސް އޮތީ ގެނެސްފައެވެ. ރާއްޖޭގެ މުއައްސަސާތަކުގެ ގާބިލުކަން ދަށްވެ ސަރުކާރު ހިންގުން ދޯދިޔާ ވުމުން ބައިނަލްއަގުވާމީ މާލީގުޅުންތައް ނުރައްކާތެރި ހާލަތަކަށް ވެއްޓި އުންމީދު ވަނީ ކެނޑިފައެވެ. މާލީ ނުތަނަވަސް ހާލަތުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާބިލުކަން ސަރުކާރުގައި ހުރިކަމަކަށް މާލީ އިދާރާތަކާއި ރޭޓިން އެޖެންސީ ތަކުން ނުދެކެއެވެ. 

މޫޑީސް ގެ އެސެސްމަންޓުން ދުނިޔެއަށް ދައްކުވައިދޭ ހަގީގަތެއް އެބައޮތެވެ. ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުތަނުން އިތުރުވި އިރުވެސް ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ. ބޭރު ފައިސާގެ ރިޒާވް ދަށްވުމުން ދަރަނި އަދާ ނުކުރެވުމުގެ ބިރު (ޑިފޯލްޓް ރިސްކް) ބޮޑުކަމެވެ. "ފިސްކަލް ޓްރާންސްޕޭރަންސީ" ނެތުމަކީ ނުރައްކަލުން އަރައި ގަތުމަށް ސަރުކާރުގެ އިހުލާސްތެރި ނިޔަތް ނެތްކަމަށް މުޅި ދުނިޔެ ގަބޫލުކުރާ އެއް ސަބަބެވެ. މައުރޫފް ޒާކިރު ބުނާހެން ފިނިފެން މަލެއް ހިފައިގެން ގޮސް ބަންކަރިން ފެއްޓިޔަސް ރާއްޖެއަށްވާނެ މޮޅެއް އަދިނެތެވެ.