ހަދާ އެއްބަސްވުމަކީ މަތިން ތިރިއަށް ހިނގާ އަމުރެއް ނޫން: ޑރ. ސަވާދު

ދިވެހި ދައުލަތުން ދިވެހި ރައްޔިތަކާ އެކު ހަދާ އެއްބަސްވުމަކީ މަތިން ތިރިއަށް ހިނގާ އަމުރެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބެއް ކަމުގައިވާ ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ. ޑރ. ސަވާދު ވިދާޅުވަނީ އެއީ ގާނޫނުގެ ތަރަހައިން ހިންގާ މުއާމަލާތެއް ކަމުގައެވެ.
ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ 14ވަނަ މާއްދާއާއި ހަވާލާދެއްވާ ސަވާދު ވިދާޅުވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ވެފައިވާ އެއްބަސްވުމަކީ " މަޖުބޫރުކަމެއް ނެތި ހަމަ ބުއްދި ސަލާމަތުންހުރެ" ވެފައިވާ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމަކީ މަތިން ތިރިއަށް ހިނގާ އަމުރެއް ނޫން ކަމަށެވެ.
ދައުލަތުން ހަދާ އެއްބަސްވުންތަކަކީ ގާނޫނީ ބަދަލެއް ނުދީ ސަރުކާރުން އަމިއްލައަށް ނެރޭ އިއުލާނަކުން، އެންގުމަކުން ނުވަތަ އުސޫލަކުން ބާތިލްކުރެވޭނެ އެއްޗެއްނޫން ކަމަށް ސުޕްރީމްކޯޓުގެ 2022/SC-A/78 ހުކުމުގައި ޖަސްޓިސް އަޒްމިރާލްދާ ވަރަށް ނަލަކޮށް ބަޔާން ކުރައްވާފައިވާކަން ވެސް ޑރ. ސަވާދު ފާހަގަކުރައްވައެވެ. އެއީ ކޮންޓްރެކްޓު ގާނޫނުގެ އަސާސީ ސިފައެއް ކަމަށް ސަވާދު ވިދާޅުވެއެވެ.
އެހެންކަމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 1 ޖުލައި 2025 ގައި ނެރުނު އިއުލާނުން ކުރިން ހެދި އެއްބަސްވުންތައް "އުވިގެންގޮސްފައިވާތީ" ކަމަށް ބުނުމަކީ ކޮންޓްރެކްޓް ގާނޫނާ ހިލާފު ނިންމުމެއްކަމަށް ގާނޫނީ އިލްމުވެރިޔާ ޑރ. ސަވާދުވެއެވެ.
ސަރުކާރުން ކުރިން ހެދި އެއްބަސްވުމުން ދިން ގޯތީގެ ބަދަލުގަ ގޯއްޗެއް ރަޖިސްޓްރީ ކޮށްނުދީ ކުރިން ހެދި އެއްބަސްވުން އުވުނީކަމަށް ގަބޫލުކުރުވަން އުޅުމަކީ ފަރުދުންގެ އަމިއްލަ އިހުތިޔާރުގެ މައްޗަށް ދައުލަތުގެ އަމުރު މަޖްބޫރުކުރުވުން ކަމަށް ބެލުމުގެ ގާނޫނީ ޖާގަ އޮންނާނެކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. ސަވާދު ވިދާޅުވިއެވެ. ސަރުކާރުން ކުރިން ހެދި އެއްބަސްވުމުން ދިން ގޯތީގެ ބަދަލުގަ ގޯއްޗެއް ރަޖިސްޓްރީ ކޮށްނުދީ ކުރިން ހެދި އެއްބަސްވުން އުވުނީކަމަށް ގަބޫލުކުރުވަން އުޅުމަކީ އެއީ އޮޅުވާލުމެއްކަމަށާއި ފްރޯޑެއްކަމަށް އެކްސްގައި ޕޯސްޓެއް ކުރައްވާ ޑރ. ސަވާދު ވިދާޅުވިއެވެ.