އީއީޒެޑްގެ ފުށުއެރުން ހައްލުކުރުން ގާނޫނާ ޚިލާފީ ކީއްވެ!

ގާނޫނީ ތާކިހަލުގައި ރައްޔިތުންނަށް އޮޅުވާލުމަކީ ބޮޑު ގޯހެއް!

އީއީޒެޑްގެ ފުށުއެރުން ހައްލުކުރުން ގާނޫނާ ޚިލާފީ ކީއްވެ!

ދިވެހި ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ގާނޫން އަސާސީގައި ބަޔާން ކޮށްފައި އެބަ އޮތެވެ. ގާނޫން އަސާސީގެ 3 ވަނަ މާއްދާ ގައި ވަނީ އަންނަނިވި އިބާރާތުންނެވެ. " ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންނެވެ." 

1. ދިވެހިރާއްޖޭގެ ސަރަހައްދު: ދިވެހިރާއްޖޭގެ ސަރަހައްދަކީ ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.

2. އާކިޕެލަޖިކް ބޭސްލައިން: ރާއްޖޭގެ ބޭސް ލައިނަކީ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ރާއްޖޭގެ ބޭރުދުނިން އެންމެ ބޭރަށް ނިކުމެފައިވާ 37 ނުކުތާ، އެއް ނުކުތާ އަނެއް ނުކުތާއާއި ތެދުރޮގުން ގުޅާލެވި ވަށާޖެހިފައިވާ ރޮގެވެ. 

3. ރާއްޖޭގެ ސަރަހައްދީ ކަނޑު: ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބުނާ ރާއްޖޭގެ ސަރަހައްދީ ކަނޑަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ (ޓެރިޓޯރިއަލް ސީ) ސަރަހައްދެވެ.

އެހެން ކަމުން ދިވެހިރާއްޖޭގެ ސަރަހައްދަކީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިނުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވުކަން އޮޅުމެއް ނެތިއެނގެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންނޫނީ ބަދަލެއް ގެނައުން ގާނޫނު އަސާސީގެ ތިންވަނަ މާއްދާއިންނާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއިން މަނާ ކުރަނީ އާކިޕެލެޖިކަލް ބޭސްލައިގެ އެތެރެއާއި ބޭސްލައިންގެ ބޭރުން 12 ނޯޓިކަލް މޭލުގައި ހިމެނޭ ޓެރެޓަރީއެވެ. ހާއްސަ އިގްތިސާދީ ސަރަހައްދަށް އަންނަ ބަދަލަކުން ކުރިން ބުނި ޓެރެޓަރީއަށް ބަދަލެއް ނާންނަހާ ހިނދު އިގްތިސާދީ ސަރަހައްދަށް ބަދަލު ގެނައުމުގެ ބާރު ސަރުކާރަށް ގާނޫނު އޮތީ ދީފައެވެ. 

އެކަން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ސާފުކޮށް ބުނެދީފައި އެބައޮތެވެ. ކަނޑުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ، ފުށުއަރާ ދިމާއަކާ ބެހޭގޮތުން އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއިކުރެވޭ އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަކަށް އެ ޤާނޫނު ހުރަސް ނާޅާކަމަށެވެ.

އަދިކިއެއް ހެއްޔެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ)ވެސް އެކަމަކަށް ހުރަހެއް ނާޅައެވެ. އެމާއްދާގެ (ށ) ބުނަނީ " މި މާއްދާގެ (ހ)ގައި އެހެން އޮތްނަމަވެސް މި މާއްދާގައިވާ ގޮތުގެ މަތީން ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަހައްދަށް ގެނެވޭ އެއްވެސްބަ ދަލަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ކަމުގައި ވާނަމަ އެއިން އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އެބުނެދޭ އެތި ވަރަށް ސާފެވެ. ހާއްސަ އިގްތިސާދީ ސަރަހައްދަށް ގެންނަ ބަދަލަކުން ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި އެބުނާ ރާއްޖޭގެ ސަރަހައްދު ( ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު) އަށް އެއްވެސް ބަދަލެއް އަންނަ ނަމަ އެބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ)ގައި އޮތީ ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަހައްދަށް ގެނެވޭ އެއްވެސްބަދަލަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ކަމުގައިވާ ވާހަކައެއް ނޫނެވެ. އެމާއްދާގެ (ށ)ގައި އޮތީ ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަހައްދަށް ގެނެވޭ އެއްވެސްބަދަލަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ކަމުގައިވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން އެބަދަލު ގެންނަ ވާހަކައެވެ. 

މޮރިޝަސްއާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހަމަ ޖެއްސުމުގައި ގާނޫނު އަސާސީ އެބުނާ ރާއްޖޭ ސަރަހައްދަކަށް އެކަމުގެ ސަބަބުން އެއްވެސް ބަދަލެއް ނާދެއެވެ. ރާއްޖޭގެ ސަރަހައްދަށް ބަދަލު ނާންނަހާ ހިނދު ހާއްސަ އިގްތިސާދީ ސަރަހައްދަށް އަންނަ ބަދަލު މަޖިލީހުން ފާސްކުރަން ނުޖެހޭކަން ސާބިތެވެ. މޮރިޝަސްއާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ހަމަ ޖެއްސުމަކީ ގާނޫނު އަސާސީ ހިލާފަށް ކުރިމެއް ނޫނެވެ. ގާނޫނީ ހަމަތަކުން ހިނގާ ނިމިދިޔަ ކަމެއްކަން ޔަގީނެވެ.