ޖެންޒީ-އިހުތިޖާޖު ބުނެދެނީ ސަރުކާރާ ޕާޓީތަކަށް އިތުބާރުނުކުރާކަން!

ޖެންޒީ-އިހުތިޖާޖު ބުނެދެނީ ސަރުކާރާ ޕާޓީތަކަށް އިތުބާރުނުކުރާކަން!

ސަރުކާރާ އެއްސަފުގައި ތިބި ފަރާތްތަކުން ޒުވާނުން ކުރިއަށްގެންދާ އިހުތިޖާޖުތައް ވަރަށް ބޮޑަށް އެމްޑީޕީއާ ގުޅުވައެވެ. ރާއްޖޭގައި ވިޔާނުދާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ ސަރުކާރާއި އެއްސަފުގައި ތިބޭމީހުން އެކަމެއް އެމްޑީޕީއަށް ފޮރޮޅާލައެވެ. ސަރުކާރުން ކުރާ ނޭންގާނި ކަންކަންވެސް އަޅުވަނީ އެމްޑީޕީ ބޮލުގައެވެ. 

ޒުވާނުން އިސްނަގައިގެން މިހާރު ކުރިއަށްގެންދާ އިހުތިޖާޖުތައް ސަރުކާރާ އެއްސަފުގައި ތިބި ފަރާތްތަކުން އެމްޑީޕީއާ ގުޅުވައި، ސިޔާސީކޮށް އަދި ކުށްވެރިކުރަން މަސައްކަތްކުރާ ކުރުމަކީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަންވެސް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވާ ގޮތުގައި މިހިނގާ އިހުތިޖާޖުތަކަކީ ސަރުކާރުގެ ސިއްރުވެރިކަމާއި އޮޅުވާލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ތެދުވެރިކަމާއެކު ކުރެވޭ ކަންތައްތަކެކެވެ.

ސަރުކާރާއި ސަރުކާރާއެއް ސަފުގައި ތިބޭމީހުން ފިކުރެއް ހިޔާލެއްނެތި ޒިންމާއިން ރެކުމަށް އެހެން މީހުންގެ ބޮލަށް ކަންކަން ކަނޑާލުމަކީ ނުރައްކާތެރި ސިގުނަލެކެވެ. ސަރުކާރުގެ ޒިންމާދާރު ކަމެއްނެތި ދައުލަތް ކައްޗާދުވުމަކީ ބިރުހުރިކަމެކެވެ.

ޒުވާނުން މަގުމައްޗަށް ނިކުމެ ސިލްސިލާ އިހުތިޖާޖުކުރާ ހިސާބަށް ގައުމު ފާލުންނެއްޓި ހީރަސް ކެނޑުމަކީ ވެރިންނަށް ވެރިކަމުގައި ދެމިތިބުމަށް އޮތް ގޮންޖެހުމެކެވެ. މިދާކަށް ދުވަހު ޒުވާނުން މަގުމައްޗަށް ނިކުތީ ވަރަށް އާދައިގެ ކަމެއްގައެވެ. ސަރުކާރުން ގެންގުޅޭ ތަފާތުކުރުން ނައްތާލުން އެދިގެންނެވެ. އާހިރުގައި ކަން ނިމުނީ ބޮޑުވަޒީރު ހަސީނާ ގައުމު ދޫކޮށް ފިލާ ރައްކާވުމުންނެވެ. 

އަލްއުސްތާޒު ފައްޔާޒު އިސްމާއީލު ވިދާޅުވާހެން ޒުވާނުން އިންސާފު ހޯދަން ނިކުތުމަކީ ދައުލަތުގެ މުއައްސަސާތަކާއި މީޑިއާ އަދި ސިޔާސީ ނިޒާމާއި ޕާޓީތަކުގެ މައްޗަށް އޮތް އިތުބާރު ގެއްލެމުންދާކަމުގެ ނުރައްކާތެރި ނިޝާނެކެވެ. ފައްޔާޒު ވިދާޅުވާހެން ގައުމުގެ އެކި ހިސާބުގައި ހުރި ކަންބޮޑުވުން ތަކުގެ އަޑު ސަރުކާރުން ރަނގަޅަށް އަޑުއަހައި، އިތުބާރު އަލުން ބިނާކުރުމަށް މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހތު ހުރި ގޮތެވެ. ހަގީގީ ޖަވާބަކަށް އެދޭ ގޮވާލުމެއް ބާރުގަދަ ނުކުރުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. ކަމުން ރެކުމަކީ ހަލާކަށް ދޮރުހުޅުވުމެވެ.