ދެ ދަރިން ހަވަނަ ބުރީގެ ބެލްކަނިން ވައްޓާލި ބައްޕައަކު ހައްޔަރުކޮށްފި

ހޮސްޕިޓަލަށް ގެންދިޔައިރުވެސް ދެ ކުދިންގެ ހޭ ހުރި

ދެ ދަރިން ހަވަނަ ބުރީގެ ބެލްކަނިން ވައްޓާލި ބައްޕައަކު ހައްޔަރުކޮށްފި

ޖަޕާނުގެ ގިފޫ ޕްރިފެކްޗަރގެ ކަކާމިގަހަރާ ސިޓީގައި ހުންނަ އެޕާޓްމަންޓެއްގެ ހަވަނަ ބުރީގެ ބެލްކަނިން، އޭނާގެ 4 އަހަރާއި 1 އަހަރުގެ ދެ އަންހެން ދަރިން ވައްޓާލި ކަމުގެ ތުހުމަތުގައި 25 އަހަރުގެ ބައްޕައަކު ހައްޔަރުކޮށްފިއެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ގަސްތުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ތުހުމަތުގައެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 4:20 އެހާއިރުއެވެ. މި ހާދިސާ ހިނގުމުގެ ކުރިން، ދެމަފިރިންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި ފިރިމީހާ އަނބިމީހާގެ އަތުގައި ބާރަށް ހިފި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސްފައިވެއެވެ.

ފުލުހުން އެތަނަށް ދިއުމުން، އެ މީހާ އެޕާޓްމަންޓަށް ފުލުހުން ވެއްދުމަށް އިންކާރުކޮށް ގޭތެރޭގައި މަޑުކުރިއެވެ. ކުއްލި ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި، ފުލުހުން ވަނީ އިމާރާތުގެ ތިރީގައި ރައްކާތެރިކަމުގެ މެޓްތަކެއް އަޅާފައެވެ.

ފުލުހުން އެޕާޓްމަންޓަށް ވަން ވަގުތު، އެ ބައްޕަ ވަނީ ދެ ކުދިން ބެލްކަނިން ތިރިއަށް ވައްޓާލާފައެވެ. ނަސީބަކުން ދެ ކުދިންވެސް ވެއްޓުނީ ފުލުހުން އަޅާފައިވާ މެޓްތަކުގެ މައްޗަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ދެ ކުދިންގެ ހޭ ހުއްޓެވެ. ލިބުނު އަނިޔާތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ޓޮމޮކާޒޫ މިއުރާއެވެ. ސުވާލުކުރުމުން އޭނާ މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.