ދިން ބޮމުގެ ހަމަލާއަކުން އަމާންކަމަށް އޮތް އިތުބާރު ކުޑަވެއްޖެ

ކުށްކުރުން މަދު، ސަލާމަތީ ކަންކަން ވަރުގަދަ، އާމްދަނީއާއި މުދަލުން ޓެކްސް ނުނަގާ ގައުމެއް

ދިން ބޮމުގެ ހަމަލާއަކުން އަމާންކަމަށް އޮތް އިތުބާރު ކުޑަވެއްޖެ

މޮނާކޯ: ދުނިޔޭގެ އެންމެ އަމާން ގައުމުތަކުގެ ތެރޭގައި ހިމެނޭ މޮނާކޯގައި، މީހަކު މަރާލުމަށްޓަކައި ދިން ބޮމުގެ ފުރަތަމަ ހަމަލާއާއި ގުޅިގެން އެ ގައުމުގެ ރައްކާތެރިކަމަށް އޮތް މަގުބޫލުކަމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ، މޮނާކޯގެ އަގުބޮޑު އެޕާޓްމަންޓް އިމާރާތެއްގެ ބޭރުގައި ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާގައި ޔޫކްރޭނަށް އުފަން އުމުރުން 58 އަހަރުގެ ވިޔަފާވެރިޔާ، ވަޑީމް ޔެރްމޮލޭވްއާއި، އިތުރު އަންހެނެއްގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

މޮނާކޯގެ ރަސްގެފާނު، އަލްބަރޓް ދެވަނަ ވަނީ މިއީ "ނުރައްކާތެރި ފިނޑި އަމަލެއް" ކަމަށް ސިފަކުރައްވައި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ރޭވުންތެރިކަމާއެކު މީހަކު މަރާލަން އުޅުމުގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ފުލުހުން ފޯރިމަރާ މިންވަރު އިތުރުކުރުމަށް ރަސްގެފާނު ވަނީ އަމުރުކުރައްވާފައެވެ.

ސެކިއުރިޓީ ކެމެރާތަކުން ފެންނަ ގޮތުގައި، މި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށްފަހު ފިލައިގެން ގޮސްފައިވަނީ އަވަށްޓެރި ފްރާންސަށެވެ. އެމީހާ ހޯދުމަށްޓަކައި ފްރާންސާއި މޮނާކޯގެ ފުލުހުން ގުޅިގެން މިހާރު ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މޮނާކޯއަކީ ސަލާމަތީ ގޮތުން ނަމޫނާ ގައުމެކެވެ. ގާތްގަނޑަކަށް 39000 މީހުންގެ އާބާދީއެއް އޮންނަ މި ކުޑަ ގައުމުގައި 556 ފުލުހުން ހަރަކާތްތެރިވެއެވެ. މިއީ ކޮންމެ 70 މީހަކަށް ފުލުހަކު ހުންނަ ނިސްބަތެކެވެ. މީގެ އިތުރުން، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި 1300 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާ ހަރުކޮށް، މީހުންގެ ވަނަވަރު ބަލައި ފާސްކުރުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކޮށްފައިވެއެވެ.

ނިމިދިޔަ އަހަރު މޮނާކޯގައި މީހަކު މެރުމުގެ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާއިރު، މި ބޮމުގެ ހަމަލާއަކީ އެ ގައުމުގެ ތާރީހުގައިވެސް ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ. މޮނާކޯގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ މި ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ.

މޮނާކޯއަކީ ކުށްކުރުން މަދު ގައުމެކެވެ. ސަލާމަތީ ކަންކަން ވަރުގަދަ ގައުމެކެވެ. އާމްދަނީއާއި މުދަލުން ޓެކްސް ނަގާ ގައުމެއްވެސް ނޫނެވެ. ދުނިޔޭގެ މަހުޖަނުންނާއި މަޝްހޫރު ފަރާތްތަކުގެ މެދުގައި މޮނާކޯއަކީ ދިރިއުޅުމަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ތަނެކެވެ.