6 މީހުންގެ ގްރޫޕަކުން 19 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި
3 މީހަކު ހައްޔަރުކޮށް އަނެއް 3 މީހުން ހޯދަނީ
އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ޕަލްގަރް ޑިސްޓްރިކްޓްގައި ހިމެނޭ ތަލަސާރީ ސަރަހައްދުގައި، 19 އަހަރުގެ އަންހެން ކުއްޖަކަށް ހަ މީހުންގެ ގުރޫޕަކުން ޖިންސީ ގޯނާކޮށް ރޭޕްކުރި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިންގާފައިވަނީ އެ އަންހެން ކުއްޖާގެ ލޯބިވެރިޔާއަށް އަނިޔާކޮށް، ބިރުދައްކައި އެތަނުން ފޮނުވާލުމަށް ފަހުގައެވެ.
މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ބާކީ ތިބި ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި، މި އަންހެން ކުއްޖާއާއި އޭނާގެ ލޯބިވެރިޔާ އޮގަސްޓް މަހުގެ 9 ވީ އާދީއްތަ ދުވަހު ގުޖުރާތުގެ އުމަރްގާއޯން އަށް ގޮސް އެނބުރި އަންނަނިކޮށް، ތަލަސާރީ ފުލުހުންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އާމްގާއޯން ސަރަހައްދުން އެމީހުން ދަތުރުކުރި ސައިކަލު ކަހާލައިގެން ވެއްޓުނީއެވެ.
އެ ވަގުތު އެކަހެރި އެ ސަރަހައްދުން އައި ސައިކަލެއްގައި ތިބި ތިން މީހަކު، މި ދެމީހުންނަށް ބިރުދައްކައި އިތުރު ތިން މީހަކަށް ގުޅައިގެން އެތަނަށް ގެނައެވެ. އެއަށްފަހު އެ ގުރޫޕުން ވަނީ އަންހެން ކުއްޖާގެ ލޯބުވެރިޔާއަށް ހަމަލާދީ، ބިރުދައްކައި އެ ސަރަހައްދުން ފޮނުވާލާފައެވެ.
އަންހެން ކުއްޖާ ތަލަސާރީގެ "ޑެގް ބަންގްލޯ" ކައިރީގައި އޮތް އެކަހެރި ތަނަކަށް ގެންގޮސް، އެ ހަ މީހުންވެގެން އެ ކުއްޖާ ރޭޕްކުރިއެވެ. މި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކޮށްފައިވާ އެ އަންހެން ކުއްޖާ، ހޯމަ ދުވަހު ތަލަސާރީ ފުލުސް ސްޓޭޝަނަށް ގޮސް މައްސަލަ ހުށަހެޅިއެވެ. އަދި ބިރުދައްކާ ފޮނުވާލި އޭނާގެ ލޯބިވެރިޔާވެސް ފަހުން ފުލުސް އޮފީހަށް ހާޒިރުވެ ބަޔާން ދީފައިވެއެވެ.
ފުލުހުން މިހާރު ވަނީ ގްރޫޕް ރޭޕްގެ މައްސަލައެއް ރަޖިސްޓްރީކޮށް، މައްސަލައިގެ ތަހުގީގު ފަށާފައެވެ. އަންހެން މީހާ ދިން ބަޔާނަށް ރިއާޔަތްކޮށް، ފުރަތަމަ އެކަކު ހައްޔަރުކުރިއިރު، އަންގާރަ ދުވަހު އިތުރު ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަނިޔާ ލިބުނު އަންހެން މީހާގެ މެޑިކަލް ޓެސްޓުތައް ވަނީ ހަދާފައެވެ. އޭނާގެ ހާލަތު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
ތަލަސާރީ ފުލުސް ސްޓޭޝަންގެ އިންސްޕެކްޓަރު އަޖޭ ގޯރާޑް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ބައިވެރިވި އިތުރު މީހުން ހޯދުމަށް މިހާރު ވަނީ ހާއްސަ ޓީމުތަކެއް އެކުލަވާލާފައެވެ.


