ކުޑަ ދެދަރިން މަރާލުމަށްފަހު ބައްޕަ ފުލުހުންނާ ހަވާލުވެއްޖެ
ދެ ދަރިން މަރާލީ ޓައީއެއް ކަރުގައި ބައްދާ ބާރުކޮށްގެން
ޖަޕާނުގެ ގުންމާ ޕްރިފެކްޗާގެ ހިމޭން ސަރަހައްދެއްގައި ބައްޕައަކު އޭނާގެ ދެ ދަރިން ނޭވާ ހާސްކޮށްލައިގެން މަރާލުމަށްފަހު ފުލުހުންނާ ހަވާލުވި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، އުމުރުން 42 އަހަރުގެ ތޮޝިނޯރީ އިނޯއޭގެ މައްޗަށް ތުހުމަތު ކުރެވެނީ، އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އޭނާގެ 6 އަހަރުގެ އަންހެން ދަރިފުޅު އަކާރީ އާއި 3 އަހަރުގެ ފިރިހެން ދަރިފުޅު ޝޫރީ އެމީހުން ދިރިއުޅޭ ގޭގައި މަރާލި ކަމަށެވެ.
ހިތާމަވެރި މި ހާދިސާ ފަޅާއެރީ، ކުދިންގެ މަންމަ ވަޒީފާ ނިންމާލުމަށްފަހު ގެއަށް އައިއިރު، ދެ ކުދިން އެނދުމަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުމުންނެވެ. އެމަޖެންސީ ޓީމުތަކުން ވަގުތުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، އެ ދެ ކުދިން ސަލާމަތެއް ނުކުރެވުނެވެ.
މި ހާދިސާ ހިނގިތާ ގާތްގަނޑަކަށް 30 މިނެޓު ފަހުން، އިނޯއޭ ވަނީ އަމިއްލައަށް ފުލުހުންގެ މަރުކަޒަކަށް ގޮސް އެ ކުދިން މަރާލިކަމަށް އިއުތިރާފުވެފައެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ ކުދިން މަރާލުމަށް ބޭނުންކޮށްފައިވަނީ ނެކްޓައިއެއް ކަމަށް ތަހުގީގަށް ވަނީ ކިޔައިދީފައެވެ.
މި ޖަރީމާ ހިންގަން މެދުވެރިވި ސަބަބެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


