ޑެންގީ ކޮންޓްރޯލްކުރުމަށް ސިފައިން ނެރެފި
މުޅި ގައުމުގައި ސާފުކުރުމުގެ ކެމްޕޭނެއް
ސްރީލަންކާގައި ޑެންގީ ހުން ފެތުރުން އިތުރުވެ، ހާލަތު ގޯސްވަމުންދާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަ، އަސްކަރިއްޔާގެ ތިން ސަފު ކަމަށްވާ އެއްގަމު ސިފައިންނާއި، ކަނޑުގެ ސިފައިން އަދި ވައިގެ ސިފައިން ނެރުވައިފިއެވެ.
ސިއްހީ އޮފިޝަލުން ހާމަކުރާ ގޮތުގައި، ދުވާލެއްގެ މައްޗަށް 1000 އަށްވުރެ ގިނަ މީހުން ޑެންގީ ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހެއެވެ. މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 50000 މީހުންނަށް ބަލިޖެހި، 29 މީހުން ވަނީ މަރުވެފައެވެ. މިއީ 2017 ވަނަ އަހަރު ކުރިމަތިވި ނުރައްކާތެރި ހާލަތާ އަޅާބަލާއިރު މަދު އަދަދެއް ނަމަވެސް، ބަލިޖެހޭ މީހުންގެ އަދަދު އިތުރަށް މަތިވެދާނެތީ ކަމާބެހޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްރީލަންކާގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން އިންޒާރު ދީފައިވާ ގޮތުގައި، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން، ކޮލަމްބޯގައި ހުންނަ ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ހޮސްޕިޓަލް ކައިރީގައި ކުނި ގިނަވެފައި ހުރުމުގެ ސަބަބުން، އެއީ މަދިރި އާލާވުމަށް ފަހި މާހައުލަކަށް ވެފައިވާތީ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަރުކާރުން މިހާރު ވަނީ މުޅި ގައުމުގައި ސާފުކުރުމުގެ ކެމްޕޭނެއް ފަށާނެކަން އިއުލާނުކޮށްފައެވެ. އަދި އަމިއްލަ ގޯތިގެދޮރުގައި މަދިރި އާލާވާ ގޮތަށް ތަންތަން ބަހައްޓާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔައިން ހާމަކުރާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމުގެ އިތުރުން ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ޑެންގީ ފެތުރުން ވަނީ އިތުރުވެފައެވެ. 'އެއިޑީޒް' މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލީގެ ސަބަބުން ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، މަސްތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެނެއެވެ. އަދި ބަލި ބޮޑުވާ ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތައް މެދުވެރިވެއެވެ.


