30 އަހަރުގެ އަންހެނަކު ރޭޕްކުރުމުގެ މައްސަލައެއް

30 އަހަރުގެ އަންހެނަކު ރޭޕްކުރުމުގެ މައްސަލައެއް

އިންޑިއާ ސިއްސުވާލި 2012 ވަނަ އަހަރުގެ "ނިރުބަޔާ" ހާދިސާއަށްފަހު ގާތްގަނޑަކަށް 14 އަހަރު ފާއިތުވެފައި ވަނިކޮށް، ދިއްލީގައި ދަތުރު ކުރަމުންދިޔަ "ސްލީޕާ ބަހެއް"ގެ ތެރޭގައި 30 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ އަންހެންމީހާ ވަޒީފާ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި، ސަރަސްވަތީ ވިހާރުގެ ބަސް ހުއްޓިއެއްގައި އޮތް ބިހާރުގައި ރަޖިސްޓްރީކޮށްފައިވާ ބަހަކަށް ގަޑި އަހާލުމަށް ކައިރިވި ވަގުތުގައެވެ. ފުލުހުން ބުނި ގޮތުގައި، ފިރިހެނަކު އެ އަންހެންމީހާ ގަދަކަމުން ބަހަށް އެރުވުމަށްފަހު، ބަސް ދިއްލީގެ މަގުތަކުގައި ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފިރިހެނަކު ވަނީ އޭނާއަށް ޖިންސީ ގޯނާކޮށްފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ 2012 ވަނަ އަހަރު ހިނގި ނިރުބަޔާ ހާދިސާ ހަނދާން އާކޮށްފައެވެ. އެ ހާދިސާގައި ޒުވާން އަންހެނަކު ދަތުރުކުރަމުންދިޔަ ބަހެއްގެ ތެރޭގައި ރޭޕްކުރުމުގެ ސަބަބުން ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

ދިއްލީގައި އަންހެނުންގެ ރައްކާތެރިކަން އޮތް މިންވަރާ މެދު އިދިކޮޅު ސިޔާސީ ލީޑަރުން ފާޑުވިދާޅުވަމުން ގެންދަވާއިރު، މި ހާދިސާއަކީ "ނިރުބަޔާ ހާދިސާ ތަކުރާރުވުން" ކަމަށް އެ ބޭފުޅުން ސިފަކުރައްވައެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބަހުގެ ކުޑަދޮރުތަކުގައި ފޮތިގަނޑު ދަމާފައި ހުރުމުގެ ސަބަބުން ބޭރުގައި ތިބޭ މީހުންނަށް ބަހުގެ އެތެރޭގައި ހިނގަމުންދިޔަ ކަންކަން ފެންނާކަށް ނެތެވެ.

ހާދިސާއަށްފަހު އެ އަންހެންމީހާ ނަންގްލޯއީ މެޓްރޯ ސްޓޭޝަން ކައިރިއަށް އެއްލާލާފައި ވަނިކޮށް، އޭނާ ފުލުހުންނަށް ގުޅުމުން ވަނީ މެޑިކަލް ޗެކަޕް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން މިހާރު ވަނީ އިންޑިއާގެ އާ ގާނޫނުލްއުގޫބާތު ކަމަށްވާ "ބާރަތިޔާ ނިޔާޔާ ސަންހިތާ" 2023 ގެ ދަށުން ގްރޫޕް ރޭޕްގެ މައްސަލައެއް ރަޖިސްޓްރީކޮށް، ބަހުގެ ޑްރައިވަރު އުމޭޝް އާއި ކޮންޑަކްޓަރު ރާމެންދުރާ ހައްޔަރުކޮށްފައެވެ.