ކޯލް މައިނެއްގައި ގޮވުމެއް ހިނގާ 82 މީހުން މަރުވެއްޖެ
ޗައިނާގެ ކޯލް މައިންއެއްގައި ހިނގި ގޮވުމެއްގައި 82 ވަރަކަށް މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ސަލާމަތްކުރާ އެތައް ސަތޭކަ މީހުންނެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ޗައިނާގެ އުތުރުގެ ޝަންޒީ ޕްރޮވިންސްގައި ހުންނަ 'ޓޮންގްޒޯ ގްރޫޕް' އިން ހިންގާ 'ލިއުޝެންޔޫ ކޯލް މައިން' ގައި މި ގޭސް ގޮވުން ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑެވެ. ހާދިސާ ހިނގިއިރު އެތަނުގައި 247 މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
ދައުލަތުގެ މީޑިއާތަކުން ދައްކާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެމްބިއުލަންސްތައް ހަރަކާތްތެރިވަމުން ދާއިރު، ސިއްހީ އެހީތެރިން ދަނީ އަނިޔާވި މީހުން ސްޓްރެޗަރުތަކުގައި އުފުލަމުންނެވެ. މިހާރުވެސް އެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރިއަށެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައާއި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެއްވެސް މަޑުޖެހުމެއް ނެތް ގޮތަށް ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް، މީގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް ރައީސް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
މިހާދިސާއާ ގުޅިގެން އެ ކޯލް މައިން ހިންގުމުގައި އިސްކޮށް ތިބި އޮފިޝަލުން މިހާރު ވަނީ ބަންދުކޮށްފައެވެ. މި ގޮވުން ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، މައިންގެ ތެރޭގައި ވަރަށް ވިހަ ގޭހެއް ކަމަށްވާ ކާބަން މޮނޮކްސައިޑް ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
2000 ގެ ކުރީކޮޅު ޗައިނާގެ ކޯލް މައިންތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އާންމު ކަމެއް ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެގައުމުގެ ސަލާމަތީ މިންގަނޑުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.




