ޖަޕާނުގައި ސްްރީލަންކާގެ ދަރިވަރަކު، ރަހުމަތްތެރިޔާ މަރާލައިފި
ސްރީލަންކާއަށް ނިސްބަތްވާ 18 އަހަރު ދަރިވަރު ފުލުހުން ވަނީ ހައްޔަރުކޮށްފަ
ޖަޕާނުގައި ކިޔަވަން އުޅުނު ސްްރީލަންކާގެ ދަރިވަރަކު، އޭނާގެ ރަހުމަތްތެރިއެއްގެ ގަޔަށް ވަޅިޖަހައި މަރާލައިފިއެވެ. ޖަޕާނުގެ ޗިބާ ޕްރިފެކްޗާގެ ނަގަރެޔާމާ ސިޓީގައި، 21 އަހަރުގެ ސްރީލަންކާ ފިރިހެނަކަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި، ސްރީލަންކާއަށް ނިސްބަތްވާ 18 އަހަރުގެ ދަރިވަރަކު ފުލުހުން ވަނީ ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެމީހުންނަކީ ވެސް ޖަޕާނުގައި ކިޔަވަން އުޅޭ ބައިނަލްއަގުވާމީ ދަރިވަރުންނެވެ. އަދި މި ދެމީހުން ދިރިއުޅެމުން ދިޔައީ އެއް ތަނެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 10:20 އެހައިކަންހާއިރު، މި ދެމީހުން ދިރިއުޅޭ ގޭގައެވެ. ތުހުމަތު ކުރެވޭ ފަރާތުން ވަނީ ހަމަލާދީ، އަނިޔާ ލިބުނު މީހާގެ ބަނޑަށް ވަޅި ހަރާފައެވެ.
ހާދިސާއަށްފަހު، ތުހުމަތު ކުރެވޭ ފަރާތުން އަމިއްލައަށް ކަމާބެހޭ ފަރާތްތަކަށް (119 އަށް) ގުޅައި އެކަން ރިޕޯޓުކުރިއެވެ. އަނިޔާ ލިބުނު މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. ފުލުހުން އެ ސަރަހައްދުގައި ހުރި 18 އަހަރުގެ ދަރިވަރާ ސުވާލުކުރުމުން، އޭނާ ވަނީ އޭނާގެ ރަހުމަތްތެރިޔާގެ ގަޔަށް ވަޅި ހެރި ކަމަށް އިއުތިރާފުވެފައެވެ.
ފުލުހުން ބުނި ގޮތުގައި މި ދެމީހުންނަކީ ކުރިންވެސް އެކަކު އަނެކަކު ރަނގަޅަށް ދަންނަ ދެމީހުންނެވެ. ހައްޔަރުކުރެވުނު ދަރިވަރު ބުނި ގޮތުގައި، އޭނާ ކޮންޓްރޯލުން ނެއްޓި ހަމަލާދޭން މެދުވެރިވީ، އޭނާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަދައްކައި، މަންމައަށް ފުރައްސާރަކޮށް، އަދި އޭނާގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.


