ބިރިޔާންޏާއި ކަރާ ކައިގެން 4 މީހަކު މަރުވެއްޖެ
އިންޑިއާގެ މުމްބާއީގައި ކާނާ ވިހަވި ކަމަށް ބެލެވޭ ހިތާމަވެރި ހާދިސާއެއްގައި، އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ދެމަފިރިންނާއި އެ މީހުންގެ ދެ އަންހެން ދަރިންނެވެ.
މުމްބާއީގެ އެ އާއިލާގެ މީހުން ބަލިވީ ރޭގަނޑުގެ ކެއުމުގައި ބިރިޔާންޏާއި ކަރާ ކެއުމަށް ފަހުގައެވެ. ބިރިޔާންޏާއި ކަރާ ކެއުމުގެ ފަހުން ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ އުނދަގޫތައް ކުރިމަތިވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް، ހަތަރު މީހުންވެސް ވަނީ މަރުވެފައެވެ.
މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، މަރުވި ސީދާ ސަބަބު ކަށަވަރުވާނީ މެޑިކަލް ރިޕޯޓްތައް ލިބުމުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މީގެ އިތުރުން، އިންޑިއާގެ ޖާރްކަންޑްގައިވެސް މަގުމަތިން ވިއްކާ ކާނާ ކައިގެން ކުޑަކުއްޖަކު މަރުވެ، އިތުރު ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހިފައިވާ ހާދިސާއެއް ވަނީ ހިނގާފައެވެ.
މި ހާދިސާތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ކާނާގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.


