ކަނޑުމަތީގެ ހަމަލާތަކެއްގައި އިންޑިއާގެ ތިން މީހަކު މަރުވެއްޖެ

3 މީހުން މަރުވީ އޮމާން ކައިރީގައި ހިނގި އެމެރިކާއާ ގުޅުންހުރި ހަމަލާތަކެއްގައި

ކަނޑުމަތީގެ ހަމަލާތަކެއްގައި އިންޑިއާގެ ތިން މީހަކު މަރުވެއްޖެ

އޮމާންގެ އައްސޭރިފަށުން ދަތުރުކުރި، ޕަލާއޫގެ ދިދަ ޖަހާފައިވާ 'އެމްޓީ ސެޓެބެލޯ' ނަމަކަށް ކިޔާ ޓޭންކަރަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި، އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެފައިވާކަން އިންޑިއާ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ޑެކް ކެޑޭޓް އަދިތްޔާ ޝަރުމާ އާއި، އިންޖިން ފިޓަރު ޝިވަނަންދު ޗައުރާސިޔާގެ އިތުރުން ޗީފް އިންޖިނިއަރު ޕަޓްނާލާ ސުރޭޝް އެވެ.

މީގެ އިތުރުން، އޮމާންގެ ޝިނާސް ބަނދަރު ކައިރީގައި ހިނގި އެހެން ހާދިސާއެއްގައި، ގިނީ-ބިސާއޫގެ ދިދަ ޖަހާފައިވާ 'އެމްޓީ ޖަލްވީރު' ނަމަކަށް ކިޔާ އުޅަނދަކަށް ވެސް ވަނީ އަސަރުކޮށްފައެވެ. ނަމަވެސް އެ އުޅަނދުގައި ތިބި އިންޑިއާގެ 20 ފަޅުވެރިން ސަލާމަތުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ މި ހަފުތާގެ ތެރޭގައި އެމެރިކާއާ ގުޅުންހުރި ކަނޑުމަތީގެ މިފަދަ ތިންވަނަ ހާދިސާއެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ނިއުދިއްލީގައި ހުންނަ އެމެރިކާގެ އިސް ޑިޕްލޮމެޓަކު ހާޒިރުކޮށް، މި ހަމަލާތަކާ މެދު ނުރުހުން ފާޅުކޮށް ވަރުގަދަ އިހުތިޖާޖެއް ހުށަހަޅާފައެވެ. މި ހާދިސާތައް ހިނގާފައި މިވަނީ، ކުރިއަށް އޮތް ޖީ7  ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.