އިސްލާމީ ހަރުކަށިފިކުރާ ދެކޮޅަށް ހަނގުރާމަ ފެށިއްޖެ: އިބްރާހިމް ޓްރައޯރޭ

އަރަބި ގައުމުތަކުގައި އިސްލާމީ ޝަރީއަތް ކިޔަވަން ތިބި ދަރިވަރުން އަނބުރާ ގައުމަށް ގެންނަނީ

އިސްލާމީ ހަރުކަށިފިކުރާ ދެކޮޅަށް ހަނގުރާމަ ފެށިއްޖެ: އިބްރާހިމް ޓްރައޯރޭ

ބުރުކީނާ ފާސޯގެ އަސްކަރީ ލީޑަރު، ކެޕްޓަން އިބްރާހިމް ޓްރައޯރޭ (ޓޯރޭ)އަށް ކުރިން ތާއީދުކުރި ނުފޫޒުގަދަ އިލްމުވެރިންނާއި އޭނާއާ ދެމެދު އޮތް ގުޅުން ގޯސްވެ، ބޮޑު ހިޔާލު ތަަފާތުވުންތަކެއް އުފެދިއްޖެއެވެ. މައްސަލަ ގޯސްވީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ފަށާފައިވާ ކެމްޕޭނާއި، ދާދިފަހުން ފާސްކުރި ދީނީ މިނިވަންކަމުގެ ގާނޫނުގެ އިތުރުން ބައެއް އިލްމުވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ.

ޓްރައޯރޭ ވިދާޅުވީ "ރެޑިކަލް އިސްލާމް" އަށް އެ ގައުމުގައި ޖާގައެއް ނެތް ކަމަށާއި، ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމަށް އޭނާ ތުހުމަތުކުރާ ފަރާތްތަކާ ދެކޮޅަށް "ހަނގުރާމަ ފެށިއްޖެ" ކަމަށް އިންޒާރު ދެއްވާފައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ދީން ފަތުރަންވާނީ މަޖުބޫރުކުރުމާއި އަނިޔާވެރިކަމުގެ ބަދަލުގައި ނަމޫނާ ދައްކައިގެންނެވެ. އަދި ހަރުކަށި ފިކުރު ފަތުރަން ހުތުބާތައް ބޭނުންކުރާ އިމާމުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.

ގައުމުން ބޭރުގައި ކިޔަވާ ދަރިވަރުން

އަރަބި ގައުމުތަކުގައި އިސްލާމީ ޝަރީއަތް ކިޔަވަން ތިބި ބުރުކީނާ ފާސޯގެ ދަރިވަރުން އަނބުރާ ގައުމަށް ގެނައުމަށްވެސް ޓްރައޯރޭ ވަނީ ނިންމަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި 800000 އަށްވުރެ ގިނަ ދަރިވަރުން އަމަލީ މަސައްކަތުގެ ހުނަރެއް ނެތި ދީނީ ތައުލީމު ހާސިލުކުރަމުންދާއިރު، އެނބުރި އަންނަން ދެކޮޅު ހަދާ ދަރިވަރުންގެ ރައްވެހިކަން ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. މީގެ އިތުރުން، ބޭރު ގައުމުތަކަށް ކިޔަވަންދާ ދަރިވަރުން މަތީ ތައުލީމާބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށްވެސް މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.

ދީނީ މިނިވަންކަމުގެ ގާނޫނު

ޖޫން މަހުގެ 20 ވަނަ ދުވަހު ފާސްކުރި "ދީނީ މިނިވަންކަމުގެ ގާނޫނު" އާއެކު ސަރުކާރާއި މުސްލިމް މުޖުތަމައާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ގާނޫނުގެ ބޭނުމަކީ ގައުމުގެ ސެކިއުލާ ސިފަ ދެމެހެއްޓުމެވެ. މި ގާނޫނުގެ ދަށުން، ކުޑަކުދިން ލައްވައި ސަލާން ޖެއްސުމާއި، ދީނީ ޖަމިއްޔާތަކުގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ނުބެހެއްޓުން ފަދަ ކަންކަމަކީ ޖަލު އަދަބާއި ޖޫރިމަނާ އަންނާނެ ކުށްތަކެވެ.

އެކުވެރިންގެ ފަރާތުން ކުރިިމަތިވި ދެކޮޅުވެރިކަން

މި ގާނޫނަށް ފާޑުވިދާޅުވި އެންމެ ނުފޫޒުގަދަ އެއް އިލްމުވެރިޔާ، އިމާމް މުހައްމަދު އިސްހާގު ކިންޑޯ މެއި މަހުގެ ފަހުކޮޅު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ މިނިވަން ކުރުމަށް ގޮވާލައި މުސްލިމުން ކުރި މުޒާހަރާތަކާ ގުޅިގެން ވެރިރަށް އުއަގަޑޫގޫގައި ހުރި އެންމެ ބޮޑު ސުންނީ މިސްކިތް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އަދި އިމާމަށް ތާއީދުކުރާ 100 އެއްހާ މީހުން "މަދަނީ ތަމްރީނު" ދިނުމަށް ކަމަށް ބުނެ އަސްކަރީ ކޭމްޕަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލާއެކު ބާއްވާ ގުޅުން

ހުރިހާ ދާހިލީ މައްސަލަތަކެއްގެ ތެރެއިން، ޓްރައޯރޭ ވަނީ އިޒްރޭލުން ބުރުކީނާ ފާސޯއަށް ކަނޑައެޅި އާ ސަފީރު ސައިމަން ސެރޫސީގެ ސަފީރުކަމުގެ ފަތްކޮޅު ގަބޫލުކުރައްވާފައެވެ. މިއީ ހުޅަނގާ ދެކޮޅު ލީޑަރެއްގެ ގޮތުގައި ފެންނަން ބޭނުންވާ ޓްރައޯރޭގެ ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިއީ އިޒްރޭލުގެ ސަލާމަތީ ޓެކްނޮލޮޖީ ހޯދުމަށް ސާހިލް ސަރަހައްދުގެ ގައުމުތަކުން ގެންގުޅޭ ޝައުގުވެރިކަމާ ގުޅުންހުރި ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދީނީ އިލްމުވެރިންނާ ދެކޮޅަށް ޓްރައޯރޭ ފައްޓަވާފައިވާ މި "ހަނގުރާމަ" އާއި، އިޒްރޭލާއެކު ބާއްވަމުންދާ ގުޅުމުގެ ސަބަބުން، ކުރިން އޭނާއަށް ތާއީދުކުރި މުސްލިމް މުޖުތަމައުގެ ތާއީދު ގެއްލި، ގައުމުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.