މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ އެ ކޮންސްޓަބަލް މަރާލަން ދިން ހަމަލާއެއް

މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ބެންގަލޫރުގެ ފުލުހުންގެ މަރުކަޒަކަށް މައްސަލައެއް ހުށަހަޅަން ދިޔަ މީހަކު، އެތަނުގައި ހުރި މާބަނޑު ފުލުހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ އެ ކޮންސްޓަބަލް މަރާލަން ދިން ހަމަލާއެކެވެ.

ބެންގަލޫރުގެ ރޭލްވޭ ޕޮލިސް ސްޓޭޝަނެއްގައި މަސައްކަތްކުރާ މާބަނޑު އަންހެން ފުލުހަކަށް މި ހަމަލާ ދީފައިވަނީ، މައްސަލައެއް ހުށަހަޅަން ދިޔަ މީހަކު ފަހުން އައުމަށް އެދުމުންނެވެ. އެ މީހާ އެނބުރި އައީ ދަގަނޑު ބުރިއެއް ހިފައިގެން ކަމަށާއި، އޭނާ ވަނީ ކޮންސްޓަބަލް ޝިލްޕާގެ ބޮލުގައި މަދުވެގެން އަށް ފަހަރު ޖަހާފައެވެ.

މަޖެސްޓިކް ރޭލްވޭ ޕޮލިސް ސްޓޭޝަނަށް އެ މީހާ ދިޔަ ވަގުތު ސްޓޭޝަނުގައި ހުރި ހަމައެކަނި މުވައްޒަފަކީ ޝިލްޕާއެވެ. އެ ވަގުތު މައްސަލަ ބަލައިގަނެވޭނެ އިތުރު މުވައްޒަފަކު ނެތުމުން، ޝިލްޕާ އޭނާގެ ކިބައިން އެދުނީ ފަހުން އައުމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާ ސްޓޭޝަނުން ނުކުމެގެން ގޮސް އިރުކޮޅެއް ފަހުން އެނބުރި އައީ ބެރިކޭޑް ފުރޮޅެއް ހަރުކޮށްފައިވާ ބަރު ދަގަނޑު ބުރިއެއް ހިފައިގެންނެވެ. އަދި ޝިލްޕާއަށް ހަމަލާދީ އޭނާގެ ބޯ ފަޅާލާފައިވެއެވެ.

މި ހަމަލާގައި ޝިލްޕާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފަރުވާއަށް ފުރަތަމަ ގެންދެވުނީ މަނިޕާލް ހޮސްޕިޓަލަށެވެ. އޭގެ ފަހުން ސުގުނާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު، އޭނާއަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން ހަމަލާދިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.