އައިފޯނެއް ގަންނަން ކުޑަ ކުއްޖަކު ކުދިބަޔަކު ލައްވާ ކާފަ މަރާލައިފި
އެކުދިން ބޭނުންވީ ފައިސާއާއި ގަހަނާ ވަގަށް ނަގައިގެން އައިފޯނާއި ސައިކަލް ގަންނަން
އިންޑިއާގެ ކެރެލާ ސްޓޭޓްގެ އަލަޕުއްޒާގައި އޮންނަ ކަރުވައްޓާ އަވަށުގައި ހުރި ގެއެއްގެ ތެރޭގައި އުމުރުން 65 އަހަރުގެ ފިރިހެނަކު މަރާލި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން، އެ މީހާގެ 13 އަހަރުގެ ކާފަ ދަރިފުޅާއި އިތުރު ތިން ކުޑަކުދިން ހައްޔަރުކޮށްފިއެވެ.
ކޮލަމްގެ ނެދުންގޯލަމްއަށް ނިސްބަތްވާ ސިވަންކުއްޓީ ޗެއްޓިޔާރު ފެނުނީ ކުއްޔަށް އުޅޭ ގޭގެ ތެރޭގައި މަރުވެފާ އޮއްވައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ މަރު ރާވާފައިވަނީ ގްރޭޑް 8 ގައި ކިޔަވާ އަންހެން ކުއްޖެކެވެ. އެކުއްޖާ މި މަރު ރާވާފައިވާއިރު، އަމަލީ ގޮތުން އެކަމުގައި ބައިވެރިވީ އެހެން ތިން ކުދިންނެވެ.
ސިވަންކުއްޓީ އެ ގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ކާފަ ދަރިފުޅާ އެކުގައެވެ. އަވަށްޓެރިންނަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ އެރޭގެ ވަގުތެއްގައެވެ.
އޭނާ ފެނުނުއިރު އަތާއި ފައި އޮތީ ބެޑްޝީޓާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ފުރަގަހަށް ބަނދެފައެވެ. ފުލުހުން ލަފާކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. ހަށިގަނޑު ކައިރިއަށް މިރުސް ކުނޑި ބުރުވާފައި ހުރިއިރު، ނިދާކޮޓަރީގެ އަލމާރީ ހުރީ ހަލާކުކޮށްލާފައެވެ. އަދި އެތަނުން ރަނާއި ފައިސާ ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލައިގެ ތަހުގީގު ފުރަތަމަ އަމާޒުކުރީ ފޭރުމުގެ އަމަލަކަށް ވިޔަސް، ފަހުން ފުލުހުން ވަނީ އާއިލާގެ ތެރެއިން ހެކި ހޯދަން ފަށާފައެވެ. މި މައްސަލައިގައި ކުރިއެރުމެއް ލިބުނީ ފޯން ރެކޯޑްތައް ބެލުމުގެ ތެރެއިންނެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި، މަރާލުމަށްފަހު އެ ތިން ކުދިން ވަނީ މަރާލި މަންޒަރު ފޯނުން އެ އަންހެން ކުއްޖާއަށް ދައްކާފައެވެ. ފުރަތަމަ ތަހުގީގުން އެނގޭ ގޮތުގައި މިކަން ކުރީ އަންހެން ކުއްޖާއަށް އައިފޯނެއް އަދި އަނެއް ކުދިންނަށް ސައިކަލު ގަތުމަށް ފައިސާ ހޯދުމަށެވެ.
މީގެ އިތުރުން، އަންހެން ކުއްޖާ ގިނަގިނައިން ފޯނު ބޭނުންކުރުމާއި ލަހުން ގެއަށް އަންނާތީ ސިވަންކުއްޓީ އަބަދު އެއްޗެހި ކިޔާތީ، އޭނާއާ މެދު އެ ކުއްޖާގެ ހިތުގައި ނުރުހުން އުފެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ މި ތިން ކުދިންނާ ރައްޓެހިވީ ކޮލަމްގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށާއި، މި މަރު ހިންގީ އެކުދިން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގިއިރު ސިވަންކުއްޓީގެ އަންހެނުން އޮތީ ދަރިއަކު ވިހައިގެން ހޮސްޕިޓަލުގައެވެ. އަދި އޭނާގެ އަނެއް ދަރިފުޅު ހުރީ ގައުމުން ބޭރުގައެވެ. އެ ދެ ދަރިންނަށްޓަކައި އެ ގޭގެ ކައިރީގައި ދެ ގެއެއް އިމާރާތް ކުރަމުން ދިޔައެވެ.
ސިވަންކުއްޓީގެ ހަށިގަނޑު މިހާރު އޮތީ ހަރިޕާދު ތާލުކް ހޮސްޕިޓަލުގައެވެ. ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ފުލުހުންގެ ސާޖަންގެ ބެލުމުގެ ދަށުން އަލަޕުއްޒާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ކުރިއަށްދާނެއެވެ.


