ކުޑަކުއްޖަކު 8 މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

ބަޑިޖެހި 14 އަހަރުގެ ކުއްޖާ މަދުވެގެން 26 ވަޒަން ފޮނުވާލި | ހާދިސާގައި 15 މީހަކު ޒަހަމްވި

ކުޑަކުއްޖަކު 8 މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު އޭނާގެ ކާފަ އާއި މާމަ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު، ސުކޫލަށް ގޮސް އިތުރު ހަ މީހަކު މަރާލައި އަމިއްލައަށް މަރުވެއްޖެ ކަމަށް ބެންކޮކް ފުލުހުން ހާމަކޮށްފިއެވެ. މިއީ 2022 ވަނަ އަހަރަށްފަހު ތައިލޭންޑްގައި ހިނގި އެންމެ ނުރައްކާތެރި މާސް ކިލިންގ ނުވަތަ ގިނަ ބަޔަކު އެއްފަހަރާ މަރާލުމުގެ ހާދިސާއެވެ.

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ހުޅަނގު އުތުރުގައި ހުންނަ "ޑެބްސިރިން ނޮންތަބުރީ ސުކޫލު" ގައި ހިނގި މި ހާދިސާއާ ގުޅިގެން، ޒަހަމްވި މީހުން އެމްބިއުލާންސްތަކަށް އަރުވަމުން ދިޔައިރު، ބިރުން ހާސްވެފައި ތިބި ދަރިވަރުންތައް ވަނީ ސުކޫލުން ބޭރަށް ނުކުމެފައެވެ. އަދި އެ ސަރަޙައްދުގައި ތިބި މުދައްރިސުން އެކަކު އަނެކަކު ގައިގައި ބައްދައިގެން ރޮމުންދިޔަ މަންޒަރު ފެނިފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، ބަޑިޖެހި 14 އަހަރުގެ ކުއްޖާ މަދުވެގެން 26 ވަޒަން ފޮނުވާލާފައިވާއިރު، އޭނާގެ އަތުން އިތުރު 34 ވަޒަން ފެނިފައިވެއެވެ. އޭނާ ބޭނުންކުރި ބަޑިއަކީ އޭނާގެ ކާފަގެ ބަޑިއެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ ސުކޫލުގެ 18 އަހަރުގެ ދަރިވަރަކު ކިޔައިދިން ގޮތުގައި، ފުރަތަމަ އޭނާއަށް ހީވީ ބަޔަކު ފަޓާސް ޖަހަނީ ކަމަށެވެ. "ފުރަތަމަ ބަޑިޖަހަނީ ކަމަކަށް ހިއެއް ނުކުރަން. ވަރަށް ގިނަ ފަހަރު ބަޑިޖެހި އަޑު އިވުނު. ދެން އިރުކޮޅަކަށް ހިމޭންވުމަށްފަހު އަނެއްކާވެސް ފެށީ،" އޭނާ ބުންޏެވެ.

ނޭޝަނަލް ޕޮލިސްގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް ޓްރައިރޮންގ ފޯފަން ވިދާޅުވި ގޮތުގައި، ސުކޫލުގައި މަރުވި ހަތް މީހުންގެ ތެރޭގައި ހަމަލާދިން ކުއްޖާވެސް ހިމެނެއެވެ. އަދި މި ހާދިސާގައި 15 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުކޫލެއްގައި ހިނގި ބަޑިޖެހުމުގެ ދެވަނަ ހާދިސާ

ތައިލެންޑުގެ އެޑިއުކޭޝަން މިނިސްޓަރު ޕްރަސެރްޓް ޖަންތަރަރުއަންތޮންގ ވިދާޅުވި ގޮތުގައި، މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި މުދައްރިސުންނާއި ދަރިވަރުން ހިމެނެއެވެ. ފުލުހުން ވަނީ ހަމަލާދިން ކުއްޖާއަކީ އެ ސުކޫލުގެ ދަރިވަރެއްކަން ކަށަވަރުކޮށްދީފައެވެ.

މިއީ މިއަހަރު ތެރޭގައި ތައިލެންޑުގެ ސުކޫލެއްގައި ހިނގި ބަޑިޖެހުމުގެ ދެވަނަ ހާދިސާއެވެ. މީގެ ކުރިން ފެބްރުއަރީ މަހު އެގައުމުގެ ދެކުނުގެ ސަރަހައްދެއްގައި ހިނގި ހާދިސާއެއްގައި މުދައްރިސަކު މަރުވެ، ދަރިވަރަކު ވަނީ ޒަހަމްވެފައެވެ.

އުމުރުން 47 އަހަރުގެ އިމަޖެންސީ މަސައްކަތްތެރިއެއް ކަމަށްވާ ކިއާތިހުން ވެރަޕޮންގްޕްރަޑިތު ބުނި ގޮތުގައި، އޭނާގެ ޓީމަށް އެތަނަށް ދެވުނުއިރުވެސް ބަޑިޖެހުން ކުރިއަށްދެއެވެ. އޭނާގެ ޓީމުން ވަނީ ބުރަކައްޓާއި މެޔާއި އަތް ޒަހަމްވެފައި ތިބި ދަރިވަރުންނަށް ފަރުވާ ދީފައެވެ. ސުކޫލުގެ މަތީ ފަންގިފިލައެއްގައި ފިރިހެން މުދައްރިސަކު މަރުވެފައި އޮއްވާ ފެނުނުއިރު، އެހެން ކޮޓަރިއެއްގެ ތެރޭގައި މެޔާއި އަތް ޒަހަމްވެފައި އޮތް އަންހެން މުދައްރިސަކު ފެނުނު ކަމަށް އޭނާ ކިޔައިދިނެވެ.

އެންމެ ފަހު ބަޑީގެ އަޑާއެކު، ހަމަލާދިން ކުއްޖާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރެވުނެވެ. "އަޅުގަނޑުމެން އަވަހަށް މައްޗަށް ދިޔައިރު، ހަމަލާދިން ކުއްޖާ އަމިއްލަ ބޮލުގެ ކަނާތް ފަރާތަށް ބަޑިޖަހައިގެން ވެއްޓިފައި އޮތް. އޭނާގެ ވިންދު ބެލިއިރު ވިންދު ހުރުމުން ސީ.ޕީ.އާރު ދޭން ފެށިން،" އޭނާ ބުންޏެވެ. އޭގެ ފަހުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނެވެ.

ޑިސްޓްރިކްޓް އިދާރާތަކުން ބުނާ ގޮތުގައި، 2025 ވަނަ ތައުލީމީ އަހަރު އެ ސުކޫލުގައި 3100 އެއްހާ ދަރިވަރުންނާއި 147 މުދައްރިސުން ތިބެއެވެ.

ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ ހިނގައިގެން ނުވާނެ ފަދަ ބިރުވެރި ހާދިސާއެއް ކަމަށެވެ. "މަރުވި މީހުންގެ އާއިލާތަކަށްޓަކައި އަޅުގަނޑު ހިތާމަކުރަން. އަދި އަޅުގަނޑުމެންގެ ގައުމުގައި މިފަދަ ކަމެއް ހިނގުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެއް،" އޭނާ ވިދާޅުވިއެވެ.

ބަޑިޖެހުމުގެ ހާދިސާތަކުގެ ތާރީހު

ތައިލެންޑުގައި ބަޑި ގެންގުޅުމާއި ބަޑީގެ ހަމަލާތައް ދިނުމަކީ ފެންނަލެއް މަދެއް ނޫނެވެ. ފާއިތުވި ހަ އަހަރު ތެރޭގައި އެގައުމުގައި ބަޑިޖެހުމުގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ. ކުޑަކުދިންނަކީވެސް މިފަދަ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ބައެކެވެ.

ތައިލެންޑުގެ ފަހުގެ ތާރީހުގައި އެކަކު ދިން އެންމެ ނުރައްކާތެރި ހަމަލާ ހިނގާފައިވަނީ 2022 ވަނަ އަހަރުއެވެ. އެފަހަރު ކުރީގެ ފުލުހަކު ވަނީ ތިން ގަޑިއިރު ވަންދެން ބަޑިއާއި ވަޅި ބޭނުންކޮށްގެން ދިން ހަމަލާއެއްގައި 36 މީހުން މަރާލާފައެވެ. މީގެ ތެރޭގައި ޑޭކެއަރ ސެންޓަރެއްގައި ނިދާފައި ތިއްބާ ވަޅިން ހަމަލާދީ މަރާލި 22 ކުޑަކުދިން ހިމެނެއެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖުލައި މަހު ބެންކޮކްގެ މާރުކޭޓެއްގައި މީހަކު ވަނީ ފަސް މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވެފައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު ހެޓް ޔައި ސިޓީގެ ސުކޫލެއްގައި ދިން ހަމަލާއެއްގައި މުދައްރިސަކު ވަނީ މަރުވެފައެވެ.

2020 ވަނަ އަހަރު ސިފައިންގެ މީހަކު ވަނީ ނަކޮން ރަޓްޗަސީމާގައި 29 މީހުން މަރާލާފައެވެ. އަދި 2023 ވަނަ އަހަރު 14 އަހަރުގެ ކުއްޖަކު ވަނީ ބެންކޮކްގެ ލަގްޒަރީ މޯލެއްގައި ބަޑިޖަހައި ދެ މީހަކު މަރާލައި ފަސް މީހަކު ޒަހަމްކޮށްލާފައެވެ.

2023 ވަނަ އަހަރުގެ ހާދިސާއަށްފަހު، އޭރުގެ އިންޓީރިއަރ މިނިސްޓަރު އަނުތިން ވަނީ ބަޑި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި އާ ބަޑި ލައިސަންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމާއި، ބަޑި އެތެރެކުރުމުގެ ފުރުސަތު ހަނިކުރުމާއި، 20 އަހަރުން ދަށުގެ ކުދިން ބަޑިޖަހާ ރޭންޖުތަކަށް ދިއުން މަނާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ދިގު މުއްދަތުގެ ފިޔަވަޅުތަކުގެ ތެރޭގައި، ބަޑި ގެންގުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ބެލުމަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމާއި، ބަޑި ލައިސަންސްގެ މުއްދަތު ކަނޑައެޅުން ހިމެނެއެވެ.

2017 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ތައިލެންޑުގެ އާންމު ރައްޔިތުންގެ އަތުގައި 10.3 މިލިއަން ބަޑި ހުރި ކަމަށް ލަފާކުރެވެއެވެ. މިއީ ކޮންމެ 100 މީހަކަށް 15 ބަޑީގެ ނިސްބަތެކެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް މަތީ އަދަދެކެވެ.