ބަފަޔަކު އޭނާގެ ދެ އަންހެން ދަރިން މަރާލައިފި
ތުހުމަތުކުރެވޭ މީހަކީ ކެބް ސަރވިސް ކުންފުންޏެއްގެ މެނޭޖަރެއްގެ މަގާމުގައި މަސައްކަތްކުރާ މީހެއް
އިންޑިއާގެ ބެންގަލޫރުގެ ފަސްތަރީގެ ހޮޓަލެއްގެ ކޮޓަރިއެއްގައި، ހޯމަ ދުވަހު އުމުރުން 5 އަހަރާއި 10 އަހަރުގެ ދެ އަންހެން ދަރިން މަރާލާފައިވާ ކަމަށް ތުހުމަތުކުރެވެނީ އެ ކުދިންގެ ބައްޕައަށެވެ. ފުލުހުން އެ ކޮޓަރިއަށް ދިޔައިރު އެ މީހާ ދިރިއޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ބެންގަލޫރުގެ ނޯތު ނަގަވާރު މެއިން ރޯޑަށް ނިސްބަތްވާ، އުމުރުން 40 އަހަރުގެ އެސް.ޖީ އިމްރާން އަށެވެ.
ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހޮޓަލުގެ ސެކިއުރިޓީ މެނޭޖަރުގެ ފަރާތުންނެވެ. ފުލުހުން އެ ކޮޓަރިއަށް ވަންއިރު އިމްރާން އޮތީ ބިމަށް ވެއްޓިފައެވެ. އެއާއެކު އޭނާ ވަނީ ފަރުވާއަށްޓަކައި ވަގުތުން މަނީޕާލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުންނަށް ފެނިފައިވާ ނޯޓަކާ ހަވާލާދީ ބުނެފައިވަނީ، އިމްރާނާއި އޭނާގެ އަންހެނުންނާ ދެމެދު ކައިވެނީގެ މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި، އަންހެނުން އޭނާއަށް ވަފާތެރިނުވާ ކަމަށް އިމްރާން ތުހުމަތުކޮށްފައިވާ ކަމަށެވެ.
ކެބް ސަރވިސް ކުންފުންޏެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ އިމްރާން، އޭނާގެ ދެ ދަރިންނާއެކު އެ ހޮޓަލަށް ވަދެފައިވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 7 ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ހޯމަ ދުވަހުގެ މެންދުރު 12 ޖަހާއިރު އެމީހުން ހޮޓަލުން ނުކުންނަން ޖެހެއެވެ.
ނަމަވެސް، ކަނޑައެޅިފައިވާ ގަޑިއަށް ހޮޓަލުން ނުނިކުތުމުން، އެ ދުވަހުގެ ހަވީރު 4:30 ހާއިރު ހޮޓަލުގެ މުވައްޒަފުން އެ ކޮޓަރި ބަލަން ދިޔައެވެ. ކޮޓަރިން އެއްވެސް ޖަވާބެއް ނުލިބުމުން " މާސްޓަރ ކީ" ބޭނުންކޮށްގެން ކޮޓަރި ހުޅުވިއިރު، ދެ ކުދިން މަރުވެފައި ތިއްބާ ފެނުނުއިރު، އިމްރާން އޮތީ ހަބަރު ހުސްވެފައެވެ.


