ސިލްސިލާކޮށް ބުޅާ މަރާ މީހަކު ހައްޔަރުކޮށްފި

އޯގަސްޓް މަހުގެ މެދެއްހާ ހިސާބުން ފެށިގެން މަދުވެގެން 20 ބުޅާ މަރާލާފައިވާ ކަމަށްވޭ

ސިލްސިލާކޮށް ބުޅާ މަރާ މީހަކު ހައްޔަރުކޮށްފި

މަހާރާޝްތްރާގެ ޗެމްބޫރުގެ ޕަންޖްރަޕޯލް ސަރަހައްދުގައި ގިނަ އަދަދެއްގެ ބުޅާތަކެއް މަރަމުންދިޔަ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އާރު.ސީ.އެފް ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝިވާ ނަމަކަށް ކިޔާ، ގެދޮރެއް ނެތް މީހެކެވެ. އޭނާއަކީ ޗެމްބޫރުގެ ޕަންޖްރަޕޯލް ސަރަހައްދުގައި އާންމުކޮށް އުޅޭ މީހެކެވެ.

ފުލުހުން ޝިވާ ހައްޔަރުކުރީ ކަމަވާޑީ، ޕަންޖްރަޕޯލް އަދި ޝާނީ މަންދިރު ސަރަހައްދުތަކުގެ ސީ.ސީ.ޓީ.ވީ ފުޓޭޖްތައް ބެލުމަށްފަހުގައެވެ. ސުވާލުކުރުމުން، ހަ ބުޅަލަށްވުރެ ގިނަ ބުޅާ މަރާފައިވާނެކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޯގަސްޓް މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެ ސަރަހައްދުން މަދުވެގެން 20 ބުޅާ މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ކުރާ ބަޔަކު ހޯދުމަށް މައުލޫމާތު ދޭ ފަރާތަކަށް 50,000 ރުޕީސްގެ ފައިސާގެ އިނާމެއް ދޭނެކަމަށް ޕެޓާ އިންޑިއާއިން ކުރިން އޮތީ އިއުލާންކޮށްފައެވެ.

ދާދި ފަހުން، އެ ސަރަހައްދުގައި ބުޅަލަށް ކާންދޭ މީހެއް ކަމަށްވާ ރުބީނާ ޕަތާންއަށް ވަނީ އެއް ރެއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ހަ ބުޅަލެއް ފެނިފައެވެ.

އާރު.ސީ.އެފް ފުލުހުން  މިހާރު ވަނީ ބީ.އެން.އެސް ގެ 325 ވަނަ މާއްދާގެ ދަށުންނާއި، ޖަނަވާރުންނަށް ކުރާ އަނިޔާ ހުއްޓުވުމާބެހޭ ގާނޫނުގެ ދަށުން މި މައްސަލަ ރަސްމީކޮށް ރިޕޯޓުކޮށް ތަހުގީގު ފަށާފައެވެ.

ރަހުމުކުޑަ މި އަމަލު ހިންގަން މެދުވެރިވި ސަބަބާއި، ޝިވާގެ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.