އެކަނިއުޅޭ މީހަކު މަރުވިކަން ނޭނގި އަހަރަކަށްފަހު ފެނުނީ ކަށިގަނޑު

މަރުވިއިރާއި ސަބަބު ދެނެގަތުމުގެ ތަހުގީގު ފެށިއްޖެ

އެކަނިއުޅޭ މީހަކު މަރުވިކަން ނޭނގި އަހަރަކަށްފަހު ފެނުނީ ކަށިގަނޑު

ބެންގަލޫރުގެ ބަގަލަގުންޓޭ ސަރަޙައްދުގައި އެކަނި ދިރިއުޅެމުންދިޔަ 57 އަހަރުގެ އަންހެނަކު، އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ އަންހެންމީހާ ފެނުނުއިރު އޮތީ ހަމައެކަނި ކަށިގަނޑެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވިތާ މިހާރު ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެދާނެއެވެ.

މަރުވެފައިވަނީ ދަކްޝަޔިނީ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ އޭނާ ދިރިއުޅޭ ދެބުރި އިމާރާތުގެ ތެރެއިންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެ ގެ ބަންދުކޮށްފައި ހުރުމުން އުފެދުނު ޝައްކުތަކަކާ ގުޅިގެން، އާންމުން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި، އެ ގެއަށް އެއްވެސް ބަދަލެއް ނައިސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކުއްޔަށް ދިނުމުގެ ބޭނުމުގައި ގެ ބަލަން ދިޔަ ބްރޯކަރުންގެ ބަޔަކަށް ގޭގެ ދޮރު ހުޅުވޭގޮތް ނުވުމުން، ކަމެއް ގޯސްވެފައިވާ ކަމަށް ޝައްކުކުރެވިގެން ފުލުހުންނަށް އެންގީއެވެ.

ބަގަލަގުންޓޭ ފުލުހުންގެ ޓީމަކުން އެ ގެއަށް ގޮސް ބެލިއިރު، ދަކްޝަޔިނީގެ ކަށިގަނޑު ވަނީ ފެނިފައެވެ. އޭނާ މަރުވި ސަބަބާއި މަރުވި ވަގުތު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ދަކްޝަޔިނީއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާ އެކަނި ދިރިއުޅެން ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. 2005 ވަނަ އަހަރު އޭނާގެ ފިރިހެން ދަރިފުޅު ބަލިވެ އުޅުމަށްފަހު މަރުވުމާ ގުޅިގެން، އޭނާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. އެ ހިތާމައިގެ ސަބަބުން އޭނާއަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެ، 'ސްކިޒޮފްރީނިއާ' ބަލި ހުންނަކަން ވަނީ ދެނެގަނެވިފައެވެ.

އޭނާގެ އާއިލާއިން އައީ އޭނާއަށް ފަރުވާ ދިނުމާއި އޭނާގެ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވަމުންނެވެ.