ދޯހާ ޑިކްލެރޭޝަން ފާސް ކުރެވުނުކަމީ ލިބުނު ޝަރަފެއް: ޝާހިދު
ދޯހާގައި ބޭއްވުނު އ.ދ.ގެ އާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި، އެހެނިހެން ރައީސުންނާ އެކު ބައިވެރިވެ، ދޯހާ ޑިކްލެރޭޝަން ފާސް ކުރެވުނުކަމީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. މަލްޓިލެޓަރަލިޒަމްގެ މައްސަލަތައް އިތުރުވެ، އެކަމުގެ ސަބަބުން އ.ދ.ގެ ދައުރު މަސްރަހުން ބޭރުވަމުންދާތީ، ވަރަށް ބޮޑު ކަންބޮޑުވުމެއް ދޯހާ ފޯރަމުގައި ފާޅުކުރެއްވި ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
އ.ދ.އަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ކުރިންވެސް ގޮވާލާފައިވާ ގޮވާލުން ދޯހާފޯރަމްގައި އޮނަރަބަލް ޝާހިދު އަލުން ތަކުރާރުކުރެއްވިއެވެ. ކުރިއަށް އޮތް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގައި، ހާމަކަންބޮޑު، ޑިމޮކްރެޓިކް އަދި އެންމެން ބައިވެރިވާނެ ގޮތެއް ބޭނުންވާކަންވެސް އޮނަރަބަލް ޝާހިދުމެން ފާހަގަކުރެއްވިއެވެ.

މަޝްވަރާތަކާއި އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމުގެ އަޒުމާއެކު، ލީޑަރުންނާއި، ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނޭނގޭ ހާލަތެއްގައި، ދޯހާ ފޯރަމްގެ ބައިވެރިންނާ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުއްލާ ޝާހިދު ބައިވެރިވެ ވަޑައިގެން މެންބަރު ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސިވިލް ސޮސައިޓީގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިކަން ކުރިއަށް ގެންދަން ޖެހޭނެކަމަށްވެސް ބަޔާންކުރެއްވިއެވެ.
ދޯހާ ފޯރަމްގައި މަޝްވަރާތައް ކުރެވުނީ މައިގަނޑު މައުލޫއަކަށް "އަމަލީގޮތުން އަދުލުވެރިކަން: ވައުދުތަކުން ކުރިއެރުމަށް" އަމާޒު ހިފައިގެންނެވެ. ދޯހާފޯރަމްގެ މަޝްވަރާތަކުން، އުސޫލުތަކަށް ބިނާވެފައިވާ ސިޔާސީ ގުޅުންތަކުގެ މުހިންމުކަމާއި، ހުރިހާ ފަރާތްތަކެއް ހިމެނޭ ބައިނަލްއަގްވާމީ އަސަރުގަދަ ގުޅުންތައް ބޭނުންވާކަން އަލުން ކަށަވަރުކޮށްދިނެވެ.
ދޯހާފޯރަމްގެ ފުރުސަތު ފަހިކޮށްދިނުމުގައި ގަތަރު ސަރުކާރުން ދެއްވި ހޫނު މެހެމާންދާރީއާއި، ދުނިޔޭގެ މުޖުތަމައަށް ދެމުންގެންދާ ބޮޑު އެއްބާރުލުމަށް އޮނަރަބަލަް އަބްދުއްލާ ޝާހިދު ޝުކުރު ދެންނެވިއެވެ.

