ޖަޕާނަށް އެކުއެކުގައި ދެ ތޫފާން އަރާ ބޯވާރޭވެހި ބިންގަނޑު ކަޑައިގެންދިޔުން
ނާރާ އަދި ހީރޯޝީމާގެ 30 އަށްވުރެ ގިނަ ގެއަށް ވަނީ ފެންވަދެފައެ
ޖަޕާނަށް މިހާރު ކުރިމަތިވަމުންދަނީ "ފުޖިވަރާ އެފެކްޓް" ކަމަށް ބެލެވޭ ވަރަށް ނާދިރު އަދި ނުރައްކާތެރި މޫސުމީ ހާލަތެކެވެ. މިއީ ބާރުގަދަ ދެ ތޫފާނެއް އެކަތި އަނެކައްޗާ ގާތްވެ، އެއް މަރުކަޒެއްގެ ވަށައިގެން އެނބުރެން ފެށުމުން މެދުވެރިވާ ހާލަތެކެވެ. މި ކަމުގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރަށާއި ތިމާވެއްޓަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވެއެވެ.
ހޮނިހިރު ދުވަހު ޖަޕާނަށް ކުރިމަތިވި ބާރުގަދަ ދެ ތޫފާނުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، އެކަކު މަރުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ ކަމަށް ޖަޕާންގެ މީޑިއާތަކާއި އޮފިޝަލުން ހާމަކޮށްފައި ވެއެވެ.
"މެކަލާ" އަދި "ހީގޯސް" ގެ ނަން ދެވިފައިވާ މި ދެ ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޖަޕާނަށް މިދުވަސްވަރަކީ އަހަރީ ވިއްސާރަ މޫސުމެވެ.
ކިޔޯޓޯގެ އޮކާމާ ކޯރުގެ ފެން ބޮޑުވެ، އައްސޭރިފަށުން ފެންގަނޑު ބޭރުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ.
ޖަޕާނުގެ ކިޔޯޓޯ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ޔަމަގޫޗީ ޕްރިފެކްޗަރގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއެއް ބިންދައިގެން ދިއުމުގެ ސަބަބުން، އުމުރުން 70 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ކިޔޯޓޯގެ ޓީވީ މަންޒަރުތަކުން ފެންނަ ގޮތުގައި، އެ ސިޓީގައި އޮންނަ ކާމޯ ކޯރުގައި ވަނީ އާދަޔާ ހިލާފަށް ބޮޑުވެފައެވެ. ވެހުނު ބޯވާރޭގެ ސަބަބުން ކޯރުގެ ފެންގަނޑުވަނީ މަޑު ކަޅުކުލައިގެ ފެންގަނޑަކަށް ބަދަލުވެފައެވެ. ކިޔޯޓޯ، އޮސާކާ އަދި ޖަޕާނުގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކަށް މިހާރުވަނީ ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ނެރެފައެވެ.
ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނި ގޮތުގައި، ހުކުރު ދުވަހު ނާރާ އަދި ހީރޯޝީމާގެ 30 އަށްވުރެ ގިނަ ގެއަށް ވަނީ ފެންވަދެފައެވެ. ތޫފާންތަކުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ބިރު ބޮޑުވެފައިވާތީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަނެ، ކަމާބެހޭ އިދާރާތަކުން ވަނީ ދެވަނައަށް އެންމެ މަތީ ދަރަޖައިގެ ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައެވެ. މީގެ އިތުރުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ރޭލު ދަތުރުފަތުރަށާއި ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
ތޫފާނުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން، ޖަޕާން އެއާރލައިންސް އާއި އޯލް ނިޕޮން އެއާރވޭސް ފަދަ ބޮޑެތި އެއާރލައިންތަކުން ވަނީ އޮކިނާވާ އާއި ކަގޯޝިމާ ފަދަ ދެކުނުގެ ސަރަހައްދުތަކަށް ކުރަން ހަމަޖެހިފައިވާ 120 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައެވެ.
ދާދި ފަހުން އެ ސަރަހައްދަށް ކުރިމަތިވި ބިންހެލުންތަކާ ދެ ތޫފާނުގެ ބާރާއި ގުޅިގެން މޫސުން ވަނީ އިންތިހާއަށް ގޯސްވެފައެވެ.
.


