ރައްޔިތުންނަށް ތަކުލީފް ނުޖައްސާ ހަރަދުކުޑަކުރުން!
ލަންކާގެ ރައީސްގެ ރިފޯމް އެޖެންޑާ
އަވަށްޓެރި ސްރީ ލަންކާއަކީ މިދާކަށް ދުވަހު ބަނގުރޫޓްވެގެން ދައުލަތް ހުއްޓުމަކަށް އައިގައުމެކެވެ. ރައްޔިތުން ނިކުމެ ރައީސް ގޮތަބަޔާ މަގާމުން ފައްސާލި ގައުމެކެވެ. އޭގެ ފަހުން އެ ގައުމުގެ ކަންކަން ހަމަ މަގަށް އެޅެމުން ގޮސް ރިޔާސީ އިންތިހާބެއް ބާއްވާ އައު ރައީސަކު ރައްޔިތުން ހޮވައިފިއެވެ. ޒަމާނުއްސުރެ ގައުމުގެ ބާރުތައް މުށުތެރެއަށް ލައިގެން އުޅުނު ނުފޫޒުގަދަ ވަކިތަކުން ވެރިކަން ސަލާމަތްކޮށް އުންމީދީ ބޮޑު ބަދަލެއް އެގައުމަށް ގެނެސްފިއެވެ.
ލަންކާގެ އައު ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ (އޭކޭޑީ) ގައުމާ ހަވާލުވެ އިގްތިސޯދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަކަންތައް ތަކެއް ކުރުމަށް ނިންމައިފިއެވެ. ލަސްނުކޮށް އެޅުމަށް ނިންމި ތިރީހަކަށް ފިޔަވަޅުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބޭގޮތަށް އެޅުމަށް ނިންމި ފިޔަވަޅުތަކެވެ.
ރައްޔިތުންގެ އަތުން %36 އިން ނަގަމުން ދިޔަ ޓެކްސް %24 އަށް ތިރިކުރަން ނިންމި ނިންމުމަކީ ހިތްވަރު ގަދަ ނިންމުމެކެވެ. ކާބޯތަކެތީގެ ތަކެއްޗާއި ސިއްހީ ހިދުމަތާއި ގުޅޭ ތަކެއްޗާއި ކިޔަވާދޭ ފޮތްތަކުން ވެލިއު އެޑެޑް ޓެކްސް (ވެޓް) އިސްތިސްނާ ކުރުމަކީ އެހާމެ ވަރުގަދަ ނިންމުމެކެވެ. ކަރަންޓާއި ތެލުގެ އަގު ހެޔޮކުރުމާއި އިންޓްރަސްޓް ރޭޓް ދަށްކުރުމަކީވެސް ޖެހެލުން ކުޑަ ނިންމުމެކެވެ. ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިން މާރކެޓަށް ފަހިވާގޮތައް ހަމަޖައްސާދިނުމާއި އެކިބާވަތުގެ ދަނޑުވެރިކަމުގެ ވަސީލަތާއި އާލާތް ދަނޑުވެރިންނަށް ފޯރުކޮށް ދިނުމަށް ނިންމި ނިންމުމަކީވެސް އާދައިގެ ކަމެއްނޫނެވެ. މަސްވެރިކާއި ޓޫރިޒަމާއި އެނޫންވެސް އިގްތިސޯދީ ކަންކަމަށް ފޯކަސްކޮށްގެން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތަކަކީވެސް ފާހަގަ ކޮށްލެވޭ ކަންކަމެވެ.
ބުނެވިދިޔަ ކަންކަމުން ސީދާކޮށް ނަފާ ލިބޭނެ ބަޔަކީ އާއްމު ރައްޔިތުންނެވެ. ރައްޔިތުންނަށް ލިބޭ އެއްޗެއް މަދުވާގޮތަށް ރައްޔިތުންގެ ޖީބުކަނޑާ އޮބި އަޅުވައިގެން ދައުލަތް ހިންގަން ފައިސާ ހޯދުމުގެ ވިސްނުމެއް އޭކޭޑީގެ ނެތެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑިސަނަޔަކަ ނިންމާފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:-
- ރައީސްގެ ހަރަދު %50 ކުޑަކުރުން.
- ކޮންމެ މިނިސްޓަރަކަށާއި މަޖިލިސް މެމްބަރަކަށް އެއް އުޅަނދަށް ވުރެ އިތުރަށް އުޅަދެއް ނުދިނުން.
- ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންނަށް ޕެންޝަނާއި ވެހިކަލާއި ގެދޮރާއި ސެކިއުރިޓީ ފަދަ ކަންކަން ސަރުކާރުން ފޯރުކޮށް ނުދިނުން.
- ސަރުކާރުގެ ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުޑަކުރުން.
- ރާއްޖެއިން ބޭރަށް ވެރިން ކުރާ ދަތުރުތަކުގައި އެއްވެސް މީހަކަށް ސަރުކާރުންދޭ ޕެކޭޖުގައި އާއިއިލާއާއި ރަހުމަތްތެރިން ނުހިމެނުން.
- ހުރިހާ ދަތުރުތަކަކީވެސް ކަނޑައެޅިފައިވާ ޓާގެޓްކަށް ކުރެވޭ ދަތުރަކަށް ހެދުން.
- ތެޔޮ ގިނައިން ހިގާ ޒާތުގެ އުޅަނދު ސަރުކާރުގެ އޮފިޝަލުނާއި މަޖިލިސް މެމްބަރުންނަށް ދޫނުކުރުން.
- ޖުމްލަ 25 މިނިސްޓްރީއަށް ވުރެ ސަރުކާރު ބޮޑުނުކުރުން.
- ރައްޔިތުންނަށްވުރެ ސިޔާސީ މީހުނަށް އިތުރު ފައިދާއެއް ނުލިބޭނެ ގޮތްތައް ހިންގުން އިންތިޒާމް ކުރުން.
ދައުލަތަށާއި އާއްމު ރައްޔިތުންނަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތުގެ އަމާޒުތަކެއް ރައީސް އަނޫރާ ކުމާރަ ޑިސަނަކަ ވަނީ ހިފާފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ހާސިލުކުރަން ކަނޑައެޅި ލަނޑުދަނޑިތަކަށް ވާސިލުވުމަށް މުޅި ލަންކާ އެއޮތީ ކެތްމަދުވެފައެވެ.