ޖަޕާނުގެ ރިޒާވުން ތެޔޮ ދޫކުރަން ނިންމައިފި
މެދުއިރުމަތީގައި އެމެރިކާ، އިސްރާއީލް އަދި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، ތެޔޮ ލިބުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ، ޖަޕާނުގެ ދައުލަތުގެ ރިޒާވުން ތެޔޮ ދޫކުރަން އެ ގައުމުން ނިންމައިފިއެވެ. މި މަސައްކަތް މި އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ މިކަން އިއުލާނު ކުރެއްވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާ ގުޅޭގޮތުން ބޭއްވި ކެބިނެޓް ބައްދަލުވުމަކަށް ފަހުގައެވެ. ސަރުކާރުގެ ރޭވުމަކީ ގައުމީ ރިޒާވުން ގާތްގަނޑަކަށް 8.5 މިލިއަން ކިލޯލީޓަރުގެ ތެޔޮ ބާޒާރަށް ނެރުމެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ ރިޒާވުން ވެސް މީގެ ކުރިން ވަނީ ތެޔޮ ދޫކޮށްފައެވެ.
ޖަޕާނަށް ބޭނުންވާ ސާފުނުކުރާ ތެލުގެ 90 އިންސައްތައަށްވުރެ ބޮޑުބައެއް އެތެރެކުރަނީ "ސްޓްރެއިޓް އޮފް ހޯރްމޫޒް" ހުރަސްކޮށް މެދުއިރުމަތިންނެވެ. ނަމަވެސް އެ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވި ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޑޮނަލްޑް ޓްރަމްޕާއެކު ދަނީ ވިލަރެސްކުރަމުންނެވެ. އަދި ހަމަ އެއާއެކު، ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ހާރިޖީ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ، ތެލުގެ ސަބްސިޑީ ދިނުމަށް ސަރުކާރުން ވަނީ ކުއްލި ފަންޑެއް ފާސްކޮށްފައެވެ. މި ހަމަނުޖެހުންތައް ދިގުލައިގެން ގޮސްފިނަމަ، ސިނާޢީ މަސައްކަތްތަކަށާއި މުޅި އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފާނެ ކަމުގެ އިންޒާރު އޮފިޝަލުން ވަނީ ދެއްވާފައެވެ. އެހެންކަމުން، ހަކަތަ ހޯދާނެ އިތުރު ވަސީލަތްތައް ހޯދުމާ ގުޅޭގޮތުން ވެސް މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.




