މެނޭޖަރަކު މަޖުބޫރުކޮށްގެން މުވައްޒަފަކު 200 ސްކޮވަޓްސް ޖެއްސި މައްސަލައެއް ފެންމަތިވެއްޖެ
މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ޖިސްމާނީ އަދަބު ދިނުމުގެ ކަންބޮޑުވުން ވަނީ އިތުރު
ޗައިނާގެ ކުންފުންޏެއްގައި މަސައްކަތްކުރާ ޒުވާން މުވައްޒަފަކު، ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަނުކުރެވުމުން އަދަބެއްގެ ގޮތުން 200 ސްކޮވަޓްސް ޖަހަން މެނޭޖަރު މަޖުބޫރުކުރުމުގެ ސަބަބުން، އެ މުވައްޒަފުގެ މަސްތަކަށް ސީރިއަސް ގެއްލުންތަކެއް ލިބިއްޖެއެވެ.
ޔަންގްގެ ނަމުން ނަންދެވިފައިވާ މި އަންހެން މީހާއަކީ ދާދިފަހުން ހަންގްޖޯއަށް ބަދަލުވެ، ލޯނު އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްގެ ފައިނޭންޝަލް ކޮންސަލްޓަންޓެއްގެ މަގާމުގައި މަސައްކަތްކުރަމުން އައި މީހެކެވެ.
މައުލޫމާތު ލިބޭގޮތުގައި، އެ ދުވަހުގެ މަސައްކަތް ނުނިމުމުން މެނޭޖަރު ވަނީ ޔަންގްއަށް ދެ އިހުތިޔާރެއް ދީފައެވެ. އެއީ މުސާރައިން ބައެއް އުނިކުރުން ނުވަތަ އަދަބެއްގެ ގޮތުގައި 200 ސްކޮވަޓްސް ހެދުމެވެ. ޔަންގް އިހުތިޔާރުކުރީ ސްކޮވަޓްސް ހެދުމަށެވެ. ނަމަވެސް، މީގެ ސަބަބުން އޭނާގެ ފައިގެ މަސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަން ވަނީ ޖެހިފައެވެ.
މި ހާދިސާއާ ގުޅިގެން ޔަންގް މިހާރު ވަނީ އެ ސަރަހައްދުގެ ލޭބަރ އިންސްޕެކްޝަން އިދާރާތަކަށް މައްސަލަ ހުށަހަޅާފައެވެ. އެ އިދާރާއިން ބުނިގޮތުގައި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. އަދި މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތާއި، ޖިސްމާނީ އަދަބު ދިނުން ފަދަ ކަންކަމާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


