2300 އަށްވުރެ ގިނަ ޔަހޫދީން އަލް-އަގްސާ މިސްކިތަށް ވަދެގެންފި

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ވެސް ހަރުކަށި ފިކުރުގެ ޔަހޫދީންނާއެކު މުގައްދަސް ބިމަށް ވަދެގެން

2300 އަށްވުރެ ގިނަ ޔަހޫދީން އަލް-އަގްސާ މިސްކިތަށް ވަދެގެންފި

ޔަހޫދީންގެ ދީނީ ދުވަހެއް ކަމަށްވާ 'ތީޝާ ބިއާވް' ފާހަގަކުރުމުގެ ގޮތުން، އިސްރާއީލުގެ 2300 އަށްވުރެ ގިނަ މީހުންނާއެކު ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން އަލް-އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގެންފައިވާ ކަމަށް ފަލަސްޠީނުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ. އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް-އަގްސާ އަށް މި އަހަރުގެ ތެރޭގައި އެ ފަދަ ގޮތަކަށް އެންމެ ބޮޑަށް ވަދެގަތް އެއް ފަހަރަކަށް މިފަހަރު ވާނެއެވެ.

މުސްލިމުންގެ މުގައްދަސް ބިމެއް ކަމުގައިވާ އަލް-އަގުސާ މިސްކިތުގެ ގޯތިތެރެއަށް، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރް ވެސް ވަނެވެ. އޭނާވަނީ ފުލުހުންގެ ވަރުގަދަ ހިމާޔަތުގެ ދަށުންނެވެ.

ޔަހޫދީން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ކުރީގެ ފައްޅިތައް ހުރި އެ ބިމަށް ވަދެގަތީ، އެ ފައްޅިތައް ސުންނާފަތިވީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ގުދުސް ހިންގާ ފަލަސްތީނު އިދާރާއިން ހާމަކުރި ގޮތުގައި، އިރުއޮއްސުމާ ހަމައަށް އެ ސަރަޙައްދަށް ވަންނަ އިސްރާއީލީންގެ އަދަދު 5،000 އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ރެކޯޑް މިންވަރެކެވެ.

ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ސިފައިން ވަނީ މިސްކިތުގެ ދޮރުތަކުގައި ވަރުގަދަ ހުރަސްތަކެއް ކުރިމަތިކޮށް، ފަލަސްޠީނުގެ ގިނަ އަދަދެއްގެ އަޅުވެރިންނާއި ދަރިވަރުން މިސްކިތަށް ވަނުން ހުއްޓުވާފައެވެ. އަދި ބައެއް އަޅުވެރިންނަށް އަނިޔާކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގުދުސްގެ ބޭރު ސަރަޙައްދުތަކުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ފިޔަވައި އެހެން އެންމެން އަލް-އަގްސާ ގޯތިތެރެއަށް ވަނުން މަނާކުރުމާއި، ޗެކްޕޮއިންޓްތައް ވަރުގަދަކުރުން ހިމެނެއެވެ.

ޔަހޫދީން ވަނީ މިސްކިތުގެ ގޯތިތެރޭގައި ސަޖިދަކުރުމާއި، ލަވަކިޔުމާއި، ދުއާކުރުން ފަދަ ޔަހޫދީ ދީނީ ކަންތައްތަކެއް ހިންގާފައެވެ. އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، ފުލުހުން ވަނީ 1000 އަށްވުރެ ގިނަ ޔަހޫދީންނަށް އެ ސަރަޙައްދުގައި އަޅުކަން ކުރުމުގެ ފުރުސަތު ދީފައެވެ. މިއީ 1967 ވަނަ އަހަރުގެ އެއްބަސްވުމާ ހިލާފު ކަމެކެވެ. އެ އެއްބަސްވުމުގެ ދަށުން، މުސްލިމް ނޫން މީހުންނަށް އެތަނަށް ޒިޔާރަތް ކުރެވުނު ނަމަވެސް އަޅުކަން ކުރުން މަނަލެވެ.

އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގްވީރް ބުނި ގޮތުގައި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ޔަހޫދީންނަށް އެއީ އެމީހުންގެ އަމިއްލަ ތަނެއްގެ އިހުސާސް ކުރެވެއެވެ. އަދި އެތަނުގައި ހޯދެމުންދާ "ކުރިއެރުންތަކަށް" އޭނާ ވަނީ ތައުރީފުކޮށްފައެވެ.

ފަލަސްތީނުގެ އިދާރާތަކުން ބެން-ގްވީރްގެ މި ޢަމަލު ސިފަކުރީ ވަރަށް ނުރައްކާތެރި ހަމަނުޖެހުމެއްގެ ފެށުމެއްގެ ގޮތުގައެވެ. އަދި މިއީ އެ ސަރަޙައްދުގައި ޔަހޫދީ ފައްޅިއެއް ބިނާކުރުމަށް ވަކާލާތުކުރާ ޖަމާއަތްތަކަށް އިސްރާއީލު ސަރުކާރުން ދޭ ރަސްމީ އެއްބާރުލުމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ފަލަސްތީނުގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް ރިލިޖަސް އެފެއާޒްއިން ވަނީ، މި އަމަލުތަކަކީ އެ ބިމުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ހިންގާ ނުރައްކާތެރި އުދުވާނެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި އިސްރާއީލުގެ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.

އިސްރާއީލުން އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރުގެ އަރަބި-އިސްރާއީލު ހަނގުރާމައިގައެވެ. އަދި 1980 ވަނަ އަހަރު އެއީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމަޢުން އެކަން ބަލައެއް ނުގަނެއެވެ.