އައިސީޖޭގެ އަމުރަށްފަހު ހަމަލާތައް ވަނީ ހައްތަހާ ވަރުގަދަ

ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވީ މީހުން 35،857 އަށްވުރެ މަދެއްނުވާނެ.

އައިސީޖޭގެ އަމުރަށްފަހު ހަމަލާތައް ވަނީ ހައްތަހާ ވަރުގަދަ

ފަލަސްތީނުގެ ރަފާހަށް ދޭ ހަމަލާ ވަގުތުން ހުއްޓުވުމަށް އައިސީޖޭން ނެރުނު އަމުރަކީ ދޮގެއް ކަމަށާއި ގައްޒާގައި ނަސްލު ނައްތާލުމުގެ ގޮތުން ހިންގާ އުދުވާނުގެ ތުހުމަތުތަކަކީ "ދޮގު" ކަމަށް އިޒްރޭލުން ބުނެފިއެވެ.

އދ އިން ކަނޑައަޅާފައިވާ ކުއްލި އެހީގެ ވެރިޔާ ވިދާޅުވާ ގޮތުގައި އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ބަސްތަކުން ކިޔާދޭންވެސް ނޭނގޭހާ ބޮޑު މުސީބާތެއް ކަމަށާއި، މި ބިރުވެރި ހުވަފެން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ.

އިޒްރޭލުގެ ޓޭންކްތަކާއި ސިފައިން ރަފާގެ އިރުދެކުނަށް ގޮސް އެ ސިޓީގެ އެންމެ އާބާދީ ބޮޑު ހިސާބު ކަމުގައިވާ ހުޅަނގު ޑިސްޓްރިކްޓާ ދިމާއަށް ދަތުރު ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ގައްޒާގައި ބަނޑުހައިހޫނުކަން އިންތިހާއަށް ފެތުރެމުންދާއިރު އިޒްރޭލުގެ ސިފައިން ރަފާހްގެ މަގުތައް ބަންދުކުރުމުގެ ސަބަބުން އެހީގެ ޓްރަކްތަކަށް ވަނީ އެހީ ފޯރުކޮށްދިނުމަށް ނުކުޅެދިފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ނަސްލެއް ނައްތާލުމުގެ ނިޔަތުގައި ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 35،857 މީހުން ޝަހީދުވެ، 80،293 މީހުން ޒަހަމްވެފައިވެއެވެ.