މުޒާހަރާ ކުރި 1500 މީހުން ހައްޔަރުކޮއްފި

މުޒާހަރާ ކުރި 1500 މީހުން ހައްޔަރުކޮއްފި

ނެދަރަލޭންޑްސްގައި އެކްސްޓިންކްޝަން ރިބެލިއަން އިން އިންތިޒާމްކޮށްގެން ފޮސިލް ފިއުލް ސަބްސިޑީތައް ހުއްޓާލުމަށް ގޮވާލާ މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށް ފިއެވެ. މޫސުމާބެހޭ މި މުޒާހަރާގައި ބައިވެރިވި 1500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރީ ހޭގްގް ގެ ބޮޑު މޮޓޯވޭއެއް ބަންދު ކުރުމަށް ފަހުގައެވެ. 

އެއްވެ ތިބި މީހުން ރޫޅާލަން މަސައްކަތް ކުރުމަށް ފުލުހުން ބޭނުންކުރީ ފެން ބޮމެވެ. އެކަމަކު މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ތިބީ ވިސްސާރަކޯޓާއި ސްވިމްސޫޓް ލައިގެން މިކަހަލަ ހުރިހާ ކަމަކަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހައްޔަރުކުރި ގިނަ މީހުން ދޫކޮށްލި ނަމަވެސް 40 މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ހޮނިހިރު ދުވަހު އޮތް މޫސުމާބެހޭ މި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި ޑަޗް މަޝްހޫރު ބައެއް ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޓީވީ ސީރީޒް ގޭމް އޮފް ތްރޯންސްގައި މެލިސަންޑްރޭގެ ރޯލުން މަޝްހޫރު ވެފައިވާ ބަތަލާ ކެރިސް ވެން ހައުޓެން ހިމެނެއެވެ. ކެރިސް ހައްޔަރުކުރި ނަމަވެސް ފަހުން އެނބުރި ގައުމަށް ދިއުމުގެ ހުއްދަ އޭނާއަށް ދީފައިވާ ކަމަށް ޑަޗް ނޫސް އެޖެންސީ އިން ބުނެފައިވެއެވެ.

އެކްސްޓިންކްޝަން ރިބެލިއަން އިން ތުހުމަތު ކުރި ގޮތުގައި ފުލުހުން ފެން ބޮން ބޭނުންކުރީ ބަންދުކުރަން ފެށިތާ 15 މިނެޓް ފަހުންނެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ ފެން ބޮން ބޭނުން ކުރުމުގެ ކުރިން އެކްޓިވިސްޓުންނަށް އެތަން ދުކޮއްލާފަ ދިއުމަށް ވަގުތު ދީފައިވާނެ ކަމަށެވެ. ހައްޔަރު ކޮއްފައި ވަނީ އެތަނުން ދުރައްދާން ބުނުމުން އެ އަމުރަށް ތަބާނުވި 1،579 މީހުން ކަމަށް ފުލުހުން ބުނެއެވެ.

ޑަޗް ޕީޖީ ސާވިސް އިން ބުނެފައި ވަނީ ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ދައުވާ ނުކުރާނެކަމަށެވެ. ސަބަބަކީ އެކަމަކީ  ކުޑަ ކުށެއް ކަމަށާއި ހައްޔަރު ކުރުމުގެ މައިގަނޑު މަގުސަދަކީ ބްލޮކޭޑް ނިމުމަކަށް ގެނައުން ކަމަށެވެ.