23 މީހަކު މަރުވެ 30 މީހަކު ގެއްލިއްޖެ
މިޔަންމާގެ ރާޚައިން ސްޓޭޓުން ދޯންޏެއްގައި ފިލައިގެން ދިޔަ ރޮހިންޔާގެ 23 މީހުންގެ ހަށިގަނޑު ފެނިއްޖެއެވެ. އިތުރު 30 މީހަކު ގެއްލިގެން ހޯދަމުންދާއިރު، އެކްސިޑެންޓުގައި އަށް މީހަކު ސަލާމަތްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.
ސަލާމަތްވި މީހުން ބުނެފައި ވަނީ މެލޭޝިއާއަށް އާދެވޭތޯ އުޅެނިކޮށް 50 އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި އެ މީހުންގެ ދޯނި ފަޅައިގެން ގޮސް އެ ދޯނީގެ ފަޅުވެރިންނާއި އެކު އަޑިއަށް ގޮސް ފައިވާ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް އެތައް ހާސް ރޮހިންޔާ މީހުން މެލޭޝިއާ ނުވަތަ އިންޑޮނޭޝިއާ އަށް މިކަހަލަ ނުރައްކާތެރި ކަނޑު ދަތުރު ކުރަން މަސައްކަތް ކުރެއެވެ.
ހަމަ އެކަނި މި ހަފުތާގައި މަރުވި މީހުންގެ ތެރޭގައި 13 އަންހެނުންނާއި 10 ފިރިހެނުން ހިމެނެއެވެ. އެ އެންމެންނަކީ ވެސް ރޮހިންޔާ މުސްލިމުން ކަމަށް ރެސްކިއު ޓީމަކުން ބުނެފައިވެއެވެ.