ދުނިޔޭގެ ބަނދަރުތަކާ އައްޑޫ ގުޅުވާލުން

އެމްއެސްއެސް އިން އެމްއެސްއެސް އޯޕަލް ރާއްޖެ ގެނައުން

ދުނިޔޭގެ ބަނދަރުތަކާ އައްޑޫ ގުޅުވާލުން

އައްޑޫ ސިޓީއަށް ބައިނަލްއަޤްވާމީ ބަނދަރުތަކުން މުދާ އެތެރެ ކުރުމަށް އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ގެންނަ މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫ އަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫ އަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ.

2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް އިން އެމްއެސްއެސް އޯޕަލް ގެނައުމާއެކު ވެގެންދާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށެވެ. އެމްއެސްއެސް އޯޕަލް ރާއްޖެގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެއެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާ ރޫޓަކީ މާލެ، ހިތަދޫ، ކޫއްޑޫ މާލެއެވެ. 

އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނަރ އުފުލޭ އާގު ބޯޓެކެވެ. ކްރޭން ހަރުކުރެވިފައިވާ މި އުޅަނދުގައި 20 ރީފަރ ކޮންޓެއިނަރ ހިމެނެއެވެ. އެމްއެސްއެސް އޯޕަލްއަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާ ނުވާނެއެވެ.

އެމްއެސްއެސް އޯޕަލް އޮޕަރޭޓް ކުރަންފެށުމުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެގެންދާނެއެވެ. މި އޮޕަރޭޝަންގެ ސަބަބުން ޤަވާއިދުން މުދާ އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި ބާޒާރުގައި އުފދުލުމުގެ ޚިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެއެވެ. ހަމަ އެޢައިއެކު މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެއެވެ.

އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގްވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީވެ ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުގެ ލާ މަރުކަޒީ ސިޔާސަތަށް ވަރުގަދަކަން ލިއްބައިދޭނެ އިތުރު ބޮޅަކަށް ވެގެންދާނެއެވެ.