ސަބްސިޑީ ނުލިބޭނަމަ ކަރަންޓެއް ނުދެވޭނެ: ޝަރީފް
ހިދުމަތް ދެމުން ގެންދެވެނީ ސަރުކާރުގެ ސަބްސިޓީ ސްޓެލްކޯއަށް ލިބޭތީ.
ވަރަށް އަސާސީ ފެންވަރެއްގައި ނީގެ 73 އަހަރުކުރިން ފެށުނު ކަރަންޓުގެ ހިދުމަތް ތަރައްގީވެ 125 މެގާވޮޓް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިފައިވަނީ ހަމަ ހުރަފައެއް ނޫނެވެ. ބައެއްގެ ހިތްވަރާ މިންނަތުންނެވެ. ހުޝިޔާރުކަމާއި ގާބިލު ކަމުންނެވެ. އެކަން އެންމެ ބޮޑަށް ފަހަގަ ކުރައްވަނީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފެވެ.
ތަފާތު ނަންނަމުގައި ދިރެމުން ފުޅާވަމުން އައި ކަރަންޓްގެ ހިދުމަތުގައި ސްޓެލްކޯއަކީ ކަރަންޓެވެ. ކަރަންޓަކީ ސްޓެލްކޯއެވެ. ސަބަބުތައް ބައިވަރެވެ. 1949 ވަނަ އަހަރު އަލްއަމީރު މުހައްމަދު އަމީނު ދީދީގެ އިސްނެންގެވުމަކުން މަލޭގައި އާދައިގެ ގޮތަކަށް ދޭން ފެށުނު ކަރަންޓްގެ ހިދުމަތް މެދުކެނޑުމެއް ނެތި ދުވަހެއް ދުވަހަކަށް އައީ ތަރައްގީ ވަމުންނެވެ.
އޭރުއްސުރެ މިހާ ތަނަށް ކަރަންޓްގެ ހިދުމަތް ދެމިއޮތީ އެހިދުމަތަކީ އިހުމާލު ކޮށްލެވެން ނެތް އަސާސީ ހިދުމަތަކަށް ވަތީއެވެ.
ރާއްޖޭގައި އޮތް ކޮންމެ ސަރުކާރަކުން ވެސް ހިދުމަތް އައީ ރަނގަޅުކޮށް ފެންވަރު މަތި ކުރުމަށް ކުރެވެން ހުރި ކަންކަން ކުރަމުންނެވެ. އެހެން ނަމަވެސް މީގެ ކުރީގެ ސަރުކާރު ތަކުން ނުކުރާހާ މަސައްކަތް ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި މިސަރުކާރުން ވަނީ ކޮށްފައެވެ. އެކަން ސްޓެލްކޯގެ އެމްޑީ ހިތްޕުޅުގެ އަޑިން ފާހަގަ ކުރައްވާ ރައީސް ސާލިހަށް ފަށްފަށުން ޝުކުރުވެރިވެ ވަޑައި ގަންނަވައެވެ.
ސްޓެލްކޯ އެމްޑީ ޝަރީފު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ރައްޔިތުނަށް 24 ގަޑިއިރު ކަރަންޓު ދެވެނީ ސަރުކާރުގެ ހެޔޮފުޅުކަމުންނެވެ. ތެލުގެ އަގު ބޮޑުވެގެން ގޮސް އަތް ނުފޯރާފަަށަށް ތެލުގެ އަގު ގޮސްފައި ވީނަމަވެސް ކަރަންޓުގެ ސިނާއަތަށް އެއްވެސް ކަހަލަ ބުރޫ އެރުމެއް ނެތި ހިދުމަތް ދެމުން ގެންދެވެނީ ސަރުކާރުގެ ސަބްސިޓީ ސްޓެލްކޯއަށް ލިބޭތީއެވެ. ހާއްސަ ހެޔޮ ރޭޓެއްގައި ތެޔޮ ފޯރުކޮށްދެތީއެވެ. އަނެއް ކޮޅުން ތެޔޮ ފޯރުކޮށްދޭ ފަރާތަށް ސަރުކާރުން ހަމައަގު ދައްކަމުން ދާތީ ތެޔޮލިބުމަކަށް އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވެއެވެ. ތެޔޮ ލިބުމުގައި ދަތި ކަމެއް ނެތުމުން ކަރަންޓް ފޯރުކޮށް ދިނުމުގައި ސްޓެލްކޯއަށް އުދަގުލެއް ނެތެވެ. އެ ކަމަށްޓަކައި ސަރުކާރަށް ސްޓެލްކޯ ޝުކުރުވެރި ވަނީ ނިހާޔަތަށެވެ.