އެސްޓީއޯ: ފަސްދުވަހުގެ މަސައްކަތް ފަސްގަޑިއިރަށް

އެސްއޭޕީ އަރީބާ ނިޒާމުން ޕްރޮކިއުމެންޓް ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ލިބިގެން ދާނެ..

އެސްޓީއޯ: ފަސްދުވަހުގެ މަސައްކަތް ފަސްގަޑިއިރަށް

ދުނިޔޭގެ ވިޔަފާރީގެ ތެރެއަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ވަންނަމުން ދާއިރު ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނި ތަކުން ބޭނުން ކުރަމުން އަންނަ ހުރިހާ ފަސޭހައެއް އެސްޓީއޯގައި ގާއިމު ކުރުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރެވެމުންނެވެ. ދުނިޔޭގެ މަޝްހޫރު ގިނަ ކުންފުނި ތަކެއްގައި ބޭނުން ކުރެވޭ ޕްރޮކިއުމަންޓް ނިޒާމެއް އެސްޓީއޯއިން އަލަށް ތައާރަފްކުރީ ދުނިޔޭގެ ފެންވަރުގައި އެސްޓީއޯ ފައިހަމަ ކުރުމަށެވެ.

ޕްރޮކިއުމަންޓްގެ މަސައްކަތަށް ހާއްސަ ސޮފްޓްވެއަރއެއް ކަމުގައިވާ އެސްއޭޕީ އަރީބާ އެސްޓީއޯގައި ތައާރަފް ކުރުމުން ކުރިން ފަސް ދުވަހުން ކުރި މަސައްކަތް ފަސް ގަޑިއިރުތެރޭގައި ކޮށް ނިންމާލެވޭނެއެވެ. ކުރިން އެސްޓީއޯއިން ޕްރޮކިއުމެންޓްގެ ކަންކަމުގައި މުއާމަލާތް ކުރަމުން ދިޔައީ 2010ގައި ގާއިމުކުރި އީމެއިލްގެ ޒަރިއްޔާއިން މުއާމަލާތު ކުރެވޭ ނިޒާމަކުންނެވެ. އަލަށް ތައާރަފްކުރި އެސްއޭޕީ އަރީބާ ނިޒާމުން ޕްރޮކިއުމެންޓް ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ލިބިގެން ދާނެއެވެ.

ހުސްވި އަހަރު އެކަނި ވެސް އެސްޓީއޯއިން 15 ބިލިޔަން ރުފިޔާގެ ވިޔާފާރި މުއާމަލާތުގައި 10000 އަށްވުރެ ގިނަ ޕާޗޭސް އޯޑަަރު ހިމެނެއެވެ. އަނެއް ކޮޅުން 261 ޓެންޑަރ ހުޅުވާލާފައިވެއެވެ. މި ހުރިހާ ކަންކަން މެނުއަލްކޮށް ކުރަން ގިނަ ދަތިތަކާ ކުރިމަތިވިއެވެ. އަރީބާ އާ ކްލައުޑް ބޭސްޑް ސިސްޓަމާއެކު ސަޕްލަޔަރުންނާއި އެސްޓީއޯ ގުޅުވާލެވި އެސްޓީއޯއެކު ކުރެވޭ އެންމެހާ މުއާމަލާތް ލުއިފަސޭހަ ވެގެން ދާނެއެވެ.

އަރީބާ ޕްލެޓްފޯމަކީ އެ ވަސީލަތް މެދުވެރިކޮށް ބިޑްތަކަށް ކުރިމަތިލެވި ބިޑްތަކުގެ ސްޓޭޓަސް ވަގުތުން ވަގުތައް ބަލާލެވޭނެ ނިޒާމެކެވެ. މުދާ ގަންނަ ފަރާތް ތަކަށް މުދަލުގެ ސްޓޭޓަސް ވެސް ދަތިކަމެއް ނެތި ބެލެން ހުންނަ މި ނިޒާމުގެ ތެރެއިން އެއްބަސްވުން ތަކުގައި ސޮއިކުރުން ފަދަ އެތައް ލުއިފަސޭހަ ތަކެއް ލިބިގެން ދެއެވެ.