ސްޓެލްކޯ: މެނޭޖަރ އޮފް ދަ އިއަރ އެވޯޑް ތިންބޭފުޅަކަށް!
މެނޭޖަރުންނަކީ ލީޑާރޝިޕް ފޯރުކޮށްދިނުމާއި ނިންމުންތައް ނިންމުމާއި ޕްލޭން ކުރުމާއި އިންތިޒާމް ކުރުމާއި ޓީމުތައް މެނޭޖްކުރުމާއި މުއާމަލާތް ކުރުމާއި މައްސަލަ ހައްލުކޮށްގެން ކުންފުނީގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.
މަސައްކަތްތައް އެއްގޮތް ކުރުމާއި، ގޮންޖެހުން ތަކުން އަރައިގަތުމާއި، ކުންފުނީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި ވެސް އެންމެ ބޮޑު މަސްއޫލިއްޔަތެއް އެ ބައެއްގެ ބޮލުގައި އެޅިފައި އޮއްނަ އެއްބަޔަކީ އެ ކުންފުންޏެއްގެ މެނޭޖަރުންނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ކަންމިހެން އޮތްއިރު މެނޭޖަރުންގެ އަގުވަޒަން ކުރުން މުހިންމެވެ.
ސްޓެލްކޯއަށް 26 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި މި ވަނީ އެ ކުންފުނީގެ ކުރީސަފުގައި ހީވާގިކަމާއި އެކު މަސައްކަތް ކުރަމުން ގެންދާ މެނޭޖަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު އެންމެ ރަގަޅަށް މަސައްކަތްކުރި މެނޭޖަރުން ފާހަގަކޮށް އެ ފަރާތްތަކަށް "މެނޭޖަރ އޮފް ދަ އިއަރ" އެވޯޑް ދީފައެވެ.
މިފަހަރު "މެނޭޖަރ އޮފް ދަ އިއަރ" އެވޯޑް ވަނީ ތިން ފަރާތަކަށް ދީފައެވެ. އެގޮތުން 2022 ވަނަ އަހަރު ސްޓެލްކޯގެ މެނޭޖަރ އޮފް ދަ އިއަރ އަށް ހޮވިފައި ވަނީ އަބުދުﷲ ޝިމާޒްއާއަ އިސްމާއިލް ނިޝާރު އާއި އާމިނަތު ނީލާ މުހައްމަދެވެ. މި ތިންބޭފުޅުންގެ މި ކާމިޔާބީއަށް ސްޓެލްކޯގެ އެމްޑީ (މެނޭޖިން ޑިރެކްޓަރ) އަހުމަދު ސަރީފް ވަނީ މަރުހަބާ ވިދާޅުވެ އަދި މިފަދަ ޒުވާނުންނަކީ ދެން އޮތް ޖީލްތަކަށް ހުރި ވަރަށް ބޮޑު ނަމޫނާއެއްކަން ފާހަގަ ކުރައްވާފައެވެ. ސްޓެލްކޯގެ އެމްޑީ އަހުމަދު ސަރީފްގެ އިތުރުން އެކުންފުނީގެ ބޯޑް މެމްބަރުންނާއި، އިސްވެރިން މި ތިންބޭފުޅުންނަށް ޝުކުރާއި މަރުހަބާ ވަނީ ކިޔާފައެވެ.
ސްޓެލްކޯއިން ދެކޭ ގޮތުގައި މި ތިން ބޭފުޅުންގެ ކާމިޔާބީން ދައްކުވައިދެނީ އެ ބޭފުޅުންގެ ހީވާގި އަދި އިހުލާސްތެރި މަސައްކަތްތަކަކީ ސްޓެލްކޯގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމުގެ ހެއްކެއް ކަމުގައެވެ.