ސްޓެލްކޯގެ ކަރަންޓު ބިލްގައި ކުނީ ފީ ހިމެނުން
ކުނި ބިލު ނުދެއްކުމުގެ މައްސަލަ ހައްލުކޮށް، ކުނި މެނޭޖްކުރުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ ގޭބިސީތަކަށް ފޮނުވާ ކަރަންޓް ބިލްތަކުގައި ކުނި ނެގުމުގެ ފީ ހިމެނުމަށް އެއްބަސްވުމެއްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ސްޓެލްކޯ ސޮއިކޮށްފިއެވެ. ސްޓެލްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ. ސްޓެލްކޯގެ ކަރަންޓް ބިލްތަކުގައި ކުނި ނެގުމުގެ ފީ ހިމެނުމުގެ ފުރިހަމަ އުސޫލެއް ސަރުކާރުން ވަނީ އެކުލަވާލައިފައެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ހާމަކުރެއްވި ގޮތުގައި ކުނި ނެގުމުގެ ފީ ބިލް ކުރާނީ ސްޓެލްކޯއިން ގެންގުޅޭ ބިލިން ސައިކަލާ އެއްގޮތަށެވެ. އެގޮތުން 28 ދުވަހަށް ކަރަންޓު ބިލް ޖެނެރޭޓް ކުރާނަމަ ކުނި ނެގުމުގެ ފީވެސް އެ މުއްދަތަށް ނަގާނެއެވެ. އަދި ދެން އެންމެ އަވަހަށް ހަވާލުކުރެވޭ ބިލުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ބިލްތަކުގައި ކުނީގެ ބިލު ހިމެނިގެންދާނެ ކަމަށްވެއެވެ. މި އެބަސްވުމުގައި ސޮއިކުރެވިގެން ދިޔަކަމުގައި ވީނަމަވެސް ކުނި ނެގުމަށް މިހާރުވެސް ނަގަމުން އަންނަ ފީ އަކަށް އެއްވެސް ބަދަލެއް ނާންނެކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
މި ބަދަލާއިއެކު ސްޓެލްކޯގެ ހިދުމަތް ހޯދާ ހުރިހާ މީޓަރުތަކެއް ވެސް މިހާރުވާނީ ޑިފޯލްޓުން ކުނި ނެގުމައް ރަޖިސްޓަރ ވެފަކަމަށާއި، ނަމަވެސް ކުނި ނުއުފައްދާ މީޓަރެއްގައި ކުނި ބިލް ނުހިމެނޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވިއެވެ. ކުނި ނުއުފައްދާ މީޓަރ ތަކުގެ ގޮތުގައި މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ގެއެއްގެ ލިފްޓު އޮޕަރޭޓީން ނުވަތަ (އެމްޑަބްލިއުއެސްސީ)ގެ ޕްރެސަރ ފެންޕަންޕް ފަދަ ތަކެއްޗަށް ބެހެޓިފައިވާ މީޓާރުފަދަ މީޓަރ ތަކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ އިނީޝިއަލް ޓްރާންސިޝަން ޕީރިއަޑްގައި ކުދިކުދި މައްސަލަތަކެއް ދިމާވެދާނެ ކަމަށާއި، މި ކަމުގައި ކުދިކުދި އޮޅުންތަކެއް ހުރެދާނެކަމަށް ލަފާ ކުރައްވާފައެވެ. މިކަމުގައި އެއްވެސް ފަރާތަކަށް އޮޅުމެއް އަރާނަމަ ދެ ކުންފުނިން ކޮންމެ ކުންފުންޏަކަށްވެސް ގުޅާ އޮޅުން ފިލުވުމަށް އެދިވަޑައިގެންފައިވެއެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރީފު ހާމަކުރެއްވި ގޮތުގައި މި އުސޫލަކީ ހަމައެކަނި މާލެ ސަރަހައްދުގައި މިވަގުތު ފެށިފައިވާ އުސޫލަކަށް ވީނަމަވެސް ކުރިމަގުގައި ރާއްޖެތެރޭގައި ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތް ދެމުންދާ ރައްތަކުގެ ތެރޭއިން، އެދޭ ރަށްތަކުގައި މި އުސޫލު ގާއިކުރަމުން ގެންދާނެއެވެ.