ސަރުކާރާ ގުޅިގެން ހަށިވިއްކުން މެކުހުގައި!
ކޯލްގާލް ހިދުމަތްވެސް ރާއްޖޭން ބަރާބަރަށް ލިބޭ!
ހަށިވިއްކުމެގެ ވިޔަފާރިއަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރިއެކެވެ. އިރުމަތީ ޔޫރަޕް އަންހެނުންނާއި ތައިލެންޑާއި އިންޑޮނޭޝިޔާ އާއި ޕިލިޕިންސުން އަންހެނުން ހަށިއްކުމުގެ ވިޔަފާރި ކުރުމަށް ރާއްޖޭގައި އުޅެނީ ވަރަށް ފާޅުގައެވެ. ވޯކް ވިސާއާއި ޓޫރިސްޓް ވިސާގައި ރާއްޖެއައިސް ހަށިވިއްކުމުގައި އެމީހުން ހަރަކާތްތެރިވެއެވެ. ފާޑުފާޑުގެ ތެރަޕީ ދިނުމުގެ ނަމުގައި އެއްބަޔަކު އުޅޭއިރު އޮންލައިންކޮށް އިސްތިހާރު ކޮށްގެން ހޮޓާ ތަކާއި ގެސްޓު ހައުސްތަކުން ރޫމް ހިފައިގެން ތިބެ ހަށިވިއްކާ މީހުން ވަކި މަދެއް ނޫނެވެ.
ކަމާކަން ފަށަށް ބައިހަދާފައި ރާއްޖޭން ބޭރުން މީހުން އައިސް ހަށިވިއްކަން އުޅޭނީ ގައިމު ޑިމާންޑެއް އޮވެގެންތާއެވެ. ޓިކެޓް ކަނޑާލައިގެން މަތިން އައިސް އަގުބޮޑު ހޮޓާތަކުގައި ތިބެގެން ހަށިވިއްކަނީ ބޮޑު މަންފާއެއް ވާތީއެވެ. ބުކިންގތައް ފުލްވެ ވެއިޓް ލިސްޓްގައި މީހުން ތިބުމަކީ ހަށިވިއްކުމުގެ ވިޔާފާރި ފުޅާވެފާ ވާވަރު އަންދާޒާ ކޮށްލެވޭނެ ކަމެކެވެ. ޓޫރިސްޓް ވިސާގައި އަންނަ ހަށިވިއްކާ އަންހެނުން ހަމައެކަނި އެކަން ކުރަނީ މާލެއާއި ހުޅުމާލެއަކު ނޫނެވެ. ރަށްރަށުގެ ގެސްޓް ހައުސް ތަކަށް ގޮސްގެން ވެސް އެކަން ކުރެއެވެ.
ތެރަޕީއާއި ސްޕާތަކުގެ ނަމުގައި ރަގަޅަށް އިންތިޒާމުވެގެން މަތީ ފެންވަރުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަނީ ވެސް މަދެއްކޮށް ނޫނެވެ. ހުޅުމާލެއާއި މާލޭގެ އިތުރަށް ބައިބޯ ރަށްރަށުގަ އާއި އިގްތިސާދީ ހަރަކާތްތައް ހިނގާ ރަށްރަށުގައި ތެރަޕީތަކާއި ސްޕާތައް ހަދައިގެން ހަށިވިއްކުުގެ ވިޔާފަރިކުރެއެވެ. ރަނގަޅަށް އިންތިޒާމްވެގެން ހިންގާ ހަށިވިއްކުމެގެ ގިނަ ވިޔަފާރި ތަކުގެ ފަހަތުގައި ތިބެނީ ނުފޫޒުގަދަ ދިވެހިންނެވެ. އަޅަންޖެހޭ ބަޔަކަށް ބައިއަޅައިގެން އެތަންތަން ހުންނަނީ ނިކަން ރަނގަޅަށް ހިމާޔަތް ކޮށްފައެވެ. ގިނަ ފަހަރަށް ފުލުހުން ރެއިޑަކަށް ދާނީ ޑީލް ފަނިވެގެންނެވެ. ނުފޫޒު ހުރި މީހުން ފަހަތުގައި ތިބެގެން ހިންގާ ނާސިގެތައް ހުންނަނީ ވަރަށް ބޮޑަށް ހިމާޔަތް ކުރެވިފައެވެ.
މަތީފެންވަރުގައި ހަށިވިއްކާހެން އެންމެ އާދައިގެ މީހުނަށް އަމާޒުކޮށް ކޮށްގެން ހިންގާ ނާސިއައްޑާތައް ވެސް މަދެއްނޫނެވެ. މިޒާތުގެ ނާސިއައްޑާތައް ހިންގަނީ ބަންގާޅު މީހުންނާއި އިންޑިއާ ލަންކާ މީހުންނެވެ. ދުވަހު ކުއްޔަށް ދޭން ތަންތަން ހިފައިގެން އެތަންތާނގެ ތެރޭގައި ހަށިވިއްކުން ހިންގަނީ ވެސް މަދެއްކޮށް ނޫނެވެ. މިފާޑުގެ ގިނަ އައްޑާތަކުގައި ހަށިވިއްކުމުގެ މަސައްކަތުގައި ބަންގާޅާއި އިންޑިއާއި ލަންކާއާއި ރާއްޖޭގެ އަންހެނުން އުޅެއެވެ.
ހަށިވިއްކުމުގައި ކޯލްގާލް ހިދުމަތްވެސް ރާއްޖޭން ބަރާބަރަށް ލިބެއެވެ. ކަމެއް އޮތްތޯ ބަލަމުން މަގުމަތީގައި ހިނގާ ދިވެހި އަންހެނުންވެސް އެހާގިނައެވެ. ކޮންމެ ގޮތަކަށް މާކެޓް ހޯދައިގެންވެސް ހަށިވިއްކުމުގެ ވިޔަފާރި ޑްރަގަށްވުރެ ބޮޑަށް ފެތުރިފައި އެބައޮތޭ ބުނެވިދާނެއެވެ. ވާނީ އެހެންތާއެވެ. ހަށިވިއްކުމުގެ ވިޔަފާރިއަކީ ޓެކްސް ދައްކަންޖެހޭ ވިޔަފާރިއެއް ނޫނެވެ. ހުއްދަ ނަގަންޖެހޭ ވިޔަފާރިއެއް ނޫނެވެ. އިންތިހާއަށް ޑިމާންޑް އޮތް މި ވިޔަފާރިން ނެގޭ ފައިދާބޮޑެވެ.
ރާއްޖޭގެ ބާޒާރުގައި އެނބުރޭ މަދު ޑޮލަރުކޮޅުން ބޮޑުބައެއް ރާއްޖޭން ބޭރަށް ކަހާލާ ހަށިވިއްކުމުގެ ވިޔަފާރިއާމެދު ވިސްނާ އެކަކުވެސް ނޫޅެއެވެ. ކޮންމެވެސް ބަޔަކު ރިޕޯޓެއްް ކުރުމުން ދޭތެރެ ދޭތެރެއިން ހަށިވިއްކާ ތަންތަން ރެއިޑްކޮށް ކޮންމެވެސް ބޭރު ބަޔަކު ހިފާހައްރުކޮށް ޑީޕޯޓް ކޮށްލައެވެ. އެހެނަސް ހަށިވިއްކުމުގެ ވިޔަފާރި އެންމެ ތަންފުކެއްވެސް މަދެއްނުވެއެވެ. އެކަމާ އަޅާލާ ސަރުކާރެއް ނާދެއެވެ.