މުއިއްޒު ޖައްބާރަކަށް ހަދަނީ ޕީއެންސީ މަޖިލިސް މެންބަރުން!

މުއިއްޒު ހިތުހުރި ގޮތަކަށް ކަންތައް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ޕީއެންސީ މެންބަރުންގެ ނުބައިކަމުންނެވެ. އަމިއްލަ ބާރު އަމިއްލައަށް ކަނޑުވާލައިގެންތިބެ މުއިއްޒު އެޅިހާ ބަތަކަށް ރިހަވެގެން އުޅޭ އަށްޑިހަ ވަރަކަށް މެންބަރުންނަކީ ރައްޔިތުންނަށް މިއަދު ޖެހެމުން މިދާ ގިލަންވެރި ކަމުގެ މައިގަނޑު ސަބަބެވެ.
ދައުލަތް ދަވާލުމުގައި މުއިއްޒުގެ ހަގީގީ ބައިވެރިންނަކީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާ ދަތްނެތް ސިންގާ ތަކަކަށް އެ މުއައްސަސާތަށް ހަދާދީގެން އުޅެނީވެސް މިބުނާ މެންބަރުންނެވެ. ފަނޑިޔާރުގެ މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ހަދައިދެނީވެސް އެ މެންބަރުންނެވެ.
ދައުލަތުގެ ބަޖެޓް ފުޅިއްސާލާ ބައި އަޅައިގެން ދައުލަތުގެ މިލްކިއްޔާތު ބަހާލައި ކައިހުސްކުރަނީވެސް މެންބަރުންނަށް ބައިއެޅިގެންނެވެ. ދާއިރާއަށް ކަމެއް ނުކޮށްދީވެސް އަމިއްލަ ޖީބުތައް ފުރާލެވޭތީ ދާއިރާގެ ހައްގުގައި ޗުއްޕުވެސް ނުބުނެ އެތިބެނީ ހިނިއައިސްފައެވެ. ދާއިރާގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ހަމައެކަނި އާސަންދަ ކަމުގައި ދެކިގެން ދައުލަތް ކައި ހުސްކުރާ މެންބަރުންގެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނުހުރެއެވެ.
ކޯމަހު ކުރީ އައިނަކަށް އެރިގެންއުޅޭ މަސްދޯންޏެކޭ މި މެންބަރުންނެކޭ ތަފާތެއްނެތެވެ. ފަސް އަހަރު ދުވަހަށް ނަގާނެ ވަރަކަށް ނަގަން ލިބިފައި އޮތް ރަންވަޅަކަށް މަޖިލިސް މެންބަރުކަން ވަނީ ހަދާފައެވެ. އިންސާނީ ކަރާމާތެއް ދުނިޔަވީ ހަމައެއް ގޮތެއް ފޮތެއް ހަލާލެއް ހަރާމެއް ބެލުމެއްނެތެވެ.
ކުރީ ސަރުކާރަށް ބަވަމުން މުޅި ދައުލަތް ނޮޅާކައި ހުސްކޮށްފިއެވެ. މާލެ ސަރަހައްދުން ބިންތަކާއި ފްލެޓްތަކާއި މިލްކު ކުރަނީއެވެ. ފަޅުރަށްތަކާއި ފަޅުތަކާއި ބިންތައް އަންބޮޑިއަށް ޖަހާލަނީއެވެ. ދެނަހުރި މީހަކު ކުރާ ޝަކުވާއެއް ޖައްސާ މައްސަލައެއް ބެލޭނެ ގޮތެއް ބަލާނެތަނެއް ނެތެވެ. ހޭނުބަހައްޓާ ހުރަހާ ދިގަށް ވައްކަމާއި ހިޔާނާތް ހިންުގުމުގައި މުއިއްޒާއެކު ތިބީ އަތުގުޅާލާފައެވެ.
ސިފައިންނާއި ފުލުހުން ތިބީ އަވާމެންދުރެއްގައެވެ. ފަނޑިޔާރުގެ އޮތީ ކުޑަކަކޫ ޖައްސާފައެވެ. މިނިވަން މުއައްސަސާތައް އޮތީ ވާގިނައްތާފައެވެ. ރައްޔިތުން ތިބީ ދެންކިއްކުރާނީގައި ކުރާނެކަމެއް ނެތިފައެވެ.