އަބުޗާ ދޫކޮށްލީ ދުރާލާ ރޭވިގެން | އަލުން ހައްޔަރުކުރީ ޕްރެޝަރަށް!
ޕެރޯލް ބޯޑުން ކަމަށްވާނަމަ އޭނާގެ ފަރާތުން އިތުރު ކުށެއް ނުފެނި އަލުން ހައްޔަރު ކުރެވޭނެތަ؟
ޑްރަގްގެ ބޮޑެއް ކަމުގައިވާ އަބްދުއްލާ ރަޝީދު (އަބުޗާ) މިނިވަންވީ ސަރުކާރުގެ ތެރެއިން ބައެއްގެ ބައިވެރި ވުމާއިއެކު ކަމުގައި ބުނުމުގެ ފުރުސަތު ބޮޑެވެ. ވިސްލް ބްލޯވަރުންތަކެއް މީސްމީޑިއާގައި ފުޅާދާއިރާއެއްގައި މީގެ ދުވަސްތަކެއް ކުރިން މިނިސްޓަރު އިހުސާނު މި އަބުޗާ މިނިވަން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި ކަމަކީ ކެމްޕެއިންތެރޭގައި ވީ ވައުދެއްކަމަށް ވެސް ބުނެފައެވެ. ޕެރޯލްބޯޑުން ފާސްކުރާ ކަންކަން ތަންފީޒު ކުރަނީވެސް އިހުސާނު ކަމަށް މީހުން އޭރު ގޮވަމުން ދިޔައެވެ. ޕެރޯލަށް ހުށަހަޅާ މީހުން ކަނޑައަޅަނީވެސް ވަކި ނިޒާމެއްގެ ތެރެއިންކަމާއި ގިނަފަހަރު ރައީސްގެ ހިއްސާއެއް މިކަމުގައި ވާނެ ކަމަށް މީހުން ބުނަމުންދިޔައެވެ.
މިފަހަރު މިވީ ޕެރޯލްބޯޑުން ބޮޑު ގޯހެއް ހެދީ ކަމަށެވެ. ޕެރޯލްގައި ތިބެނީ އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ މެމްބަރުންނެވެ. ކަރެކްޝަނާއި ޕޮލިހާއި އެތަން މިތަނުން މީހުން ތިބެއެވެ. މި ވަރުގެ ކަމެއް ނިމިގެންދާއިރު އިހުސާނާއި މުއިއްޒަށް ނޭގޭނެ ކަމަށް ގަބޫލު ކުރުމަކީ އިންސާނީ ބުއްދިއަށް ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. އެހެނީ ތަންތަނުގެ ވަޒީފާތަކުން ވަކި ކުރާ އެންމެންގެ ވަނަވަރު މުއީޒު ބަލާކަމަށް ބުނާތީއެވެ.
ވަޒީފާތަކުގައި ތިބޭ މީހުންގެ އާއިލާތަކުން މީހަކު ޕީއެންސީ ދޫކޮށް އެހެން ޕާޓީއަކަށް ވަތްނަމަވެސް އެ މުވައްޒަފަކަށް އިންޒާރު އާދެއެވެ. ސަރުކާރުގެ އިދާރާއަކުން ފަންސާސް ލާރި ހޭދަކުރަން ޖެހުނަސް މުއިއްޒު ބަލައެވެ. ފަހަރުގައި އޭނާއަށް ލިބޭނެ މިންވަރު މަދުވާނެތީއެވެ. މި ކަމަކީ ރޭވިގެން ހިނގާފައިވާ ކަމެކޭ ބުނުމުގެ ފުރުސަތު ބޮޑުވާހަކައެވެ.
އަބުޗާ މިނިވަންވީ ޕެރޯލް ބޯޑުން ކަމަށްވާނަމަ އޭނާގެ ފަރާތުން އިތުރު ކުށެއް ނުފެނި ހައްޔަރު ކުރުމަކީ މުޅީން އެހެން މައްސަލައެކެވެ. ޕެރޯލް ބޯޑުގެ ނިޒާމުތަކުގެ ތެރެއިން މިނިވަންވާ މީހަކު އަލުން ހައްޔަރު ކުރުމަކީ ސަރުކާރުން ކަނޑައެޅި ޕެރޯލްބޯޑުގެ ބޭނުން ކެނޑޭނެ ކަމަކަށް ވުމެވެ. ސަފުކާރަށް ފެނިއްޖެ ނަމަ ދޫކުރެވި އަދި ހައްޔަރު ކުރެވިދާނެ ކަމަށް ބުނުމެވެ. މިއީ އަބުޗާ މިނިވަން ކުރަން ގޮވާލާ ގޮވާލުމެއް ނޫނެވެ.
ގާނޫނާ ހިލާފަށް އަބުޗާ މިނިވަންކުރުމަށް ނިންމި ޕެރޯލް ބޯޑުގައި ތިބި މެންބަރުންގެ ނަންތަން އާއްމު ނުކރުމުން އޭގައި މަތިފަޑީގެ ބޮޑު ރޭވުމެއް އޮތްކަމަށް ގަބޫލުކުރެވެއެވެ. ގާނޫނާއި ހިލާފަށް ބޮޑު ކުއްވެރިއަކު ދޫކޮށްލަން ނިންމި މީހުންނަށް ފިޔަވަޅުނަޅާ ނުބައި ނިޔަތެއްގައި ކުރިކަމެއް ނޫނޭ ދާހިލީ ވަޒީރު ބުނުމުން އަބުޗާ ދޫކޮށްލުމުގައި ވަޒީރުގެ މަސްލަހަތު އޮތްކަން ވަރަށް ސާފެވެ.
ރައްޔިތުންގެ ތެރޭގައި ޕްރެޝަރ ބޮޑުވުމުން އަނބުރާ ހައްޔަރުކުރުމަކުން ގާނޫނާ ހިލާފުވުމުގައި މައްޗެއް ނޭޅޭނެއެވެ. ރަނގަޅަށް ވިއްޔާ އަބުޗާ ދޫކޮށްލަން ނިންމިކަން ޕެރޯލް ބޯޑުގައި ތިބި ގިނަ މެންބަރުންނަށް ނުވެސް އެނގޭނެއެވެ. ކަމެއް ކުރަންވެއްޖެއްޔާ އިހުސާނުމެން ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެކަން އައިޑީކާދުން ކުރި ވައްކަމުން އެކަނިވެސް އެނގޭނެއެވެ.
ޑްރަގުގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަކީވެސް މި ސަރުކާރުގެ ވިސްނުމެއް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި މިހާ ގިނަ އަދަދެއްގެ ޑްރަގު އެތެރެ ކުރި މީހަކު ނިޒާމުގެ ތެރެއިން މިނިވަން ވުމަކީ ކަންބޮޑުވުމެކެވެ. މި ފަހަކަށް އައިސް އާންމު ރައްޔިތުންނަށް ކުރެވޭ އިހުސާސަކީ މި ގައުމުގެ ކަންކަން ކުރަން ތިބެންވީ ގޭންގް ސަޓާރުންނާއި ސިޔާސީ މީހުންނެވެ.
އާންމު ރައްޔިތަކަށް ފުރުސަތެއް މިސަރުކާރުގައި ނެތެވެ. ސިޔާސީ މީހަކާ ގުޅުމެއް ނެތް މީހަކަށް އާސަންދައެއް ނުލިބެއެވެ. ގޭންގު މީހަކަށް ނޫނީ ލޯނެއް ނުލިބެއެވެ. މިހާލަތުން ދިވެހިން މިންޖުވާން ޖެހެއެވެ.




