މާލެސަރަހައްދުން ގޯތިދެންޏާ އެޗްޑީސީ ހިންގާ ވަގުޑީލަށް ބިންމަދުވޭ!

މާލެ ސަރަހައްދުގެ ބިން ރަނަށް ހަދައިގެން މުއިއްޒު އުޅެނީ ވިޔަފާރިކުރަން

މާލެސަރަހައްދުން ގޯތިދެންޏާ އެޗްޑީސީ ހިންގާ ވަގުޑީލަށް ބިންމަދުވޭ!

ރައީސް ސޯލިހުގެ ވެރިކަމުގައި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރިއެވެ. ބިންވެރިޔާ ސްކީމުން ގޯތި ދޫކުރީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. ހުޅުމާލެއިން 1351 ގޯއްޗާއި ގުޅީފަޅުން 2219 ގޯއްޗާއި ގިރާވަރުފަޅުން 5433 ގޯއްޗެވެ. 

9003 ގޯތީގެތެރެއިން ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ހިއްކަންޖެހޭ އޮތީ އެންމެ ހަސަތޭކައެއްހާ ގޯއްޗެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނީ އެގޯތިތައް ހިއްކަމުން ދަނިކޮށްނެވެ. އޭރުވަނީ ގޯތީ ދޭން ޖެހޭ މީހުން ކަނޑައެޅި ގޯތިތައް ގުރުއަތުލާ ހިއްކާފައި އޮތް ބިމުން ގޯތި ލިބޭ މީހުނަށް ގޯތި ކަނޑާދީ ގޯތީގެ ރަޖިސްޓްރީ ވެސް ހައްދާ ނިންމާފައެވެ. ނުހިކި އޮތް ބިމުން ހިއްކައިގެން ދޭންޖެހޭ ގޯތިތައް ދޭންޖެހޭ މީހުނަށް ގޯތި ލިބޭނެ ކަމުގެ ލިޔުންވެސް ވަނީ ދީނިމިފައެވެ. 

ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއެކު ގޯތި ދިނުމަށް ހިއްކަމުން އައި ބިން ހިއްކުން ހުއްޓާލާ މާލެ ސަރަހައްދުން ދޭން ކަނޑައެޅުނު ގޯތިތައް އެސަރަހައްދުން ނުދީ ގުޅީފަޅަށް ބަދަލުކުރުމަށް ރަސްމާލެ ނަމުގައި ބިން ހިއްކަން ފެށިއެވެ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކީ ރަސްމާލެ ކަމުގައި ބުނެގެންނެވެ. ރަސްމާލެ ހިއްކުމަށް ދައުލަތުން ލޯލާރިއެއްވެސް ހަރަދު ނުވާނެ ކަމަށްވެސް ބުންޏެވެ.

ރަސްމާލެ ހިއްކުމަށް ދައުލަތުން ހަތަރުއަނައެއްވެސް ހަރަދެއް ނުވޭހެއްހެވެ. އެތައް ހާސް އަކަފޫޓެއްގެ ބިމާ ލާޖައްސައިގެން ރަސްމާލެ ހިއްކުމަކީ ބިލިޔަނުން ދައުލަތަށް ދެވޭގެއްލުމެއް ނޫންހެއްޔެވެ. ހުޅުމާލޭ ދެވަނަ ފޭހުން ކުރިން ބޮޑު ހޭދައެއްކޮށްގެން ދައުލަތުން ހިއްކާފާވާ ބިމުން އެތައްހާސް އަކަފޫޓެއްގެ ބޭރު ކުންފުޏްޏަކަށް ހިލޭދީފާ ރަސްމާލެ ހިއްކަން އެމީހުންނާއެކު ވީ އެއްބަސްވުން ބާތިލުކުރުމަކީ ކިހާވަރެއްގެ ހިޔަނާތެއްކަން އިނގުރައިޑު ފަލާހު ނިކަން ބުނެ ދީބަލާށެވެ. އަށްމަހުން ހިއްކާ ނިންމަން ބުނި ބޮޑު ބިޔަ ރަސްމާލެ ކޮބާހެއްޔެވެ. ރަސްމާލެއަކީވެސް ރައީސް މުއިއްޒު ދައުލަތް ދަވާލަން އޮތް ކެރިފެލާ ގެރިއެކެވެ. ރަސްމާލެ ހުވަފެނުގެ ބޭނުމަކީ މާލެ ސަރަހައްދުން ގޯތި ނުދިނުމާއި ރަސްމާލެ ހިއްކުމުގެ ނަމުގައި ދައުލަތް ދަވާލުމެވެ. 

ހަމަ ތެދެކެވެ. މާލެ ސަރަހައްދުން ދޭން ކަނޑައަޅާފައިވާ 9003 ގޯއްޗަކީ ދައުލަތަށް ދެވޭ 5.4 ބިލިޔަން ރުފިޔާގެ ބޮޑު ގެއްލުމެއްކަމަށް ދައްކައިގެން މާލޭ މީހުނަށް ގޯތި ނުދޭން ޒާތްޒާތުގެ ހުއްޖަތް ދައްކަން ނުހަދާށެވެ. ކުރީގެ ހުރިހާވެރިކަމެއްގައިވެސް ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް ރައްޔިތުންނަށް ހިޔާވަހިކަން ދިނުމަށެވެ. ރައީސް މައުމޫނު އެޗްޑީސީ އުފެއްދީ ވެސް އެ ބޭނުމުގައެވެ. މާލެ ސަރަހައްދުގެ ބިން ހިއްކައިގެން ވިޔަފާރިކޮށް ވެރިންގެ ޖީބުތައް ފުރާކަށް ނޫނެވެ. 

މާލޭގައި ދިރިއުޅޭ މީހުނަށް ހިޔާވަހިކަން ނުދީ މާލެ ސަރަހައްދުގެ ބިން ރަނަށް ހަދައިގެން ވިޔަފާރިކުރަން އުޅޭބަޔަކަށް މާލެ ސަރަހައްދުން ހިލޭގޯތި ދިނުމަކީ ބިލިޔަނުގެ ހިޔަނާތަކަށް ވެދާނެއެވެ. ލޯނު ނަގައިގެން ރާއްޖޭގައި ހިއްކަނީ މާލެ ސަރަހައްދެއް ނޫނެވެ. އައްޑުއަތޮޅާއި ތިނަދުއާއި ނައިފަރާއި ހިންނަވަރާއި އޭދަފުއްޓާއި ކުޅުދުއްފުއްޓާއި ހޯރަފުށިވެސް ހިއްކީ ލޯނުނަގައިގެންނެވެ. ރާއްޖޭގައި ހިއްކިއްޔާ ހިއްކި ބިމެއްވިއްޔާ ހިއްކީ ލޯނިނަގައިގެންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މާލެ ސަރަހައްދު ނޫން ތަންތަނުން ހިއްކިބިމުން ގޯތި ހިލޭދިނުން ގެއްލުމަކަށް ނުވެފާ މާލެސަރަހައްދުން ހިލޭ ގޯތި ދިނުން 5.4 ބިލިޔަނުގެ ގެއްލުމެއް ކަމަށް މުއިއްޒު ސަރުކާރުން ސިފަކުރަނީ މާލެ ސަރަހައްދުން ބިންވިއްކައިގެން އެޗްޑީސީ މެދުވެރިކޮށް ހިންގާ ވަގުޑީލްތައް ހިންގަން ބިން މަދުވާތީއެވެ.