ފެނަކަ ރިޕޯޓާއި ޖެހުމުން މުއިއްޒާއި މުއައްސަސާތައް ވަރެއްނެތް!

ފެނަކަ ރިޕޯޓާއި ޖެހުމުން މުއިއްޒާއި މުއައްސަސާތައް ވަރެއްނެތް!

ފާސިގަކު ބުންޏަސް ތިމާ ގަޔާނުވާ މީހަކާ ގުޅުވައިގެން ދައްކާ ކިތަންމެ ހުތުރު ވާހަކައެއް ވެސް ލޮލުން ބޮލުން ގަބޫލުކުރެއެވެ. އޭރަކު ތެދެއް ދޮގެއް ބެލުމެއް ނޯވެއެވެ. އަޅެފަހެ މިއީ ކޮންފަދަ ބަލިމަޑު ކަމެއް ބާވައެވެ. 

އިއްޔެވެސް މިއަދުވެސް ހުއްޓާނުލާ ގޮވާ ނަގަމުންދަނީ ރައީސް މުއިއްޒުގެ ނުބައިވާހަކައެވެ. ދޮގުހަދާ ވަާހަކައެވެ. މުއިއްޒުގެ ހުދުމުހުތާރު ކަމުގެ ވާހަކައެވެ. މުއިއްޒުގެ ފުށުން އަދުލުވެރިކަމާއި އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ނުފެންނަ ވާހަކައެވެ. 

ރައްޔިތުންގެ މަޖިލިސް މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ހަދައިގެންއުޅޭ ވާހަކަ އެބަދައްކައެވެ. ފަނޑިޔާރުގެއަށް މުއިއްޒު ހަތަރެސްފައި ބާނައިގެން އުޅޭ ވާހަކަ އެބަ ދައްކައެވެ. ނޫސްވެރިކަމުގައި ތަޅުއަޅުވަން އުޅޭތީ ވާކަނ ބޮޑުވުމަށް އޮތްކޮޅެއް މެދެއް އުޅެނީ ނުފެނިގެންނެވެ. 

ފުލުހުންާއި އޭސީސީއާއި ހުރިއްޔާ ހުރި މިނިވަން މުއައްސަސާއެއް އޮތީ ވާގިނައްތާލާ މުއިއްޒު ބޭނުންވާ ކަމެއްގައި މުއިއްޒު އެދޭގޮތަކަށް ކަންކަން ކޮށްދޭން ތަންތަނުގެ ގޮތުގައި ކަމަށްވެސް އެބަ ބުނެއެވެ. އޭސީސީއާއި ފުލުހުންނާއި އޮޑިޓަރ ޖެނެރަލްވެސް މަސަައްކަތް ކުރަނީ މުއިއްޒުގެ މަސްލަހަތުގައި މުއިއްޒުގެ އޯޑަރަށް ކަމަށް ބުނެ މުޅި ގައުމުގައި ވަނީ އަޑު ހިއްޕާލާފައެވެ. 

މުއިއްޒު ގޮނޑިކޮއްކޮ އެއްވެސް މުއައްސަސާއަކުން މުއިއްޒު ބޭނުންނުވާ ގޮތަކަށް ކަމެއް ކުރެވޭނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. މުއިއްޒުގެ ވެރިކަމުގައި ރަތްލާޖެހި ވަގުން ހިންގާ ވައްކަމުގެ މައްސަލަތައް ނުބަލާ ވާހަކައިގެ އަޑުކަނޑައިގެން ނުދެއެވެ. ފަޒުލާއި ޝުޖާއާއި ފަލާހު ފަދަ އެތައް ބައެއްގެ މައްޗަށް ކުރެވޭ އެއްވެސް ތުހުމަތެއްގެ މައްސަލަ ނުބަލާ ވާހަކައަކީ އިވއިވި ބަވެފައިވާ ވާހަކައެވެ. 

މާލެ ސަރަހައްދުން މާލޭ މީހުނަށް ގޯތި ދިނުމުގެ އިމޭޖު ހަޑިކުރަން މުއިއްޒު އޮޑިޓް ރިޕޯޓެއް ނެރުވިފަހުން މާގިނަ ދުވަހެއް ނުވެއެވެ. މާލެ ސަރަހައްދުން ގޯތި ދިނުމަކީ އެތައް މިލިޔަނުގެ މާލީ ގެއްލުމެއް ލިބުނު ކަމެއްކަމަށް ބުނެ ކުއްލި އޮޑިޓް ރިޕޯޓެއް އޮޑިޓަރ ޖެނެރަލް ނެރެދިނެވެ. އެ އޮޑިޓް ރިޕޯޓެއް މުއިއްޒަށް ނެރެ ދިންއިރު ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކައިގެން ހިލޭ ގޯތި ދިނުން ގެއްލުމަކަށް ނުދެކޭ އޮޑިޓަރ ޖެނެރަލް ނެރެދޭ ފެނަކަ އޮޑިޓް ރިޕޯޓަކީ ހައްގު ތެދުކަމަށް ދެކެންޖެހޭ ސަބަބެއް ނުވިސްނެއެވެ. 

އަދީބު ފައިލްގެ ތެރޭން ފެންމަތިވި އެމްއެމްޕީއާރުސީ ހިޔާނަތުގެ ބައިވެރިންގެ ވާހަކައިގެ އަޑު ކަނޑުވާލުމަށާއި 3 އޮކްޓޫބަރ މުޒާހަރާ ވައިގައި ހިފިޔަ ނުދޭން ރޭގަނޑެއްގެ މެންދަމު ނެރުނު އޮޑިޓް ރިޕޯޓެއް ސައްހަވާނެ ހެއްޔެވެ. މުއިއްޒުގެ ޕަޕެޓަކު ނެރެ ފަތުރާލާ އޯޑިޓް ރިޕޯޓެއް ސައްހަވާނެ ކަމަށް ދުށުމަކީ ގަބޫލު ކުރަމުންއައި ހުރިހާ ހަމައެއް އެއީ އެއްވެސް އަސްލެއްނެތި ގަބޫލު ކުރަމުންއައި ގަބޫލު ކުރުންތަކެއް ކަމަށް ޖަހާދެވޭ ސިއްކައެކެވެ. އަދުލުވެރިކަމެއް ނެތް ހުދުމުހުތާރު ވެރިކަމެއްގައި އިންސާފަކީ ލިބޭނެ އެއްޗެއް ނޫނެވެ. ފެނަކަ ރިޕޯޓާ ޖެހުމުން މުއިއްޒާ މުއައްސަސާތައް ވަރެއް ނެތެވެ.