މުއިއްޒަކީ ރައްޔިތުންގެ އެންމެ ބޮޑު ދުޝްމަން
ކުރިއްޔާ ކުރިކަމަކުން ރައްޔިތުންނަށް ޖެހުނީ ހިތިބޭސް ބޯން
އިޒްރޭލް ޕާސްޕޯޓް ބޭން ކުރިޔަސް ނުކުރިޔަސް މުއިއްޒު ވެރިކަމުގައި ހުރެއްޖެނަމަ ގެސްޓް ހައުސް ވިޔަފާރި ފުނޑުފުޑުވާނެއެވެ. ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް މާރުކުރިޔަސް ނުކުރިޔަސް މުއިއްޒު ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖޭގެ ޓޫރިޒަމް ބޮލާއަޅާނެއެވެ. މުއިއްޒު ވެރިކަމުގައި ހުރެއްޖެނަމަ އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލި ގައުމު ބަނގުރޫޓް ވާނެއެވެ.
އާސަންދަ ރިފޯމް ކުރިޔަސް ނުކުރިޔަސް މުއިއްޒުގެ ވެރިކަމެއްގައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޭސްފަރުވާއެއް ނުކުރެވޭނެއެވެ. މަހުގެ އަގު ބޮޑުކުރިޔަސް ނުކުރިޔަސް މުއިއްޒު ވެރިކަމުގައި ހުރިހާ ދުވަހަކު މަސްވެރިންނަށް ހަމަ ނޭވާލައިގެނެއް ނޫޅެވޭނެއެވެ. ފްލެޓް އެޅިޔަސް ނޭޅިޔަސް މުއިއްޒަކަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައެއް ނުދެވޭނެއެވެ.
މުއިއްޒު ވެރިކަމުގައި ހުރެގެން ރަށްރަށުގެ ކަރަންޓްގެ މައްސަލަތައް ހައްލުވެ އަތްފޯރާ ފަށަކަށް ކަރަންޓާއި ފެނުގެ އަގު ތިރިއެއް ނުވާނެއެވެ. ސަބްސިޑީ ދިނަސް ނުދިނަސް އިންފްލޭޝަން ކުޑަވެ ކާބޯތަކެތީގެ އަގު އެއްހަމައެއްގައި މުއިއްޒުގެ ވެރިކަމެއްގައި ނުހިފެހެއްޓޭނެއެވެ. ދަތުރުފަތުރުން މުޅި ރާއްޖޭ މުއިއްޒަކަށް ގުޅައެއް ނުލެވޭނެއެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔަވާ ކުދިންނަށް ރަނގަޅު ތައުލީމެއް ދެވޭވަރުގެ ވިސްނުމެއް ގާބިލުކަމެއް މުއިއްޒުގެ ނެތެވެ. ހަރަދުކުޑަ ރައްކާތެރި މާހައުލެއް ގާއިމު ކުރުމުގެ ހުނަރެއް ވައްޓަފާޅިއެއް މުއިއްޒުގެ ނެތެވެ. ސަރުކާރުގެ ހަރަދު ބަރަދު ކުޑަކޮށް ރައްޔިތުންގެ ޖީބު ނުކަނޑާ ގައުމު ހިންގޭ ވަރުގެ މީހަކަށް މުއިއްޒު ނުވިއެވެ.
އާމްދަނީއެއް ހޯދަން މީހަކު ކުރާހާކަމަށް އުނދުޅި ބާނައިގެން އޮބި އަޅައިގެން ދިޔަކޮޅު ފެލައިލުން ނޫން އެއްވެސް ކަމެއް ކުރާކަށް މުއިއްޒަކަށް ނޭނގެއެވެ. އެކުވެރި ދައުލަތްތަކާއި ގުޅުން ބާއްވަން ޖެހޭ މީންގަޑެއް މުއިއްޒަށް ނޭނގި ހަނގުރާމަ އިއުލާނު ކުރާވަރަށް ބައިނަލްއަގުވާމީ ގުޅުން ހީނަރު ކޮށްފިއެވެ. ވެރިކަމުގައި އެންމެ އަހަރެއްވީއިރު ރަނގަޅަށް ކުރެވުނު ވަކި ކަމެއްވެސް ނެތެވެ. ކުރިއްޔާ ކުރިކަމަކުން ރައްޔިތުންނަށް ޖެހުނީ ހިތިބޭސް ބޯށެވެ.
މާލީ ގޮތުން ތައުލީމެއް ތަޖުރިބާއެއް ނެތް ބޮޑާ މަވެތި ވެރިއަކު ވެރިކަމުގައި ހުރުމަށްވުރެ ގައުމަކަށް ގެއްލުން ބޮޑު އެހެން ކަމެއް ނުއޮންނާނެއެވެ. އާއްމު ރައްޔިތުންގެ ހިތާކައިރި ޝިއާރު ހަދައިގެން ރައްޔިތުންގެ ފަޅީގައި ހުރިކަމަށް ދެއްކެން އުޅުނަސް މުއިއްޒަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ދުޝްމަނެވެ.