4000 އާއިލާ ގެދޮރުވެރިކުރާ ނަމުގައި ކުލީގެ އަޅުނަށް ހަދަނީ!
އަގުދެއްކުމާއި ކުލިދެއްކުމަކީ އުޑާ ބިމާހާ ތަފާތުދެކަމެއް. "ޔުނިޓް ކުއްޔަށް ދިނުމާއި މިލްކް ކުރުމުގެ އެއްބަސްވުން" ވުން ބާތިލު

"ގެދޮރުވެރިޔާ" މި ބަހުން ވެސް ގެދޮރުވެރިޔާ ސްކީމްގެ ބޭނުމާ މަގުސަދު ވަރަށް ސާފެވެ. ރައީސް ސޯލިހު ސަރުކާރުން ރާވާ ހިންގި ގެދޮރުވެރިޔާ ސްކީމްގެ ބޭނުމަކީ ގެދޮރުވެރިކަމުން މަހުރޫމުވެފައިވާ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދާދިނުމެވެ. ކުލީގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތް ކުރުމެވެ.
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ހައްގުވާ މީހުނަށް ދެވޭ ފްލެޓަކީ އެމީހުނަށް ކުއްޔަށް ދޫކުރަން އިމާރާތް ކުރި ފްލެޓްތަކެއް ނޫނެވެ. ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓް ލިބޭ މީހުން ދައްކަން ޖެހެނީ ފްލެޓްގެ އަގެވެ. ދިގު މުއްދަތަށް ބަހާލަދީގެން ވެސް ދައްކަން ޖެހެނީ ފްލެޓްގެ އަގެވެ. ކުއްޔެއް ނޫނެވެ. މުއިއްޒު ސަރުކާރުން މިހާރު އެވަނީ އެކަންވެސް އޮޅުވާލާފައެވެ.
ދައުލަތް ޖާމިނުވެގެން ރައްޔިތަކަށް ހޯދަދޭ ގެދޮރުވެރިކަމަކުން ލިބެން ޖެހޭ ހުރިހާ ހައްގެއް ގެދޮރުވެރިކަން ދޭ ދުވަހުން ފެށިގެން ގެދޮރުވެރިޔާއަށް ނުލިބެންޏާ ދައުލަތެއް އޮތުމުގެ ބޭނުމެއް ނެތެވެ. ދައުލަތުން ގެދޮރުވެރިކަން ކަށަވަރުކޮށްދޭ ފަރާތަށް ގެދޮރުވެރިކަމުން ލިބޭ ހުރިހާ ހައްގެއް ފުރިހަމައަށް ލިބިދޭން ޖެހޭނެއެވެ.
ދައުލަތުން ރައްޔިތަކަށް ކަށަވަރުކޮށްދޭ ގެދޮރުގެ މިލްކު ކުރުމަށް ދައްކަންޖެހޭ އަގު ނުދެއްކި އޮތަސް ގެދޮރުވެރި ކަމާގުޅިގެން ލިބިދެވޭ މައިގަނޑު އަސާސީ ހައްގުތަކުން މަހުރޫމެއް ނުކުރެވޭނެއެވެ. ގެދޮރުވެރި ކަމާގުޅިގެން ލިބިދެވޭ މައިގަނޑު އަސާސީ ހައްގުތައް ގެދޮރުވެރިކަން ލިބޭ ފަރާތަށް ދައުލަތުން ކަށަވަރުކޮށްދޭން ޖެހޭނެއެވެ.
އަގު ދެއްކުމަށް ހަމަޖެހިފައި އޮންނަ އުސޫލުން އަގު ދެއްކުމާއި ގަވައިދުން އަގު ނުދައްކާ ނަމަ ކަންތައް ކުރާންވީ ގޮތެއް އެއްބަސްވުމުގައި ކަނޑައެޅިފައި އޮންނަންޖެހެއެވެ. ގަވައިދުން ފައިސާ ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ވެސް އެއްވެސް ހާލަތެއްގައި ދައުލަތުން ކަށަވަރުކޮށްދޭ ގެދޮރުވެރިކަމެއް ނިގުޅައިގަނެވޭ ގޮތަކަށް އެއްބަސްވުމެއް ހެދިގެން ނުވާނެއެވެ.
މިލްކު ނުކޮށް ނުކުރެވޭނެ ކަންކަމަކީ ވިއްކާލުމާއި މޯގޭޖް ކުރުން ފަދަ މިލްކިއްޔާތަށް ބަދަލު އަންނަ ޒާތުގެ ކަންކަމެވެ. ގެދޮރު މިލްކު ކުރުމަށް ގަވައިދުން ދައްކަންޖެހޭ ފައިސާ ހޯދުމުގެ ބޭނުމުގައި ރަށްވެހިންގެ ރަޖިސްޓްރީ ހަދާދިނުން ފަދަކަންކަން ނުކުރެވޭގޮތަށް އެއްވެސް ކަމެއް ޝަރުތު ކުރުމަކީ ގެދޮރުވެރިކަން ހޯދާދިނުމެއް ނޫނެވެ.
ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް މިހާތަނަށް އަމަލު ކުރަމުންދާ އުސޫލަކީ "ގަނެ ވިއްކުމުގެ އެއްބަސްވުން" ގެ ދަށުން ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ އަކާ އެކު ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް އެދި، ގަންނަ ފަރާތުން ކައުންސިލަށް ހުށަހެޅުމުން އެތަނެއް ގަންނަ ފަރާތުގެ ނަމުގައި ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނުމެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން އާއި އަމިއްލަ ފަރާތްތަކާ ދެމެދު ހަދަމުން ދަނީ "ޔުނިޓް ކުއްޔަށް ދިނުމާއި މިލްކް ކުރުމުގެ އެއްބަސްވުން" ނަމުގައި ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާއި ދެމެދުގައި ހަދާފައިވާ ކުލީގެ އެއްބަސްވުމެކެވެ. ފަހަރެއްގައިވެސް އެއިއްޔަކީ ގެދޮރުވެރި ކުރުމުގެ އެއްބަސްވުމެއް ނޫނެވެ. "ޔުނިޓް ކުއްޔަށް ދިނުމާއި މިލްކް ކުރުމުގެ އެއްބަސްވުން" އަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުމެކެވެ. އެހެނީ އަގުދެއްކުމާއި ކުލިދެއްކުމަކީ އުޑާ ބިމާހާ ތަފާތުދެކަމެވެ.