ފުލުހުންގެ ވެރިއަކަށް އަންނަން ތިބީ ކުށުގެ ތުހުމަތުން ފޯވެފާ ތިބިބައެއް؟

ފުލުހުންގެ ވެރިއަކަށް އަންނަން ތިބީ ކުށުގެ ތުހުމަތުން ފޯވެފާ ތިބިބައެއް؟

ފުލުހުންގެ ވެރިއަކަށް ހުންނަން ޖެހޭނީ ކޮމްޕްރަމައިޒް ނުވާ މީހެކެވެ. އެކި ވަރުގެ ކުށުގެ ތުހުމަތުތައް އެކިފެންވަރުގައި ނެތް މީހެކެވެ. 

ފުލުހުންނަކީ ކުށްކުރުމުން ރައްޔިތުން ދުރުކުރުމުގެ ގާނޫނީ ޒިންމާ އުފުލާ މީހުންނެވެ.  ވެރިއަކަށް ހުންނަން ވާނީ މޫނަކަށް ކަނދުރާއަކަށް ނުބަލާ ގާނޫނުގެ ހުކުމް ހިންގޭވަރުގެ މީހެކެވެ. އިލްމާއި ހުނަރާއި ހުރި މީހެކެވެ. އަހުލާގާއި ސުލޫކު ހުރި ނަޒަހާތްތެރި އެކެވެ. ގާނޫނު ނެގެހެއްޓުމަށް ފަސް ނުޖެހޭނެ ވަކި ބައެއްގެ މަސްލަހަތު އިސްނުކުރާނެ މީހެކެވެ. 

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ފައިނަގާ ކޮންމެ މީހަކުވެސް ބުނާނީ ތިމާ ވަރެއް ނުހުންނާނެ ކަމަށެވެ. މާޒީގައި ކޮންމެ ކަމެއް ކޮންމެހެނެއް ހިނގާފައި އޮތަސް މަގާމުގެ ޒިންމާ އަދާކުރާނީ ވަރަށް ރަނގަޅަށް ކަމަށް ބުނާނެއެވެ. އެކަމަކު އެހެން ވާނެ ހެއްޔެވެ. 

ފުލުހުންގެ ހުވާކޮށްގެން ހުއްޓާ އެ މީހެއްގެ މައްޗަށް ކުށުގެ އެކިވަރުގެ ތުހުމަތުކުރެވި މައްސަލަ ބަލާ ފިޔަވަޅު އެޅިފައި ހުންނަ މީހަކަށް އިތުބާރު ކުރާނީ ކާކުހެއްޔެވެ. ބަދަލު ހިފުމާއި ފޭވަރ ކުރުން ނެތިދާނެކަމަށް ގަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ.

ފަހަރެއްގައި މީހަކަށް ވީތީ ކުށެއް ކުރެވިފައި އޮވެދާނެއެވެ. އެކަމަކު މަތި މައްޗަށް ކުށުގެ ތުހުމަތު ކުރެވުމަކީ ތޮބީއަތުގައި ކުށްކުރުން އަށަގެންފައި ހުންނާނެ ކަމުގެ ދަލީލެކެވެ.ބައެއް ފަހަރު ތުހުމަތު ކުރެވޭ ކަމެއް ސާބިތު ނުވުމަކީ އެކަމެއް ނުކުރާނެ ކަމަށް ގަބޫލުކުރުމަށް އޮތް ހުއްޖަތެއް ނޫނެވެ. އެއަށްވުރެ ދިވެހި ފުލުހުންގެ ރެކޯޑް ގޯހެވެ. 

ސިޔާސީ އޮއިވަރުގައި ޖެހި އެކި އެކަށްހެން ފަށަދަ ވެފައިވާ ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު އޮތްތަނަކަށް ހެދުމުގެ ގާބިލުކަން މަތިފަޑީގައި ތިބި މީހުންގެ ތެރޭގައި ދާދިމަދެވެ. އެފަދަ މީހަކު މުއައްސަސާއާއި ހަވާލުވެގެން ރަނގަޅުކުރަން އުޅޭތީއެއް ނުފެނެއެވެ. 

ކޮމިޝަނަރު ކަމަށް ފައިނަގައިގެން އުޅޭތަން ފެންނަނީ ފަސްބައި ކިލަނބު ކުށުގެ ރެކޯޑުން ތަތްތެޅިފައި ތިބޭ މީހުންނެވެ. ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައި އޮތްވަރުން އެތާނގައި ކޮމިޝަނަރަކު ހަރެއްނުލައެވެ.