ޕީއެންސީން ހިންގާ ޖަރީމާތައް ހުއްޓުވުމުގެ ކެރުން ފުލުހުންގެ ހުންނާނެ!

ޕީއެންސީން ހިންގާ ޖަރީމާތައް ހުއްޓުވުމުގެ ކެރުން ފުލުހުންގެ ހުންނާނެ!

އެމްޑީޕީ އިސްނަގައިގެން މިރޭ ބާއްވާ މުޒާހަރާއާއި ގުޅިގެން ހަމަ ނުޖެހުން އުފައްދަން އުޅޭކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ފުލުހުންވަނީ އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ. ހަމަ ނުޖެހުން އުފައްދަން އުޅެނީ ކޮންބައެއްކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. 

ފުލުހުން އެބުނާ ހަމަ ނުޖެހުމެއް އުފައްދަން އުޅެނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޕީއެންސީގެ އިސްސަފުގައި އުޅޭ މީހުން ކުރާ ޓްވީޓް ތަކުންނާއި މާލެ ސަރަހައްދުގައި އަޑު ގަދަ ކުރާ ބޭނުންކޮށްގެން ޕީއެންސީން ޖަހާ ޕިކަޕް ބުރުތަކުން ހަމަ ނުޖެހުމަކަށް ޕީއެންސީން  ތައްޔާރު ވަމުންދާކަން އެގޭހާ ވެއެވެ. 

މިދާކަށް ދުވަހު މަޖިލީހުން ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޓަރީ ގާނޫނާ ހިލާފަށް ސޯޝަލް މީޑިއާގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ސިޔާސީވެރިން ކުރަމުންދާ ޕޯސްޓުތަކުން މީހުނަށް ވަގަށް ގޮވުމާއި ސާބިތު ނުހިފޭ ވާހަކަ ދެއްކުން އެހުރީ މެކުހުގައެވެ. ޕިކަޕްތަކުގައި އަޑު ގަދަކޮށް މީހުނަށް ވަގަށް ގޮވުމުގައި އަވަދިނެތި އުޅޭތާ ދެތިން ދުވަސް ވެއްޖެއެވެ. މީހުނަށް ވަގަށް ގޮވާ އަބުރު ކަތިލާ ލީފްލެޓްތައް ބެހުމަކީވެސް ޕީއެންސީ ކުރަމުން އައި ކަމެކެވެ. 

އަނެއްކޮޅުން މާލޭގައި މާރާމާރީ ހިންގުމަށް މަޝްހޫރު ގްރޫޕްތަކުގެ އެތައް ބަޔަކާއެކު ކުޑަގިރީގައި ޕީއެންސީން ވަނީ އަޑިނޭނގޭ ބައްދަލުވުންތައް ބާއްވާފައެވެ. މާރާމާރީގެ އެތައް މައސަލައެއްގައި އެތައް ފަހަރަކު ބަންދުކޮށް އަދަބު ދީފައިވާ މީހުން ޝަރަފްވެރި ކަމާއެކު ކުއްލިޔަކަށް ޕީއެންސީގެ މެންބަރުންނަށް ހަދާ އެކަމުގެ އިސްތިހާރު ވަނިކޮށްފައެވެ. 

ފުލުހުންގެ އިންޓަލިޖެންސްގައި އެކަންކަމުގެ މަައުލޫމާތު މާ ރަނގަޅަށް ހުންނާނެއެވެ. ނެނގޭ ކަމަކީ ރައީސް މުއިއްޒުގެ މަސްލަހަތުގައި ޕީއެންސީން ހިންގާ ޖަރީމާތަކާ ކުރިމަތި ލުމގެ ހިއްވަރު ފުލުހުންގެ ކިބައިގާ ހުންނާނެ ވަރެކެވެ. އެނގޭ ކަމަކީ ފުލުހުންނަށް ވަކި މީހަކު މުހިންމު ނުވާނެކަމެވެ. ފުލުހުންނަށް ވަކި މީހަކު މުހިންމު ނޫންކަން 2012 ވަނަ އަހަރު ފެބްރުއަރީ 7 ގައި ފުލުހުން ވަނީ ސާބިތުކޮށް ދީފައެވެ. ކޮންމެ މީހަކު ހުއްޓަސް ފުލުހުންނަށް މަދުވާނެ އެއްޗެއް ގެއްލޭނެ އެއްޗެއް ނުއޮންނާނެއެވެ. ހިއްވަރު ހުރިއްޔާ ޕީއެންސީން ހިންގާ ޖަރިމާތަށް ފުލުހުން ހުއްޓުވާނެއެވެ.