ހަރުކަށި ފިކުރުން ރާއްޖެ ހިފުން
އިލްމުވެރިންގެ ނަމުގައި މުއިއްޒަށް ތާދުކޮށް އިންޑިއާ އާ ނުރުހިގެން އުޅެނީ ދިވެހި ޕާކިސްތާނީން
އިންޑިއާ އާ ޕާކިސްތާނުގެ ޒަމާންވީ ހަތުރު ވެރިކަމަކީ ސިއްރެއް ނޫނެވެ. ބޭރު ގައުމަކުން ތަޢުލީމު ހާސިލްކޮށްލާނެ ފަދަ ދިވެހިންނަށް ނެތް އިރު އަމުދުން ރަށްފުށު ކުދިންނަށް ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާ އާ އަދިވެސް އެ ގައުމުގެ އެހެން މަދަރުސާ ތަކުގައި ތަޢުލީމު ޙާޞިލު ކުރުމުގެ ފުރްޞަތު ފަހިކޮށްފަައި އޮތީ ކީއްވެކަން މިހާރު އެބަ ރޭކާލައެވެ.
ޕާކިސްތާނަށް ފަހު މަދީނާއަށް ގޮސް އިތުރަށް ދީން ކިޔެވުމުގެ ފުރްޞަތު އޭގެ ބައެއް މީހުންނަށް ލިބުނެވެ. އެހެން ވިޔަސް ރާއްޖެ އައުމަށްފަހު އަޅާ ހެދުމުގައި ވެސް އަރަބި ސަގާފަތަށްވުރެ އެމީހުން ގަޔާވެގެން ލަނީ ޕާކިސްތާނާ އަފްޣާނިސްތާނުގެ ފަޓާނީ ހަރުވާޅާ އަރިފެޅި ދިގު ކުރުތާއެވެ. ބޯނިވާ ކުރަނީ ވެސް ދާދި އެއް ގޮތަށެވެ.
އަފްޣާނިސްތާނަކީ ދުނިޔޭގަައި އެންމެ ބޮޑު މަސްތުވާތަކެތީގެ އުފެއްދުންތެރިކަން އޮތް ގައުމެވެ. އެއް ބޯޑަރުން ޕާކިސްތާނާ އިންވެފައެވެ. ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް ޕީޕީއެމުން ދޭން ބުނި 10 ހާސް ރުފިޔާ ނުލިބުނަސް އަފްޣާންގެ ޑްރަގް ސިނާޢަތު އޮތީ އެހެނެއް ނޫނެވެ. ހެއްދިޔަސް ނުހެއްދިޔަސް އެ ބިމުގަައި އެހެރަ ހެދޭ އަފިހުން ގަސްތަށް ހީވާނީ ދެންމެ ދެންމެ ގަޔަށް އަރައިގެންފާނެ ހެނެވެ. ކަނޑު ބަނދަރުގެ ފަހިކަން ނެތުމާ ދުނިޔެއާ އޮންނަ ގުޅުން ކުޑަ ކަމުން އަފްޣާން މުދާ ހުއްދަ ލިބިގެންނާ ނުލިބި ދުނިޔެ ތެރެއަށް ސްމަގްލްވާން އޮތީ ޕާކިސްތާން ބޯޑަރެވެ.
އިލްމުވެރިންގެ ނަމުގައި ލިސްޓް ހަދާލާ އިރު 300އަށް ވުރެ ގިނަ ވެގެން މުއިއްޒަށް ތާދުކޮށް އިންޑިއާ އާ ނުރުހިގެން މިއުޅެނީ ދިވެހި ޕާކިސްތާނީންނެވެ. ދިވެހި ފަސްގަނޑުގައި ދީނުގެ ނަމުގައި އިންޑިއާ އާ ވިއްދާނެ ބަޔަކު ރާއްޖޭގައި މިއޮތީ ޕާކިސްތާނަށް ހިލޭ ސާބަހަށް ލިބިފައެވެ.
އިންޑިއާ އަކީ މި ސަރަހައްދުގައި ޑްރަގް ހިފައިގެން ދަތުރު ކުރާ އުޅަނދު ފަހަރަށް އޮތް ބޮޑު ހުރަހެވެ. އެބޯޓް ތަކަށް ފާރަލާ ހުއްޓުވާ އަތުލައިގަންނަ ބަޔަކީ އިންޑިއާ ނޭވީއާ އެއަރފޯސްގެ ސިފައިންނެވެ. ވީއިރު މުއިއްޒަށް ތާއީދުކޮށް އިންޑިއާ އައުޓަށް މަރުދޭ ޢިލްމުވެރިންނާ ހުރެ ދިވެހިން ހައިރާން ވާނެ ކަމެއް ނެތެވ.