މުއިއްޒުގެ ފުށުން ހުޅުމާލެ މިންޖުކުރާނީ މީމު ސައްޕެ!
އެމްޑީޕީ އެމްޑީޕީގެ ގޮތުގައި އުފެދި ބޮޑުވީ މީމު ސައްޕަމެންގެ މަތިވެރި ގުރުބާނީން
ޒަމާނުއްސުރެ ރާއްޖޭގައި އެއިރަކު އޮންނަ ސަރުކާރަށް ފާޑު ކިޔުމަކީ ކުށެއްކަމަށް އޮތް އޮތުން ބަދަލުވެގެން ދިޔައީ މަލްޓިޕާޓީ ޑިމޮކްރަސީއާއިއެކުގައެވެ. ކަތިގޮތަކަށްވެސް ސަރުކާރަށް ފާޑެއްކިޔައިފިތަ! އެދެން ދުވަސް ދިޔައީއެވެ. އެހެން ނަމަވެސް ރައީސް މައުމޫނު ވެރިކަމުގައި ދޭތެރެ ދޭތެރެއިން ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު ހުޅުވާލާފައި އެބަހުއްޓެވެ. ރައީސް މައުމޫނު ވެރިކަމުގައި އެކިފަހަރު މަތިން ފާޑުކިޔުމަށް ހުޅުވާލި ހުޅުވާލުމަކީ ވާދަވެރިން ދެނެގަތުމަށް ވަކަރަށް ޖަހާލާ ޖަހާލުމެކެވެ. ކޮންމެ ފަހަރަކު އެތައް ބަޔަކު ފާހަގަކޮށް ދައުލަތާ އިދިކޮޅު ހަރަކާތާއި ފިތުނައިގެ ނަމުގައި އެތައް ބަޔަކަށް ބޮޑެތި އުގޫބާތްތައް ލިބި ބޮޑެތި އަނިޔާތަށް ލިބިފައިވެއެވެ.
އީވާން ނަސީމުގެ މަރަށްފަހު އުފެދުނު ނުތަނަވަސް ކަމުގެ ހުޅުފަޅައިގެން ގޮސް ސިޔާސީ އިސްލާހީ ހަރަކާތަށް މަގު ހުޅުވާލަން މައުމޫނަށް މަޖުބޫރުވިއެވެ. އިސްލާހީ އެޖެންޑާ އިއުލާނުކޮށް ހޮޓާ ހޮޓަލާއި ހޮޅުއަށީގައިވެސް ސިޔާސީ ވާހަކަ ދައްކާށޭ ބުނެ ހުޅުވާލިއެވެ. އިސްލާހީ އެޖެންޑާގެ ދަށުން ހުޅުވާލި ހުޅުވަލުމަކީވެސް އިހުލާސްތެރި ކަމާއެކު ހުޅުވާލި ހުޅުވާލުމެއް ކަމަކަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. ބަޔަކު ހުނި ޖަހާލާ ޖަލަށް އަޅާލަން ހުޅުވާލި ހުޅުވާލުމެއް ކަމަށް ގިނަ ބަޔަކު ދުއްޓެވެ. ގަންނާ ކުރައްވާ ބިރުން ބަސްބުނަން ކިއްކުރަން ހެއްޔެވެ. ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން ދައްކާ ވާހަކައެއް އަޑުއަހާލަންވެސް ބިރުގަނެއެވެ. ބޯޅައެއް ޖަހައިގެން ވެދާނެ ގޮތެއް ނޭނގޭތީއެވެ.
މައުމޫނު އެހުޅުވާލި ހުޅުވާލުމުން މާލޭގައި ފެށުނު މިނިވަން ބަހުސްތަކާއި ދުންފިނި ހަރުގެއާއި ރަށްރަށުގެ އެއްވުންތަކުގައި ބިރެއް ޖެހެލުމެއްނެތި ހައްގުބަސް ބުނަން ކެރުނީ މަދު މީހަކަށެވެ. ރައްޔިތުން ބިރު ފަހަނައަޅާ ހައްގު މިންވަރު ހޯދަން އަޑު އުފުލުމުގެ ހިތްވަރު ލިބިގަތީ ވަރަށް މަދު ބައެއްގެ ކެރުމާއި ހިތްވަރާއި ފަންވަރުންނެވެ. އެދުވަހުގެ ނުރައްކާތެރިކަމާއި ރައްޔިތުންގެ ތެރޭގައި އޮތް ޖެހެލުންވުމާއި ފަސްޖެހުން ނައްތާލީ ވަރަށް މަދުބައެއްގެ ކެރުމާއި ހިތްވަރުންނެވެ. މައުމޫނު ވެރިކަމުގެ ބާރު ރައްޔިތުންގެ އަތް މައްޗަށް ފޮރޮޅާލުމުގެ އެންމެ ވަރުގަދަ އެއް ފަހުލަވާނަކީ މަޝްހޫރު މީމު ސާއްޕެއެވެ.
ދުންފިނި ހަރުގޭގެ ފުރާނައަކީ މީމު ސައްޕެއެވެ. އެމްޑީޕީ، އެމްޑީޕީއެއްގެ ގޮތުގައި އުފެދި ބޮޑުވީ މީމު ސައްޕަމެންގެ މަތިވެރި ގުރުބާނީންނެވެ. އަމިއްލައަށް އަރުވާލެވިގެން ރާއްޖޭން ބޭރުގައި ހުރި އަންނި އެނބުރި ރާއްޖެ ގެނައުމުގެ ދަތުރުގައި އަންނިއާއެކު ބައިވެރިވާން ކެރުނު ހަމައެކަނި ފަހުލަވާނަކީވެސް ޖެހެލުން ކުޑަ މީމު ސައްޕައެވެ.
ސައްޕެމެން ކަހަލަ ހިތްވަރު ގަދަ ޖެހެލުން ކުޑަ ފަހުލަވާނުންނަށް އަނެއްކާވެސް އެމްޑީޕީ މިވަނީ ބޭނުންވެފައެވެ. އަމްދުން ރައީސް މުއިއްޒުގެ ވަކިތަކުގެ ދަށުގައި ގައިދުވެފައިވާ ހުޅުމާލެ ސަލާމަތް ކުރުމަށް ޖެހެލުން ކުޑަ މީމު ސައްޕެގެ ލީޑަރޝިޕް ހުޅުމާލެއަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. ހުޅުމާލެ މެދު ދައިރާގެ އެމްޑީޕީ މެންބަރުނަށް މިވަގުތު އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ މީމު ސައްޕެއެވެ.