ނައިފަރު ޝިޔާމަކީ ސްޕްރީމްކޯޓެއް އުއްތަމަ ފަނޑިޔާރެއްނޫން!
ދައުލަތުގެ އެންމެ މަތީ މަސްލަހަތަށް އިހުތިރާމް ނުކުރާ މެންބަރަކީ މެންބަރެއް ނޫން.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށް ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމް ނޫސްވެރިންގާތުގައި މިއަދު ބުނެފިއެވެ. އެބުނި ބުނުމުން އަހުމަދު ޝިޔާމް އިސްވެ ހުރެ ސިޔާސީ ހަރަކާތުގެ ނަމުގައި އެ ހިންގަނީ ދައުލަތާ އިދިކޮޅު ހަރަކާތް ތަކެއްކަން ވަރަށް ރަނގަޅަށް ސާބިތެވެ. ތިމާގެ ސައިޒު އޮޅި ރައްޔިތުންގެ އަޑު އުފުލަނީ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައާއި މަޖިލީހުން ބޭރުގައި ޝިޔާމާއި އޭނާގެ ބައިވެރިން އެހިންގަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ނޫންކަން އަމިއްލަ ދުލުން އެހުރެ އިއުތިރާފް ވަނީއެވެ.
ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުހައްމަދު ސާލިހަކީ ދިވެހި ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް 2018 ގައި ދިވެހިރައްޔިތުން ހޮވާފައިވާ ރާއްޖޭގެ ގާނޫނީ ރައީސެވެ. އެ މަނިކުފާނުގެ ދައުރު ހަމަވާނީ 11 ނޮވެންބަރ 2023 ގައެވެ. އެ މަނިކުފަނުގެ ރައީސް ކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ރާއްޖޭގެ ރައްޔިތުން މަޖިލީހުގައި ސުވާލު އުފައްދާ އިތުބާރު ނެތްކަމުގެ ކުޑަވެސް ކަމެއް ހިނގާފައެއް ނުވެއެވެ. ރާއްޖޭގެ ރައީސް ކަމުގެ ޝަރުތެއް އުނިވެ ރައީސް ކަމުގެ ލެޖިޓަމަސީއާއި ގުޅޭ އެއްވެސް ދައުވާއެއް ޝަރީއަތެއް ހުކުމެއް މިހާތަނަކަށް ނެތެވެ. ގާނޫނުގައި ބަޔާންވެފައި ނެތް ގޮތަކަށް ހިނދުކޮޅަކަށް ވެސް މަގާމުން ތަނާޒުލްވެ ވަޑައިގެންފައެއް ނެތެވެ. ނައިފަރު ޝިޔާމްމެން ކިތަންމެ ނަފްރަތު ކުރިޔަސް އިބްރާހީމް މުހައްމަދު ސާލިހަކީ މި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކިތަންމެ ވަރަކަށް ޕީޕީއެމް ޕީއެންސީ ސިޔާސީ ޗަރުކޭސް ކުޅުނަސް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގާނޫނީ ހައިސިއްޔަތާއި މެދު ރައްޔިތުންގެ ތެރޭގައި ދައްކަނީކީ ލޯމަރާލައިގެން ތިބެވޭ ޒާތުގެ ވާހަކައެއް ނޫނެވެ. ހަނި އަގުލަބިއްޔަތަކުން ނައިފަރު ދާއިރާގެ ގޮނޑި ލިބިފައި އޮތަސް ނައިފަރު ދާއިރާގެ މެޖޯރިޓީ އޮތީ ޝިޔާމާ އެއްކޮޅަކަށް ނޫނެވެ. ޝިޔާމް ތިޔަ ދައްކަނީ ނައިފަރު ދައިރާގެ ރައްޔިތުންގެ މެޖޯރިޓީ ދައްކަން ބޭނުންވެގެން ދައްކާ ވާހަކައެއް ނޫނެވެ. އަދި ޝިޔާމަށް ވޯޓުދީގެން ހޮވި ގިނަ މީހުން ދައްކަން ބޭނުންވާ ވާހަކައެއް ވެސް ނޫނެވެ. ޝިޔާމު ހިތުން ޝިޔާމުގެ ދުލުން ނިކުންނާނީ ރައްޔިތުންގެ އަޑެވެ. އެހެނެއް ނުވާނެއެވެ.
ދައުލަތުގެ އެންމެ މަތީ މަސްލަހަތަށް އިހުތިރާމް ނުކުރާ މެންބަރަކީ މެންބަރެއް ނޫނެވެ. މަޖިލީހުގެ ބަލައިގަނެ ގަބޫލުކޮށްފައިވާ ކަމެއް އަމިއްލަ އެދުމުން ފޯވެފާ ތިބި ޝިޔާމުމެން ކަހަލަ ރޮނގާއްޔަށް ބަދަލު ކުރެވޭހެއްޔެވެ. ނުކުރެވޭނެއެވެ. މެޖޯރިޓީއަށް ތަބާނުވެ ބޮކިޖަހަޖަހާ ތިބެން ޖެހޭނީ ބޭރުގައެވެ. މަޖިލީހުގެ ނިޒާމު ގެއްލުވައިލާ މެޖޯރިޓީގެ ހައްގު ގެއްލުވައިލަން ފުމެންޏާ ތިބެން ޖެހެނީ ދަނޑުން ބޭރުގައެވެ. ރަތްކާޑު ދައްކާ ބެންޗުން ބޭރު ކުރަން ޖެނުނީމާ ޖެހޭނީ ބެންޗުން ވެސް ބޭރު ކުރާށެވެ.
ހަޖަމް ނުވިޔަސް ރިޔާސީ ބަޔާން މިއަދު އެ އިއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއޔާއެވެ. ރައީސް ސާލިހުގެ ގަނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދާ ހުކުން ކުރަން ޝިޔާމަކީ ސްޕްރީމް ކޯޓެއް އުއްތަމަ ފަނޑިޔާރެއް ނޫނެވެ.