ގާސިމަށް މިވީ ކިހިނެއް
ވަށާލާފައި ތިބެ ދިނީ ދޯކާ
ވިސްނާ ފިކުރު ކުރާ ބަޔަކަށް ރަނގަޅު ފިލާވަޅެކެވެ. ރާއްޖޭގައި ޒަމާނުއްސުރެ ކިންގމޭކަރ ގޮތުގައި ހުންނެވި ގާސިމް އިބްރާހިމްއަށް ރިޔާސީ އިންތިހާބުގައި މުޅި ރާއްޖޭން ފަސްހާހެއް ވޯޓް ލިބި ވަޑައިގަތި ކިރިޔަކިރިޔާއެވެ.
ގާސިމްގެ ވަށައިގެން އަތުރާލާފާތިބީ ނަމުން ފިސާރި ބުރަދަންހުރި މީހުނެވެ. ކުރީގެ ރައީސް ވަހީދާ ކުރީގެ ނައިބު ރައީސް ޖިހާދެވެ. ވަޒީރު އައިޝާ އާއި ވަޒީރު ޑރ. ހުސައިން އެވެ.
ކުރީގެ ވަޒީރުން ކަމުގައިވާ އަމީން އިބްރާހިމްއާއި އަލީ ވަހީދާއި އަބްދުއްލާ އަމީނާއި އަޒްލީން އާއި އަމާލު އަލީއާއި މަހުމޫދު ޝައުގީއާއި މުހައްމަދު ޝިހާބެވެ.
ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބުރައީސް އަހުމަދު ނާޒިމާއި ކުރީގެ މެންބަރު އިލްހާމާއި ނިހާނާއި އަލީ އާރިފާއި ރިޔާޒް ރަޝިދާއި އަބްދުއްލާއާއި މަޖިލިސް މެންބަރ އަލީ ހުސޭނެވެ. ނަން ހުސްކޮށް މިނޫންވެސް މަޝްހޫރު ކިތަންމެ ބައެކެވެ.
ސިޔާސީ ގޮތުން ގައުމުގެ ކަންކަން ހަމަޔަށް އަޅުވަން ފުރުސަތު ލިބި ލިބުނު ފުރުސަތުގެ ބޭނުން ކުރަން ނޭނގި ފެއިލްވެފައި ތިބި ގިނަ މީހުންތަކެއް އެއްކޮށްގެން ނިކުތް ނަތީޖާ ގާސިމަށް ދެއްކީ ސުމަކުންނެވެ.
މިއެންމެންގެ އާއިލާތަކާ އެމީހުން ބަސް ގަބޫލުކުރާ ބަޔަކު ގައުމުގައި ނެތީ ހެއްޔެވެ. މާމިގިލިން ނޫނީ ގާސިމަށް ވޯޓް ނުލިބުނީ ކީއްވެހެއްޔެވެ. އެއިން އެއްވެސް މީހަކު މަސައްކަތް ނުކުރަނީ ހެއްޔެވެ. ބަޔަކު އެމީހުން ބަލައި ނުގަތަސް އެމީހުންގެ އަމިއްލަ އާއިލާތަކުގެ ވޯޓް ގާސިމަށް ދިންނަމަވެސް ވީހީ އެވަރެއް ނޫނެވެ.
ކަނދު ފައްޗެއްގައި މަސް އަޅާގެން ގާސިމް ވަށާލާފައިތިބެ އަމިއްލަ ޖީބުތައް ފުރާލައިގެން ވޯޓް ނުދީ ގާސިމަށް ދޯކާ ދިނިއްޔޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.