ޔާމީނަށް ނުހިންގާ ޝަރީއަތް ހިންގާނެ އެހެން މީހަކު ނުހުންނާނެ
ނިހާއީ ހުކުމަށް އިންތިޒާރު ކުރިމީހުނަށް މިވީ ކިހިނެތް
ނިހާއީ ހުކުމް އަންނަން ދެން ދަށު ކޯޓުތަކުން ކުރާ ހުކުމަކީ ހުކުމެއް ނޫން ކަމަށް ވިސްނާދޭން ގަސްދުގައި ބަޔަކު މީހުން ލައްކަ މަސްކަތް ކޮށްފިއެވެ. މިއުޅެވެނީ މަހުޝަރުގެ މައިދާނުގައޭ ހީވަނީ ތޯއްޗެކެވެ. ހައްދު ގާއިމު ކުރުމުގައި ނޫނީ ނިހާއީ ހުކުމަކީ އިންތިޒާރު ކުރެވެން އޮންނަ ކަމެއް ނޫންކަން ކަނޑައެޅިގެން އެނގިތިބެ ގާނޫނީ ބައެއް މީހުން ކަންކަން އޮޅުވަނީ އެ މީހުންގެ މަސްލަހަތަށެވެ.
ސްޕްރީމް ކޯޓްގެ ހުކުމަކީ ނިހާއީ ހުކުމް ކަމަށް ބުނި މީހުނަށް ވީގޮތް ދެކޭށެވެ. ރައީސް ޔާމީނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަ ނުވާ މީހެއް ކަމަށް ކަނޑަ އަޅަންދެން ޕީޕީއެމް-ޕީއެންސީއަށް ސްޕްރީމް ކޯޓުވަރެއް ނެތެވެ. ވާނީ އެހެންތާއެވެ. ވޮޑުމުލާ މައްސަލައިގައި ދެ އަކުރުގެ ފަރަގަކުން ރައީސް ޔާމީނު މިނިވަން ވުމުން ސްޕްރީމް ކޯޓުން އިންސާފު ލިބެވޭ ކަމަށް ގަބޫލުކޮށް އެކޯޓަށް އެމީހުން ތައުރީފްކުރިއެވެ. ސްޕްރީމް ކޯޓަކީ ސަރުކާރުގެ ނުފޫޒެއް ނުފޯރާ މުސްތަގިއްލު ތަނެއް ކަމަށް އެ މީހުން އޭރު ބުންޏެވެ. ބޭނުންވާ ގޮތަށް ހުކުމް ނުކުރާ ކޮންމެ ފަހަރަކު ކޯޓުތަކުން އިންސާފު ލިބޭކަމަކަށް ނުވެއެވެ.
ވ. އާރަށު މައްސަލަ ފައިސަލާކުރި ދަށު ކޯޓްގެ ހުކުމް ޔާމީނުގެ އައުވަނުންނަށް ވީ ހަރާން ހުކުމަކަށެވެ. އާރަށް ލީޒްކުރި ފަރާތުން ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ޑޮލަރުގަތް ފައިސާއަށް ނުހެދީމާ ކޯޓުވީ ގޯހެވެ. ޑޮލަރުގެ ވިޔަފާރި ކުރުން ހުއްދަނޫން ފަރާތަކުން ރައީސް ކަމުގައި ހުރި މީހާ ޑޮލަރު ގަތުމަކީ ގާނޫނު އަސާސީ މަނާކުރާ ކަމެއް ކަމަށް ވެގެން އެކަމުގެ މައްޗަށް ދައުވާ އުފުލުނު ނަމަ ބުނީހީ ކީކޭބާވައެވެ.
ދައުލަތަށް ޚިޔާނަތްތެރިވުން ނޫން ކަމެއް ރައީސް ޔާމީނު ކޮށްފައި ނެތްކަން ކިތަންމެ ހާވެސް ރަނގަޅަށް ސާބިތުވެއެވެ. އެކަމަކު ކަނުލޯ ތަކަކަށް ނުފެންނާނެ ތާއެވެ. ކުރީގެ ރައީސް ޔާމީނުގެ މައުސޫމުކަން ދެއްކުމަށް ދައްކާ އެހެން ބަހަނާއެއް އޮވެއެވެ. އެވާހަކއަށް ވިސްނަލާށެވެ.
އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރިވީ ކިތަންމެ ބަޔަކު ތިބި ވާހަކައާއި ރައީސް ޔާމީނުގެ މައްސަލަ އެކަނި ބަލާ ވާހަކައެވެ. ރައިސް ޔާމީނު އެކަނި ޖަލުގައި އޮތް ވާހަކައެވެ. ގަބޫލުކުާ ބަޔަކަށް އެނގޭނެއެވެ. އެމްއެމް ޕީއާރުސީ ހިޔާނަތާއި ގުޅިގެން ބެލެނީ ރައީސް ޔާމީނުގެ މައްސަލަ އެކަންޏެއް ނޫނެވެ. ކިތަންމެ ބައެއްގެ މައްސަލަ އެބަ ބެލެއެވެ. ދިދައަކަށް ނަގައިގެން އެ ވާހަކަ ދައްކަނީ ޔާމީނުގެ ވާހަކަ އެކަންޏެވެ. އެ މައްސަލައިގައި ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ތިބީ ކިތަންމެ ބަޔެކެވެ.
އަންތަރީސް ވާހާވެއެވެ. އެސްއޯއެފުން ޑޮލަރު ގަތް އާދައިގެ ވިޔަފާރި ގަނޑެއް ހިންގި މަހުލޫފު ފަދަ ކުޑަ ކުޑަ ވިޔަފާރިވެރިއަކާ ވެރިކަމުގައި ހުރެ އަމިއްލަ އެކައުންޓަށް ހިޔާނާތުގެ ފައިސާ ޖަމާ ކުރިވި ޔާމީނާ އެއްފަދަ ވަނީ ކޮންހެނެއް ހެއްޔެވެ. ބޭރުން މުދާ ގަންނާށާއި ހައްޖަށް ފުރަން އުޅޭ މީހާ ލިބެން ހުރި ތާކުން ޑޮލަރު ގަތުމާ، ވެރިކަމުގައި ހުރެ ދައުލަތުގެ އެސެޓްތައް ނަހަމަ ގޮތުގައި ލީސްކޮށްގެން ފަސާދަ ހިންގަން ފުރުސަތުދީ އޭގެން ބައެއް އަމިއްލަ އެކައުންޓަށާއި ގެއަށް ވެއްދުވި މީހާއާއި އެއްގޮތް ވާނީ ކިހިނެއް ހެއްޔެވެ.
ވެރިކަމުގާ ބަގުޑި ބައްދާ ބާރު ގަދަކުރަން ގާނޫނު އަސާސީ ބަދަލު ކުރުމައްޓަކާ ހިޔާނާތުން ފައިސާ ހޯދުވިއެވެ. ހިޔާނާތުގެ ފައިސާއިން ރިޝްވަތު ބަހުވާ ގާނޫނު އަސާސިއަށް ބަދަލުގެނައެވެ. ރިޝްވަތުދީގެން ގެނައި ބަދަލު ތަންފީޒުކޮށް ހެދި ގަންދީ ހުވާކޮށްގެން ރައީސް ކަމުގެ މަގާމުގައި ހުރި ޔާމީނު އެހެން މީހުންނާ އެއްވަރު ވާނީ ކިހިނެއް ހެއްޔެވެ. ހިޔާނާތްތެރިވުމަށް މަގުދައްކާ މަގު ކޮށާދީ ހިޔާނާތުން ފައިސާ ހޯދާ އެ ފައިސާ ބޭނުންކޮށް ބަހާ ރިޝްވަތުދީ ހެދީ ގާނޫނުގެ ދޫމަޅިއަކުން ދެމިގަނެވޭ ތަން ފެންނާތީ ތާއެވެ. އެކަމެއް އެހެނެއް ނުވިއެވެ. ވެރިކަން ކުރަހާ މީހަކު ޖަލަށް ދާންޖެހޭ ކަމަށް ބުނެ ކަމުގެ ސީރިއަސްކަން ކަނޑާލަން ރާވައިގެން ވާހަކަ ފެތުރިޔަސް ހަގީގަތަކީ ޔާމީނަށް ޝަރީއަތް ނުހިންގާ ޝަރީއަތް ހިންގާނެ އެހެން މީހަކު ނުހުންނާނެ ކަމެވެ.