ނޮވެމްބަރ 17އަށްފަހު އިޒްރޭލަކީ ގައުމެއް ނޫން!؟

އިންޑިއާގެ މައްޗަށް ބައިނަލްއަގްވާމީ ޖަރީމާއެއް ހިންގިކަން ސާބިތު ވާނެ

ނޮވެމްބަރ 17އަށްފަހު އިޒްރޭލަކީ ގައުމެއް ނޫން!؟

ހުވާ ކުރެއްވުމަށް ފަހު ޑރ. މުއިއްޒު ފުރަތަމަ ކުރައްވަންޖެހޭ ބޮޑު ކަމަކީ ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމެވެ. އެ މަނިކުފާނު ވެރިކަމަށް ހޮވި އެންމެ ބޮޑު ބޭނުމަކީ އެއީއެވެ. އިންޑިއާ ސިފައިން ރާއްޖެ އެރިގޮތަކާ އެކަން ކުރިއްޔާ ކުރި ބަޔަކާ އެކަން ހިނގި އަހަރެއް މަހެއް ނޭނގުނަސް ޑރ. މުއިއްޒަށް އޮތީ ރާއްޖެއިން އިންޑިއާ ސިފައިން ބާލާ ގައުމު މިނިވަން ކުރުމެވެ.

ރާއްޖެެއިން އިންޑިއާ ސިފައިން ބޭލުމާއެކު، އިންޑިއާގެ މައްޗަށް ބައިނަލްއަގްވާމީ މާސިންގާ ޖަރީމާއެއް ހިންގިކަން ސާބިތު ވާނެއެވެ. އެއީ އެ މީހުން އަވަށްޓެރި މިނިވަން ގައުމަކަށް ސިފައިން އަރުވާ އެ ގައުމު އަޅުވެތި ކޮށްގެން ތިބި ކަމުގެ ބޮޑު ކުށެވެ. އެއީ ބައިނަލް އަގްވާމީ ހުރިހާ ހަމަތަކާ ގާނޫނު ތަކުން މުޅިން މަނާ ކަމެކެވެ. އިންޑިއާ އެދަނީ ދުނިޔޭގެ ކުރިމަތީގައި ފިސާރި ފަޟީޙަތްވެ ރަނގަޅު ބޮނޑިއެއް ބޯށެވެ. ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެެއްވުމާ އެކު އިންޑިއާގެ ދުވަސްދަނީތާއެވެ؟

ދައްކަން މިއުޅެނީ އިންޑިއާ ސިފައިން ބޭލުމާ އެކުއެކީ ކުރަންޖެހޭ އެހެން ކަމެއްގެ ވާހަކައެވެ. އެއީ އިޒްރޭލަކީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ގަބޫލު ކުރާކަން ކުއްލި އަކަށް ފަޅާ އެރި ކަމަށް ހަދައިގެން ފަތުރަން ފެށި އަޑެވެ. ކިޔަވައިދޭ ޓެކްސް ފޮތެއްގައި އިޒްރޭލަކީ ގައުމެއް ކަމުގައި އޮވެގެން އެޑިއުކޭޝަން މިނިސްޓަރުގެ ފޮޓޯ ޖަހައިގެން އެ ވާހަކަ ދައްކަން ފެށީއެވެ. ހީވަނީ އިޒްރޭލަކީ ގައުމެއް ކަމުގައި ބަލައިގަތީ ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ވެރިކަމުގައި އޭނާ ހެންނެވެ. ކޮންތާކު ހެެއްޔެވެ؟ ނިމިދިޔަ ހުރިހާ ވެރިކަމެއް ނިމިދިޔައީ ވެސް އިޒްރޭލަކީ ގައުމެއްގެ ގޮތުގައި  ބަލައިގަނެގެން ތިބެއެވެ.

ކޮންމެ ބަޔަކު ކުރިއަސް މާގިނަ ދުވަހެއް ނެތްތާއެވެ. ދިވެހިން ތިބީ ބަލާށެވެ. ޑރ. މުއިއްޒު ހުވާ ކުރައްވާ ގޮތަށް އިޒްރޭލަކީ ދިވެހިރާއްޖެއިން ގަބޫލު ކުރާ ގައުމެއް ނޫން ކަމުގައި ކަނޑައަޅުއްވާ އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެއެވެ.